ކުޅިވަރު

އިވޯބީ ނައިޖީރިއާ ވޯލްޑްކަޕަށް ކޮލިފައިކޮށް ދީފި

Oct 8, 2017

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި، އާސެނަލްގެ އެލެކްސް އިވޯބީ ގެމްބިއާ ކޮޅަށް ލަނޑުޖައި 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ނައިޖީރިއާ ކޮލިފައި ކޮށްދީފި އެވެ.

އިވޯބީ ކުޅެން އެރީ، މެޗުގެ 66 ވަނަ މިނެޓްގައި މޯސަސް ސިމޯންގެ ބަދަލުގަ އެވެ. އިވޯބީ ނައިޖީރިއާގެ ލަނޑު ކާމިޔާބު ކުރީ އޭގެ ހަތް މިނެޓް ފަހުން ނެވެ. ޕެނަލްޓީ އޭރިއާގެ އަރިމަތީގައި ހުރެފައި، ޝެހޫ އަބްދުﷲ ބޯޅަ ނަގައިދިނީ، އޭރިއާ ތެރޭގައި ހުރި އިވޯބީ އަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. އެ ލަނޑު ޖެހގުމުގައި، ޗެލްސީގެ ވިކްޓާ މޯސަސްގެ ހިއްސާވެސް ބޮޑެވެ. ޝެހޫ އަބްދުﷲ އަށް މޯސަސް ބޯޅަ ދިނީ އޭނާއަށް ގޯލައާ އަމާޒުކޮށް ފޮނުވާލެވޭ އޭންގަލެއްގައި ހުރެފަ އެވެ.

މި މޮޅާއެކު ނައިޖީރިއާ ވަނީ ގުރޫޕް 'ބީ' ގެ އެއް ވަނައިގައި، ހަ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އަދި އެ ޓީމަކީ އެފްރިކާ ޒޯނުން ވޯލްޑް ކަޕްގެ ޖާގަ ހޯދި ފުރަތަމަ ޓީމެވެ.

ނައިޖީރިއާ ވަނީ އެންމެ ފަހުން ބޭއްވި ހަތް ވޯލްޑް ކަޕްގެ ތެރެއިން ހަ މުބާރާތަށް ކޮލިފައި ވެފަ އެވެ. އެ ޓީމަށް ފުރުސަތު ގެއްލުނީ ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ނެވެ. ބްރެޒިލްގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް އެ ޓީމު ދަތުރު ކުރި އެވެ.

އެފްރިކާ ޒޯންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބލާއިރު، ކޭޕްވާޑް އައިލެންޑްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، ސެނަގާލް ވަނީ ގުރޫޕް "ޑީ" ގެ އެއް ވަނަ އަށް ޖެހިލާފަ އެވެ.