އަލިފާން

މާބައިދޫ ތެޔޮ ގުދަން އަނދާ ހުލިވެއްޖެ

ލ. މާބައިދޫ ތެޔޮ ގުދަނެއްގައި ރޯވެ، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:40 ހާއިރު އެވެ. ގުދަނުގައި ވަރަށް ބޮޑަށް ރޯވި ނަމަވެސް މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ފުރަތަމަ ކޮށްފައިވަނީ އެ ރަށު ރައްޔިތުންނެވެ. ރައްޔިތުން އަލިފާން ނިއްވުމަށް މަސައްކަތް ކޮށްފައިވަނީ ފެނާއި ވެލި ޖަހައިގެންނެވެ. އެ ރަށަކީ ފަޔާ ފައިޓަރުން ތިބޭ ރަށެއް ނޫނެވެ.

އަލިފާނުގެ ހާދިސާ ހިނގި ގުދަނާ ޖެހިގެން ހުރި ކާޑް ރައްކާކުރާ ގުދަނަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ސަރަހައްދަކީ ގެތައް ވެސް ހުންނަ ހިސާބެކެވެ. އަލިފާން ރޯވި ގުދަނަކީ އެ އަތޮޅުގައި ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހެއްގެ ގުދަނެކެވެ.

އެމްއެންޑީއެފްއިން ބުނީ، އެކަމުގެ މައުލޫމާތު 11:45 ހާއިރު ލިބިފައިވާ ކަމަށެވެ. ލ. ކައްދޫގައި ތިބި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އަލިފާން ނިއްވާ ސާމާނާއެކު މާބައިދޫއަށް ގޮސްފައިވާ ކަމަށެވެ.

ގުދަނުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފްއިން ބުނީ އަލިފާންގަނޑު ކޮންޓްރޯލްކުރީ ފޯމް ބޭނުންކޮށްގެން ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ 12:40 ހާއިރު އެވެ.