ދުނިޔެ

ކިމް ޖޮން އުންގެ އަންހެން ކޮއްކޮއަށް ބާރުތަކެއް ދީފި

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮން އަށް އެގައުމުގެ ސަރުކާރު ހިންގާ ޕޮލިޓް ބިއުރޯގެ މަގާމެއް ދީފިއެވެ.

ބެލެވޭ ގޮތުގައި އުމުރުފުޅުން 28 އަހަރުގެ ކޮށްކޯފުޅަށް މަގާމު ދެއްވީ ބައްޕާފުޅު ކިމް ޖޮން އިލްގެ ދުވަސްވަރު އެ މަގާމުގައި ހުންނެވި ބޮޑުދައިތާފުޅުގެ ބަދަލުގައެވެ. މި ފިޔަވަޅަކީ ވެރިކަމުގެ ބާރުތައް އަމިއްލަފުޅު އާއިލާއަށް އިތުރަށް ޖަމާ ކުރެއްވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

" އެކަމުން ދޭހަކޮށްދެވީ އޭނާ ( ކިމް ޖޯ ޔޮން)ގެ މަގާމައި މަސައްކަތް ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ ބޮޑުވެފައިވާކަން. އަދި މިއީ އާއިލާގެ ނުފޫޒު އިތުރަށް ވަރުގަދަވުން،" އުތުރުކޮރެއާގެ މަޝްރަހު ދިރާސާ ކުރާ ' 38 ނޯތު ' ވެބްސައިޓްގައި މަސައްކަތްކުރައްވާ މާހިރެއް ކަމަށްވާ މައިކަލް މޭޑުން ރޮއިޓާސްއަށް ވިދާޅުވެފައި ވެއެވެ.

ކިމްގެ ކޮށްކޯފުޅަށް މަގާމު ދެއްވީ ވެރިކަން ވޯކާސް ޕާޓީގެ ބައްދަލުވުމެއްގައި ކަމަށް އުތުރުކޮރެއާގެ ގައުމީ ޓީބީ ކޭސީއެންއޭއިން ބުންޏެވެ. އެ ބައްދަލުވުމުގައި ކިމް ވަނީ އެގައުމުގެ ނިއުކްލިއަ މަޝްރޫއަށް ވެސް ތައުރީފު ކުރައްވާފައެވެ. އެގޮތުން އެ މަޝްރޫއަކީ އެގައުމުން އުފައްދާފައިވާ ނިއުކްލިއަ ހަތިޔާރަކީ ކޮރެއަން ޕެނިންސިއުލާގެ ސަލާމަތާ ރައްކާތެރިކަމަށް އޮތް ބާރުގަދަ ވަސީލަތެއް ކަމަށެވެ.

ކިމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ކޮރެއާ މައްސަލަ ހައްލުކުރަން އޮތީ އެންމެ ގޮތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެެވެ. އޮތީ އެންމެ ގޮތެއް ކަަަމަށް ވިދާޅުވިޔަސް އެއީ ކޮން ގޮތެއް ކަމެއް އޭނާ ވިދާޅެެއް ނުވެއެވެ. ނަމަވެސް ފަހަކަށް އައިސް ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅު ތަކަށް ބަލާއިރު އެއީ އަސްކަރީ ފިޔަވަޅު އެޅުން ކަމަށް ވަނީ ބެލެވިފައެވެ.