މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ޓޫރިޒަމް ދާއިރާ ގުޅިގެން، އަންނަ އަހަރު މެދުއިރުމަތީގައި ބާއްވާ ރޯޑްޝޯއެއްގައި ބައިވެރިވާން ނިންމައިފި އެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ބުނީ އައުޓް ބޮންޑް ޓްރެވަލް ރޯޑް ޝޯ (އޯޓީއާރު) ގައި ދުނިޔޭގެ ޓޫރިޒަމްގެ އެއްތައް ބައެއް އެއް ތަނަކަށް ޖަމާވާނެ ކަމަށެވެ. މި ރޯޑްޝޯ އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 11-15 އަށް ދުބާއީ އާއި ކުވެއިތު އަދި ގަތަރުގެ އިތުރުން އޮމާންގައި ކަމަށެވެ. މިގޮތުން ރޯޑްޝޯ އޮމާންގައި ކުރިއަށްދާއިރު ޓޫރިޒަމް ދާއިރާއަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
މަޓާޓޯއިން ބުނީ މި ރޯޑްޝޯގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކަށް މިމަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ރޯޑްޝޯއަށް ހާއްސަ ތިން ޕެކޭޖެއް ވެސް އެ ޖަމިއްޔާއިން ވަނީ ނެރެފަ އެވެ. މިގޮތުން ތިން ގައުމު ހިމެނޭ މުޅި ރޯޑްޝޯގައި ބައިވެރިވުމުގެ ފީއަކީ 3800 ޑޮލަރު (ގާތްގަނޑަކަށް 58،596ރ.) އެވެ. މި ޕެކޭގައި ހިމެނެނީ ފަސް ތަރީގެ ހޮޓަލެއްގައި ހަތަރު ރޭގެ ހުރުމާއި އެއާޕޯޓް ޓްރާންސްފާގެ ހިދުމަތް އަދި ރޯޑްޝޯގައި ބައްދަލުވުންތައް ބާއްވާނެ ވަސީލަތްތަކެކެވެ. އަދި އެއް ކުންފުންޏަޔަކަށް ނިސްބަތްވާ ދެ މީހަކު ދާނަމަ އިތުރަށް އެ ދާ ފަރާތަކަށް 1600 (ގާތްގަނޑަކަށް 24،672ރ) ދައްކަން ޖެހެ އެވެ. އަދި އިހުތިޔާރީ ގައުމެއްގެ ގޮތުގައި ހިމަނާފައިވަނީ އޮމާން ރޯޑް ޝޯގައި ބައިވެރިވާ ފަރާތެއްގެ އަތުން ނަގަނީ 1270 ޑޮލަރު (19،583ރ) އެވެ.
މަޓާޓޯއިން މެދުއިރުމަތީގެ ރޯޑްޝޯއަކަށް ދާން ތައްޔާރުވިއިރު، އެ ޖަމިއްޔާއިން ދަނީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ދެ އެވޯޑެއް ތައާރަފުކޮށްފަ އެވެ. އެއީ މޯލްޑިވްސް ޓްރެވަލް އެވޯޑާއި ގެސްޓްހައުސްތަކަށް ހާއްސަ އެވޯޑެކެވެ. މަޓާޓޯއަކީ 2006 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.