ހޮލީވުޑް

އޮން އެނީ ސަންޑޭ: ކްލެސިކް މޮޓޯސައިކަލް ފިލްމުގެ ދެ ވަނަ ޗެޕްޓާ

Apr 25, 2015

މި ފިލްމެއްގެ ވާހަކަ ފެށުމުގެ ކުރިން ހުރިހާ ވެސް ޝުކުރެއް ޔޫރޯމާކެޓިން އަށާއި އެމީހުން އެތެރެކުރާ ގަދަފަދަ އެނާޖީ ޑްރިންކް، ރެޑްބުލް އަށެވެ. މިދިޔަ ބުރާސްފަތި ދުވަހަކީ އެމީހުންގެ އިސްނެގުމުގެ މަތިން މި ފިލްމު ޝްވެކް ސިނަމާގައި އާންމުންނަށް ދައްކާލި ދުވަހެވެ.

އަދި އެއަށް ފަހު ނިންމާލި ޑްރިފްޓިން އިވެންޓާއި ކުރިއަށް އޮތް މި ސިލްސިލާގެ އިތުރު އިވެންޓްތަކަށް ވެސް އާންމުން ތިބެން ޖެހޭނީ ހަމަ ނޭވާހިފަހައްޓާލައިގެންނެވެ.

މި ފިލްމަކީ ވެސް އޭގެ ފިލްމެކެވެ. ރެޑްބުލްގެ ހެޔޮ އެދުންތަކާ އެކު ޔޫރޯމާކެޓިން އިން މާލެ އާއި އެހެން ރައްތަކުގައި ދައްކަމުން އަންނަ ޖާދޫގެ އިހްސާސާ ގުޅިފައިވާ ފިލްމެކެވެ.

"އޮން އެނީ ސަންޑޭ" އަކީ މޯޓޯސައިކްލިންގެ ދުނިޔެ އަށް އެންމެ މަޝްހޫރު ފިލްމު ސިލްސިލާ އެވެ.

މި ދިމާލަށް ޝައުގުވެރިކަމެއް ހުރި މީހެއް ނަމަ އޮންނާނީ "އޮން އެނީ ސަންޑޭ" ގެ ނަން އަހައިފަ އެވެ. މި ނަމުގައި މީގެ ފުރަތަމަ ފިލްމު ނެރުނީ 1971 ވަނަ އަހަރު އެވެ.

މި ޑޮކިއުމެންޓްރީ ފިލްމު ވެގެން ދިޔައީ ނިކަން މަގްބޫލު އަދި އެހާމެ ނުފޫޒުގަދަކޮށްލި ފިލްމަކަށެވެ. ސާފް ފިލްމުތައް އުފެއްދުމަށް އެފަދަ ދެ ވަނައެއް ނެތް ބްރުސް ބްރައުން ޑައިރެކްޓްކުރި އެ ފިލްމަކީ 1972 ވަނަ އަހަރު އޮސްކާގެ ރޭހުގައި އެންމެ މޮޅު ޑޮކިއުމެންޓްރީގެ އެވޯޑަށް ވެސް ވާދަކުރި ފިލްމެކެވެ. 

މި ކާމިޔާބީއާ އެކު "އޮން އެނީ ސަންޑޭ" ކްލެސިކަކަށް ބަދަލު އޭގެ އިތުރު ފިލްމުތައް އުފަންވާން ފެށީ އެވެ. އެގޮތުން 1981 ވނަ އަހަރު ގެނެސްދިން "އޮން އެނީ ސަންޑޭ 2" އަދި 2000 ވަނަ އަހަރު ބްރުސް ބްރައުންގެ ދަރިފުޅު އަދި ޑައިރެކްޓަރު، ޑޭނާ ބްރައުން ގެނެސްދިން "އޮން އެނީ ސަންޑޭ: ރީވިސިޓެޑް" ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން "މޮޓޯކްރޮސް، މެލްކޮމް އެންޑް މޯ" އަކީ ވެސް މި ސިލްސިލާގެ ދަށުން ޑޭނާ ގެނެސްދިން ފިލްމެކެވެ.

މޮޓޯސައިކަލްތަކާ ބެހޭ ގޮތުން ބައްޕަ ފެށި ވާހަކަ ނިންމާލާކަށް ޑޭނާ ނޫޅެ އެވެ. އެގޮތުން "އޮން އެނީ ސަންޑޭ: ދަ ނެކްސްޓް ޗެޕްޓާ" އަކީ މި ހިތްގައިމު ސިލްސިލާ އަށް އޭނާ އިތުރުކުރި އާ ފިލްމެވެ.

މިއީ މޮޓޯސައިކްލިންގެ ހިތްގައިމުކަމާއި އެއިން ލިއްބައިދޭ އުފަލާއި މިކަމަށް މަރުދޭ މީހުންގެ އިމެއް ނެތް ގުރުބާނީތަކުގެ ވާހަކަ އެވެ. ސައިކަލަކަށް އަރައިގެން އެމީހުން އެ ޖައްސާ ވައްތަރާއި ދައްކާލާ އުކުޅުތައް ދައްކާލަން ނޭނގުނަސް އަދި ސައިކަލެއް ދުއްލާވަން ނޭނގުނަސް މި ފިލްމު މަތިން އެންމެ އާދައިގެ މީހާ ވެސް ފޫހިވާނެހެންނެއް ހީއެއް ނުވެ އެވެ.

ސަބަބަކީ ސައިކަލްތަކުގައި މި ފެންނަ ހުނަރުވެރިންގެ އަތުގައި ވެސް ކިޔައިދޭނެ އާދަޔާހިލާފު ވާހަކައެއް އޮތީމަ އެވެ. "އޮން އެނީ ޑޭ ސަންޑޭ" ގެ މި ޗެޕްޓާ އަކީ ޔަގީނަށް ވެސް މޮޓޯސައިކްލިން އަށް މަރުދޭ ޒުވާނުންނަށް ހާއްސަވާނެ ފިލްމެކެވެ. އަދި މޮޓޯ ސައިކްލިން އާއި މޮޓޯސައިކްލިސްޓުންނާ މެދު ބައެއް މީހުން ދެކޭ ގޮތް ވެސް އެއްކޮށް ބަދަލުކޮށްލާނެ ފިލްމެކެވެ.

މި ފިލްމުގެ ފެށުން ކަމުގައިވީ، 1971 ވަނަ އަހަރު ގެނެސްދިން "އޮން އެނީ ސަންޑޭ" އަކީ މިފަދަ އިންގިލާބެއް ގެނެސްދިން ފިލްމެކެވެ. އެގޮތުން އެމެރިކާގެ މީހުން މޮޓޯސައިކްލިން އާއި ސައިކްލިސްޓުންނާ މެދު ދެކެމުން ދިޔަ ގޮތް ތާއަބަދަށް ބަދަލުކޮށް މީގެ ފޯރި އެގައުމުގައި ގަދަކޮށްލި ފިލްމަކީ މިއީ އެވެ.