ހަބަރު

ޖޫރިމަނާކުރީ ގާނޫނާ ހިލާފަށް: ރާއްޖެ ޓީވީ

Oct 9, 2017
2

ގާނޫނީ ގޮތުން އިންތިހާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކާވާނެ ވާހަކަތަކެއް ގެނެސްދީގެން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް އެ ޓީވީ ސްޓޭޝަނުން ބުނެފި އެވެ.

ރާއްޖެ ޓީވީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތިމަަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެ ޓީވީގެ "މި ރައީސް" ޕްރޮގްރާމްގައި ދެއްކެވި ވާހަކައިގެ ތެރެއިން ކޮމިޝަނުން ބަލަމުން ދިޔައީ އޭނާ ދެއްކެވި ވާހަކައިން ތިން ނުކުތާއެއްގެ މައްސަލަ ކަމަށެވެ. އެ ތިން ނުކުތާއަށް ޖަވާބުދާރީވުމަށް ރާއްޖެ ޓީވީއަށް ފޮނުވާފައިވާ ލިޔުމުގައިވާ ޓްރާންސްކްރިޕްޓްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ އޮތީ މެމްބަރު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަކަށް ނޫން ކަމަށް ވެސް ރާއްޖެ ޓީވީ އިން ބުންޏެވެ.

މުސްތަފާގެ ވާހަކައަށް ބްރޯޑްކާސްޓިން ކޮމިޝަންއިން އުނިއިތުރު ގެނެސްފައިވާތީ އެކަން ފާހަގަކޮށް، އެކަން އެހެން އޮތުމުން އެއީ ރާއްޖެ ޓީވީން ޖަވާބުދާރީވާން ޖެހޭނެ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް އެންގި ނަމަވެސް "މިނިކާާވަގު ބަކަރި ކާލާ އުސޫލުން" ރާއްޖެޓީވީ ބޮޑު އަދަދަކުން ޖުރިމަނާކޮށްލީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީ އިން ބުނީ، ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ޓްރާންސްކްރިޕްޓާއި މުސްތަފާ ދެއްކެވި ވާހަކައިގައި ތަފާތުތަކެއް އުޅޭތީވެ، ރާއްޖެ ޓީވީން ޖަވާބު ދާރީވާން ނުޖެހޭ ކަމަށް ފެންނަ ކަމުގައި ބުނުމުން މައްސަލަ އިތުރަށް ތަހްގީގުކުރުމެއް ނެތި ކޮމިޝަނުން ސްޓޭޝަން ޖޫރިމަނާކުރީ ކަމަށެވެ. މުސްތަފާ ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައެޅިއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކަނޑައެޅުމުގެ ބާރު އޮތީކީ ބްރޯޑްކާސްޓިން ކޮމިޝަނަކަށް ނޫންކަން ގާނޫނުތަކުން އެނގޭ ކަމަށްވެސް ބުނެފައިވެ އެވެ.

ޖުލައި 28، 2017 ދުވަހުގެ ރޭ މެމްބަރު މުސްތަފާ ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ވާހަކައެއްކަން، މިހާތަނަށް ވެސް ސިފައިންގެ ފަރާތުން ވެސް، ނުވަތަ ސަލާމަތީ ހިދުމަތް ދޭ އެއްވެސް މުއައްސަސާއަކުން ވެސް އެ މައްސަލަ ބަލާފައި ނުވަތަ ބަޔާނެއް ވެސް ނެރެފައި ނެތުމުން އެނގޭކަމަށެވެ. މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލާފައި ނުވާކަނށްވެސް ފާހަގަކޮށްފައިވެ އެވެ.

މުސްތަފާގެ ވާހަކައިގައި ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ ވާހަކަ ދައްކާފައިވާއިރު، މިއީ މިފަދަ ވާހަކައެއް ރާއްޖޭގެ މީޑިއާއަކުން ބްރޯޑްކާސްޓްކުރި ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމުގެ ވާހަަކަ ދެއްކުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ދެކޭއިރު، ސަރުކާރު ބަދަލުކުރުމުގެ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ކުރަން ޖެހޭ ކަމެއް ކަމަށް، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ދި ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް ކެނޑިނޭޅި ޓީވީތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެފަދަ ވާހަކަ އެއް ދައްކައިގެން ކޮމިޝަނުން ބްރޯޑްކާސްޓަރަކަށް ފިޔަވަޅު އަޅާ އަދަބުދީފަ ނުވާކަން ރެކޯޑުތަކުން އެނގޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ ޓީވީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓަކީ ކޮބައިކަން އެނގޭ ފަދަ މިންގަނޑެއް ވެސް މިހާތަނަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ތައްޔާރުކޮށްފައި ނުވާކަން އެކޮމިޝަންގެ ރައީސްގެ ވާހަކަ ފުޅުން ސާބިތުވާ ކަމަށެވެ.

" ރާއްޖެ ޓީވީއާ ދެކޮޅަށް ބެލި މައްސަލައަކީ މީހަކު ބުނި އެއްޗެއް އެ ބުނި ގޮތާ ގިލާފަށް ހުށަހަޅައިގެން ކަމަށް ވާތީ އާއި، ރާއްޖެ ޓީވީ ޖޫރިމަނާކުރުމަކީ ގާނޫނު އަސާސީގެ 16، 17، އަދި 20 ވަނަ މާއްދާއާއި، "އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 6 ވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމުގެ އުސޫލު" ގެ ފަސް ވަނަ މާއްދާއާއި، އެ އުސޫލުގެ ހަ ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވާތީ، އެއީ އަދުލުއިންސާފުގެ ހަމަތަކުން އެއްކިބާވެ ނިންމަވާފައިވާ ޣައިރު ދުސްތޫރީ ނިންމުމެއް ކަމުގައި ދެކެމެވެ. އަދި މިއީ ރާއްޖެ ޓީވީ އަށް އަނިޔާވެރި ވުމަށް ގާނޫނީ އިމުގެ ބޭރުން ޒާތީ ގޮތުން ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްތަކުގެ ތެރެއަށް އިތުރުވި ބޮޅެއްކަމަށް ދެކެމެވެ. ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މި މައްސަލައިގައި ރާއްޖެ ޓީވީގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފަ އެވެ. ރައީސުލް ޖުމްހޫރިއްޔާގެ އަބުރާ ބެހިގެން މީގެކުރިންވެސް ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފަ އެވެ.