މޮންޓަނީ ގްރޯގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، 2006 ވަނަ އަހަރުގެ ފަހުން ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
ޖަރުމަންގައި އެ އަހަރު ބޭއްވި، ވޯލްޑްކަޕްގައި ޕޮލެންޑް ހިމެނުނީ ވެސް ޖަރުމަން އާއެކު ގުރޫޕް 'އޭ' ގަ އެވެ. އެންމެ މެޗަކުން މޮޅުވެ، އެ ޓީމު ޖެހުނީ ގުރޫޕް ސްޓޭޖުން އަލްވަދާއު ކިޔާށެވެ. އަންނަ އަހަރުގެ ވޯލްޑްކަޕަށް ޕޮލެންޑް ކޮލިފައި ވުމުން މިއީ އެ ޓީމު ވޯލްޑްގައި ވާދަ ކުރާ އަށް ވަނަ ފަހަރެވެ.
މިދިޔަ ހަފުތާގައި އަރުމީނިއާ އަތުން 6-1 މޮޅުވުމުން، ވޯލްޑްކަޕްގެ ޖާގަ ހޯދަން ޕޮލެންޑަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. ރޭ ގެ މެޗުން މޮޅުވުމުން، ޕޮލެންޑަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. މިއީ ދެ ވަނައިގައި އޮތް ޑެންމާކަށް ވުރެ ފަސް ޕޮއިންޓް އިތުރު އަދަދެކެވެ. ރޭ ރޮމޭނިއާ އަތުން 1-1 އެއްވަރުވެ ޑެންމާކް ވަނީ ޕްލޭއޮފްގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ޓީމުގެ ނުފޫޒުގަދަ ކުޅުންތެރިޔެއް ކަމަށްވާ، އިޓަލީގެ ނަޕޯލީ އަށް ކުޅެމުން ގެންދާ، ސްޓައިކަރު އަރުކަޑިއުޒް މިލްކްއަށް އަނިޔާވެ އޭނާ ނުހިމަނައި ކުޅުނު މެޗުގެ ހަ ވަނަ މިނެޓްގައި ޕޮލެންޑަށް ގޯލް ހުޅުވައި ދިނީ ކްރިސްޓޮފް މޮންކީސްކީ އެވެ. އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓްގައި ކާމިލް ގޮރްޝީސްކީ ވަނީ، ނަތީޖާ 2-0 ބަދަލު ކޮށްލާފަ އެވެ.
ދެ ވަނަހާފުގައި ފެނިގެން ދިޔައީ، މޮންޓަނީގުރޯއިން، ދެ ލަނޑުގެ ލީޑެއްގައި އޮތް ޕޮލެންޑާ އަރާ ހަމަ ކުރި ތަނެވެ. ސްޓެފަން މުގޯސާ 78 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނާއި 83 ވަނަ މިނެޓްގައި، ޒާކޯ ޑިމޮލިއާން ގެ ލަނޑު ތަކުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ ޕޮލެންޑަށް މޮންޓަނީގްރޯއިން ޕްރެޝަރު ކުރި އެވެ.
ނަމަވެސް އޭގެ ދެ މިނެޓް ފަހުން މޮންޓަނީގްރޯގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު، ރޮބަޓް ލެވަންޑޮސްކީ ވަނީ ޕޮލެންޑް ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. އެއީ ގައުމީ ޓީމަށް އޭނާ ކުޅުނު 91 ވަނަ މެޗުގައި ޖަހައިދިން 51 ވަނަ ލަނޑެވެ.
މެޗުގެ 87 ވަނަ މިނެޓްގައި، މޮންޓަނީގްރޯގެ ޑިފެންޑަރު ފިލިޕް ސްޓޯކޮވިޗް އަތުން ބައިކޮޅަށް ލަނޑެއް ވަދެ އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ޕޮލެންޑަށް ލިބުނެވެ.
ޕޮލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ލެވަންޑޮސްކީ ވަނީ ކޮލިފައިންގެ 10 މެޗުގައި، 16 ލަނޑު ޖަހާފަ އެވެ. މިއީ ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިންގައި ރެކޯޑެކެވެ. ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަތީ ލެވަންޑޮސްކީ އަށް ވުރެ އެއް ގޯލް ފަހަތުގައެވެ. ޕޯޗްގަލް އަށް ބާކީ އެއް މެޗު އަދި އެބައޮތެވެ.
ޕޮލެންޑްގެ ކޯޗް އެޑަމް ނަވަލްކާ، ވެފައި ވަނީ ޔޫރޯ އާއި ވޯލްޑަކަޕަށް ޕޮލެންޑް ގެންގޮސްދިން ޕޮލެންޑްގެ ފުރުތަމަ ކޯޗަށެވެ. މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ގެ ކްއާޓާ ފައިނަލަށް ޕޮލެންޑް ވަނީ ނަވަލްކާގެ ކޯޗް ކަމުގެ ދަށުން ދަތުރު ކޮށްފަ އެވެ.