ހަބަރު

އިދިކޮޅުގައި ޓޮމް ވިދާޅުވީ ސަރުކާރާ ނުގުޅޭ ކަމަށް: ރޮޒެއިނާ

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ސަރުކާރާ ގުޅިވަޑައިގަތް ކަމަށް ސަރުކާރުން ދައްކާ ވާހަކަ ގަބޫލު ނުކުރައްވާ ކަމަށާއި އެކަން ގަބޫލު ކުރައްވާނީ ޓޮމް މީޑިއާތަކުގައި އަމިއްލަފުޅަށް ވިދާޅުވުމުން ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދަޅުވެއްޖެ އެވެ.

މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ރޮޒެއިނާ ވިދާޅުވީ ޕީޕީއެމުން މެންބަރުން ވަކި ކުރުމާއި ނުކުރުމާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ގަބޫލު ނުކުރާ ކަމަށާއި އެ ފަޅީގައި ތިބެނީ ދޮގު ހެދުމުގައި މަޝްހޫރު ބައެއް ކަމަށެވެ. އަދި ސަރުކާރާ ޓޮމް ގުޅިވަޑައިގަތްކަން ގަބޫލު ކުރާނީ އޭނާ އަމިއްލަފުޅަށް އެކަން މީޑިއާތަކުގައި ހާމަ ކުރެއްވުމުން ކަމަށާއި ސަރުކާރާ ގުޅިވަޑައި ނުގަންނަވާ ކަމަށް އިދިކޮޅު ފަރާތްތަކަށް ޓޮމް ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާފައިވާ ގޮތުން [ސަރުކާރު] ކޮޅަކަށް ވަޑައިގެންނެއް ނޫން އުޅުއްވަނީ، އެ ބޭފުޅާގެ ދާއިރާގައި ކަމެއް އިފްތިތާހު ކުރީމަ އެތަނަށް ވަޑައިގެންނެވި ވާހަކަ ވިދާޅުވީ. އެހެންވެ ޓޮމް އަމިއްލަފުޅަށް ވިދާޅު ނުވަނީސް ޕީޕީއެމްގެ ދޮގު ހަދާ ފެކްޝަނުން ދައްކާ ވާހަކަތައް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" ރޮޒެއިނާ ވިދާޅުވި އެވެ. "އަޅުގަނޑު ނުދެނެ ހުރިން ސަރުކާރާ ގުޅުނު ކަމެއް، ޓޮމްގެ ދާއިރާގެ އިވެންޓަކަށް ވަޑައިގަތްތަން ފެނުނީ ކޮންމެހެން ސަރުކާރާ ގުޅުންކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް، އަޅުގަނޑުމެންގެ ދާއިރާގައި ވެސް ސަރުކާރުން ހިންގާކަންކަން ހުއްޓުވާކަށް އަޅުގަނޑުމެންނެއް މަސައްކަތް ކުރަމުންނެއް ނުދަން، އޭގެ މާނައަކީ އަޅުގަނޑުމެން ސަރުކާރާ ގުޅިފަ އޮތީއެއް ނޫން،"

ރޮޒެއިނާ މިހެން ވިދާޅުވެފައިވި ނަމަވެސް ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ވިދާޅުވެފައި ވަނީ ޓޮމް ސަރުކާރު ފަޅިއާ އަލުން ގުޅިވަޑައިގަތް ކަމަށެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީން ބޭއްވި އިވެންޓުގައި ބައިވެރިވެވަޑައިގެން ޓޮމް ވަނީ ރައީސް އަބްދުﷲ ޔާމީން އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.