ހަބަރު

ރޭ ރޯކޮށްލާފައި ވަނީ ޕީޖީ ބިޝާމް ކާރުގައި

Oct 9, 2017
1

ރޭ ރޯކޮށްލާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކާރުގައި ކަމަށް އަވަސް އަށް ކަށަވަރުވެއްޖެ އެވެ. އެ ކާރުގައި ރޭ ރޯކޮށްލާފައި ވަނީ، ޖަނަވަރީމަގުގައި ހުންނަ ފަސްޓްލޭޑީގެ ކުރީގެ އޮފީހުގެ ދޮރުމަތީގައި އެ ކާރު ޕާކްކޮށްފައި އޮއްވަ އެވެ.

ޕީޖީ ބިޝާމްއާ "އަވަސް" އިން ގުޅުމުން ވިދާޅުވީ ރޭ ރޯކޮށްލީ އޭނާ ކޮންމެ ދުވަހަކު ވެސް ބޭނުން ކުރައްވާ ކާރުގައި ކަމަށެވެ. އަދި އެ ކާރު މިހާރަކަށް އައިސް ޖަނަވަރީ މަގުގައި ޕާކްކޮށްފައި އޮންނަނީ ޕީޖީ ދޮރުމަތިން މަޖީދީ މަގު ހަނދަމުން އަންނާތީ ހައުސިން މިނިސްޓްރީގެ ހާއްސަ ހުއްދަ ލިބިގެން ކަމަށެވެ. އެގޮތުން ކާރުގައި ރޯކޮށްލި އިރު ރޭވެސް އޮތީ ޖަނަވަރީ މަގުގައި ޕާކްކޮށްފަ އެވެ. ޕީޖީ ވިދާޅުވީ މަގު ހަދަން ފެށުމުގެ ކުރިން ކާރު ޕާކްކޮށްފައި އޮންނާނީ ޕީޖީ އޮފީހުގެ ގަރާޖުގައި ކަމަށެވެ.

"ދެތިން ހަފްތާ ވެއްޖެ އެ މަގުގައި ޕާކް ކުރާތާ. މަގު ހަދާތީ އެތަނުގައި ޕާކް ކޮށްފައި އޮންނަނީ. އަބަދުވެސް ބޭނުން ކުރާ ކާރުގައި އެވަނީ ރޯވެފައި،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކާރުގައި ރޯކޮށްލީ ދެ މީހުންގެ ގްރޫޕަކުން އެވެ.

ކާރުގައި އަލިފާން ރޯކޮށްލުމުން އެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދައިފަ އެވެ. ފުލުހުން އެ މައްސަލައިގެ ތަހުގީގު ވަނީ ފަށައިފަ އެވެ. އެހެން ނަމަވެސް އަލިފާން ރޯކޮށްލީ ކާކުގެ ކާރެއްގައި ކަމެއް ފުލުހުން ވެސް އަދި ސިފައިން ވެސް އާންމެއް ނުކުރި އެވެ.