ކުޅިވަރު

ސަލާހްގެ ލަނޑުން މިސްރު ވޯލްޑްކަޕަށް

Oct 9, 2017

މެޗުގެ 95 ވަނަ މިނެޓްގައި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ކާމިޔާބު ކުރި ޕެނަލްޓީއާއެކު 2-1 ން ކޮންގޯގެ މައްޗަށް ކާމިޔާބު ހޯދައި 28 އަހަރު ފަހުން މިސްރު ވޯލްޑްކަޕުން ޖާގަ ހޯދައިފި އެވެ.

މިސްރުގެ އެލްކްސެންޑޭރިއާގެ ބޯގް އަލް އަރަބް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި މިސްރަށް ޕެނަލްޓީ އެއް ލިބުނީ، މިސްރުން އުފެއްދި ހަމަލާއެއް ހުއްޓުވަން ކޮންގޯގެ ޑިފެންޑަރުން މިސްރުގެ ކުޅުންތެރިޔަކަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން ނެވެ. ޕެނަލްޓީ މުހައްމަދު ސަލާހް ޖެހީ ގޯލްގެ މެދަށްވާ ގޮތަށެވެ. ނަމަވެސް ކޮންގޮގެ ކީޕަރު މައުކޯ ޑައިވް ކުރީ ސައިޑަކަށެވެ.

ސަލާހް ލަނޑު ޖެހުމުން، މިސްރުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާ ފާޅު ކޮށްފަ އެވެ. އަދި މިސްރުގެ ގައުމީ ޓީވީން މެޗުގެ ކޮމެންޓްރީ ގެނެސް ދެމުންދިޔަ ކޮމަންޓޭޓަރަށް ވެސް ވަނީ ސަލާހް ގޯލް ޖެހުމުން ލައިވްގައި ރޮވިފަ އެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން މިސްރު ވޯލްޑްކަޕްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.

އުފާ ފާޅު ކުރުންތައް އޮތީ ހަމައެކަނީ ސްޓޭޑިއަމް އާއީ އެލެކްސެންޑޭރިއާގައި އެކަންޏެއް ނޫނެވެ. މިސްރުގެ ވެރިރަށް ގާހިރާގެ މަޝްހޫރު ތަހްރީރު މައިދާނަށް އެތައްހާސް ބަޔަކު އެއްވެގެން ތިބި އިރު މިސްރުގެ އަސްކަރީ މަތިންދާ ބޯޓުން ވަނީ އުފާ ފާޅު ކުރަމުން ދިޔަ މީހުންގެ މަތީގައި އޮވެ މިސްރުގެ ދިދަ ތައް ސަޕޮތަރުންނަށް އުކާފަ އެވެ.

ރޭގެ މެޗުގައި މިސްރުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރީ ސަލާހް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނެޓްގައެވެ. މެޗު އިތުރަށް ފޯރި ގަދަވީ 87 ވަނަ މިނެޓްގައި ބައުކާ ކޮންގޯއަށް ލަނޑު ޖަހައި ދިނުމުން ނެވެ.

މިހާތަނަށް ވޯލްޑްކަޕްގެ ޖާގަ ހޯދާފައިވާ ގައުމު ތައް

- އޭޝިއާ: އިރާން، ޖަޕާން، ދެކުނު ކޮރެއާ، ސައުދީ އަރަބިއާ

- ޔޫރަޕް: ބެލްޖިއަމް، ޖަރުމަން، އިންގްލެންޑް، ސްޕެއިން، ޕޮލެންޑް، ރަޝިޔާ (މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން)

- އުތުރާއި ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން: މެކްސިކޯ، ކޮސްޓަރިކާ

- އެފްރިކާ: ނައިޖީރިއާ، މިސްރު

- ދެކުނު އެމެރިކާ: ބްރެޒިލް