ހަބަރު

މާލޭގެ ރައްޔިތުންނަށް މުސްހަފު ބަހަން ފަށައިފި

Oct 9, 2017
2

"މުޞްހަފް މާލްދީފް" މަޝްރޫއުގައި މާލޭގެ ރައްޔިތުންނަށް މުޞްޙަފް މާލްދީފް ބަހަން ފަށައިފި އެވެ.

މި މަޝްރޫއުގައު ޗާޕްކޮށްގެން ގެނައި މުޞްޙަފްތައް އާންމުންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި މާލޭގެ ރައްޔިތުންނަށް މުޞްޙަފް ބަހަން ފެށީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި މާލޭގެ ރައްޔިތުންގެ ފަރާތުން ރަސްމީކޮށް ފުރަތަމަ މުޞްޙަފާ ހަވާލުވެލެއްވީ މ. ހެޕީޑޯން، އަޙްމަދު ސަޢީދެވެ. އޭނާއާ މުޞްޙަފް ޙަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ވަހީދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މުޞްޙަފް މާލްދީފްގެ ފުރަތަމަ ކޮޕީ ސެޕްޓެންބަރު 27، 2016 ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އަރުވާފައިވާއިރު، ރައީސް ޔާމީން ވަނީ ޑިސެންބަރު 29، 2016 ގައި މުޞްޙަފް ބެހުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފަ އެވެ.

މި މަޝްރޫޢު ގެ ދަށުން ފުރަތަމަ ގެނައި އެއްލައްކަ މުޞްޙަފް ބަހަނީ ޢުމުރުން 15 އަހަރާ 39 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭ ގޮތަށެވެ. މާލޭ ސަރަޙައްދާއި އަތޮޅުތަކުގެތެރޭގައި ދިރިއުޅޭ އެ ޢުމުރުފުރާގެ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ އެވެ.

މުޞްޙަފް މާލްދީފް މަޝްރޫޢަކީ، "ކޮންމެ ދިވެއްސަކަށް މުޞްޙަފެއް" މި ޝިޢާރުގެ ދަށުން ދިވެހިންނަށް ޚާއްޞަ މުޞްޙަފެއް ޗާޕުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެއީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރުކޮށްދޭށެވެ.