ރައީސް އަބްދުﷲ ޔާމީން

ޑިމޮކްރަސީގެ ސިފަތައް ރައީސް ތަފްސީލްކޮށް ދެއްވައިފި

ޑިމޮކްރަސީ ބިނާވެފައިވަނީ އުސޫލުތަކާއި ގާނޫނުތަކުގެ މައްޗަށް ކަމަށާއި ގައުމުގެ ހަމަނުޖެހުން ގެއްލިދާފަދަ ވާހަކަތަކަށް ގޮވާލުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫން ކަމަށް ވިދާޅުވެ ޑިމޮކްރަސީގެ ސިފަތައް ރައީސް އަބްދުﷲ ޔާމީން މިރޭ ތަފްސީލްކޮށް ކިޔައިދެއްވައިފި އެވެ.

އިސް ރައްވެހިންނާ ބައްދަލުކުރެއްވުމަށް މިރޭ ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީއަކީ ގައުމުގެ ހަމަނުޖެހުން ގެއްލުވާލާ ކަމަކަށްވެގެން ނުވާނެ ކަމަށެވެ. ގައުމުގެ ހަމަޖެހުމަށްވުރެ މަތީގައި ޑިމޮކްރަސީ އޮވެގެން ނުވާނެ ކަމަށެވެ. ރައީސް ވަނީ ޑިމޮކްރަސީގެ ނަމުގައި ސިޔާސީ ލީޑަރުންނަށް ވެސް ނުކުރެއްވޭނެ ކަންކަން ކިޔައިދެއްވާފަ އެވެ.

"ކުށަށް އަރައިގަތުމަށް ގޮވައެއް ނުލެވޭނެ، އެއީ ޑިމޮކްރަސީގެ ސިފައެއް ނޫން، މުއައްސަސާތައް ހަލާކު ކޮށްލާކަށް އަޑެއް ނުއުފުލޭނެ، މިއީ ޑިމޮކްރަސީގެ ސިފައެއް ނޫން، ފަނޑިޔާރު ގެއަކަށް އަދުލު އިންސާފުގެ ދާއިރާއަށް ސިޔާސީ ލީޑަރުންނަށް ފާޅުގައި ފާޑެއް ވިދާޅެއް ނުވެވޭނެ، މިއީ ޑިމޮކްރަސީގެ ސިފައެއް ނޫން، ސިފައިންނާއި ފުލުހުންނަށް ހަމަލާ ދޭން މަގު މައްޗަށް ނުކުތުމަށް އާންމު ތަންތަނުގައި ގޮވައެއް ނުލެވޭނެ، މިއީ ޑިމޮކްރަސީގެ ސިފައެއް ނޫން، މިއީ ދައުލަތެއް މިއީ ގައުމެއްގެ ރުކުރުވާލެވިފައިވާ ސަފުތައް ހަލާކު ކޮށްލުމަށް ކުރެވޭ މަސައްކަތް، މިއީ ތަނެއް ފަނާ ކުރާ ވިސްނުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީގެ ހަމަތަކަކީ އުސޫލާއި ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކަންކަން ހާސިލުކުރުން ކަމަށެވެ. ޑިމޮކްރަސީއަކީ އެކެއްގެ ބަނޑުން މަހުފޫމްވި އެއްޗެއް ނޫން ކަމަށާއި ޑިމޮކްރަސީއަކީ އެންމެންނަށް އެއް ގޮތަކަށް އެއް ހަމައެއްގައި އެކުލެވޭ ނިޒާމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ނިޒާމްގަ އެކަކަށްވުރެ ވަރުގަދަ އަނެއްކަކު ނުހުންނާނެ، އެހެންވީމަ ރާއްޖޭގެ ފަތިފުށް ހައްގު ނޫން ގޮތުގައި ބޭރުގައި އިސްތިހާރުކުރާކަށް ޖާގައެއް ނުލިބޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސަކަތްކުރަނީ އަދި އަމާޒަކީ ވެސް ރާއްޖެއަކީ ބޭރުގައި ބަސް ވިކޭ އަމިއްލަ ގޮތްތަކެއް ހުރި ޝަރަފުވެރި ގައުމަކަށް ހެދުމަށް ކަމަށެވެ. އެކަމުގައި ސަރުކާރުން ކުރާ މަސައްކަތުގައި އިސް ރައްވެހިންގެ ދައުރު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ، އިސް ރައްވެހިންގެ ދައުރު އަލުން ފެއްޓުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެކިއެކި ތަންތަނުގައި ޒުވާނުންނަށާއި ސިޔާސީ ބޭފުޅުންނަށް ނަސޭހަތް ދެއްވުމަށް އެމަނިކުފާނުގެ އެހީއާއެކު ފެއްޓެވުމަށް ރައީސް އެދިވަޑައިގަތެވެ.

"ޒުވާނުންނަށް ނަސޭހަތް ދެއްވަން އެބަޖެހޭ، ސިޔާސީ ލީޑަރުންނަށް ނަސޭހަތް ދެއްވަން އެބަޖެހޭ، އަޅުގަނޑަށް ނަސޭހަތް ދެއްވަން އެބަޖެހޭ، އަދި މަގުން ކައްސާލައިގެންދާ އެކިއެކި ހިޔާލުތަކަށް ތިޔަ ބޭފުޅުން އެބަޖެހޭ ނަސޭހަތް ދެއްވަން، މިއީ އެންމެންގެ ދިވެހިރާއްޖެ،" ރައީސް ޔާމީން ވިދާޅުވި އެވެ.