ކުޅިވަރު

އައިސްލެންޑާއި ސާބިއާ ވެސް ވޯލްޑްކަޕަށް

Oct 10, 2017

ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕް ޒޯންގައި ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށް އައިސްލެންޑާއި ސާބިއާ ވޯލްޑްކަޕަށް ކޮލިފައި ވެއްޖެ އެވެ. އަދި ރިޕަބްލިކް އޮފް އަޔަލެންޑާއި ކޮރޭޝިއާ ޕްލޭއޮފްގެ ޖާގަ ޔަގީން ކުރިިއިރު ވޭލްސް އާއި ޔޫކްރޭންއަށް ފުރުސަތު ގެއްލިއްޖެ އެވެ.

ތިން ލައްކަ މީހުންގެ އާބާދީއެއް ހިމެނޭ، އައިސްލެންޑް ވަނީ، މިދިޔަ އަހަރު، ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްވެސް މުޅިން އަލަށް ކޮލިފައިވެ، މުބާރާތުގައި ވާދަ ކުރި ބޮޑެތި ޓީމުތައް ކަމަށްވާ ޕޯޗްގަލް އާއި އިންގްލެންޑްވެސް ހައިރާން ކޮށްލައި، ކްއާޓާ ފައިނަލާ ހަމަޔަށް ދަތުރު ކޮށްފަ އެވެ.

ގުރޫޕް 'އައި' ގައި އައިސްލެންޑަށް ވުރެ، ފުޓްބޯޅައިގެ ތަޖުރިބާ އާއި ވަސީލަތައްތައް ހުރި ދެ ގައުމު ކަމަށްވާ، ކޮރޭޝިއާ އާއި ޔޫކްރޭން ފަހަތައް ޖައްސާލައި ގޫރޫޕްގެ އެއް ވަނައިގައި އެ ޓީމު ވޯލްޑްކަޕަށް ކޮލިފައި ވުމުން، ވޯލްޑަކަޕްގައިވެސް އެންމެ ސަޕްރައިޒިން ޓީމަކަށް ވާނެ ކަމަށް ބެލެވެނީވެސް، އައިސްލެންޑެވެ.

ކޮލިފައިންގެ ޖާގަ އެ ޓީމުން ކަށަވަރު ކުރީ އަމިއްލަ ދަނޑުގައި، ރޭ ކޮސޯވޯގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާޔާބު ހޯދައިގެން ނެވެ.

މިދިޔަ އަހަރުގެ ޔޫރޯ އެކޭ އެއްގޮތަށް އައިސްލެންޑަށް ވޯލްޑްކަޕް ޖާގަ ޔަގީންކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އެވަޓަންގެ މިޑްފީލްޑާ ޖައިލްފް ސިގްރޮސަން އެވެ. ރޭގެ މެޗުގެ 40 ވަނަ މިނެޓްގައި އައިސްލެންޑަށް ލީޑް ނަގައިދިނީވެސް އޭނާ އެވެ. ދެ ވަނަ ލަނޑު ޔޯހަން ބާގް ގަތޮމަންސަން ކާމިޔާބު ކުރީ ސިގްރޮސަން ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.

ވޯލްޑް ކަޕްގެ ތާރީހްގައި، އެ މުބާރާތުގައި ވާދަ ކުރާ އެންމެ ކުޑަ ގައުމަކަށް ވާނީ އައިސްލެންޑެވެ.

ގުރޫޕް 'އައި' ގައި ކޮރޭޝިއާ ކުޅުނު ފަހު މެޗަށް އެޓީމު ނިކުތީ ކޯޗް ބަދަލު ކޮށްގެން ނެވެ. ކޮލިފައިންގައި ނަތީޖާ ދަށްވުމުން، އޭރު ކޯޗަކަށް ހުރި އެންޓީ ކެސިކް ވަޒީފާއިން ވަކިކޮށް، ކޯޗް ކަން ހަވާލު ކުރީ، ޒްލެޓްކޯ ޑަލިކް އާއެވެ. އޭނާގެ މަސްއޫލިއްޔަތަކަށް އޮތީވެސް، ޕްލޭއޮފްގެ ޖާގަ ޔަގީން ކުރުމެވެ.

އުނދަގޫ ވަގުތެއްގައި ކޯޗް ބަދަލުކޮށްގެންވެސް ކޮރޭޝިއާ ނަތީޖާ ނެރެފިއެވެ. ޔޫކްރޭން އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށް އެ ޓީމު ވަނީ ޕްލޭއޮފްގެ ފުރުސަތު ޔަގީން ކޮށްފަ އެވެ.

ކޮރޭޝިއާގެ ދެ ލަނޑު ކާމިޔާބު ކުރީވެސް އަންދުރޭ ކްރަމަރިޗް އެވެ. ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ، ކެޕްޓަން ލުކާ މޮޑްރިޗް އެވެ. ދެ ވަނަ ލަނޑު ޖަހީ އީވާން ރެކިޓިޗް ދިން ބޯޅަ އަކުން ނެވެ.

ސާބިއާ ވޯލްޑްކަޕުން ޖާގަ ކަށަވަރު ކުރީ، ޖޯޖިއާގެ މައްޗަށް 1-0 ން ކުރި ހޯދައިގެން ނެވެ. އެ ޓީމުގެ ލަނޑު، 74 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެކްސެންޑާ ޕްރިއޯވިޗް އެވެ.

ގުރޫޕް 'ޑީ' ގައި ސާބިއާ އެއް ވަނަ މަގާމު ހޯދީ، 21 ޕޮއިންޓާއެކު އެވެ. ނަމަވެސް ތަފާތު ޑްރާމާއެއް ފެނިގެން ދިޔައީ ވޭލްސް އާއި ރިޕަބްލިކް އޮފް އަޔަލޭންޑް މެޗުން ނެވެ. މެޗު އެއްވަރު ކޮށްލައިގެންވެސް، ވޭޅްސްއަށް ޕްލޭޮފްގެ ފުރުސަތު ލިބުނީ ހެވެ. ނަމަވެސް އެ ޓީމުގެ އުންމީދު ގެއްލުނީ ޖޭމްސް މެކްލީން 57 ވަނަ މިނެޓްގައި އަޔަލޭންޑަށް ލަނޑު ޖަހައި ދިނުމުން ނެވެ.

ކޮރޭޝިއާ އާއި އަޔަލޭންޑް މޮޅުވުމުން، ގުރޫޕް 'އެޗް' ގެ ފަހު މެޗުން ބޮސްނިއާ ހެޒްރޮގޮވިނާ މޮޅުވިޔަސް އެ ޓީމަށް ޕްލޭއޮފްގެ ފުރުސަތު ނުލިބޭނެ ކަން ވަނީ ޔަގީންވެފަ އެވެ. ޕްލޭއޮފްއަށް ދާނީ ނުވަ ގުރޫޕްގެ ތެރެއިން، ތާވަލުގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ އަށް ޓީމެވެ.

ގުރޫޕްގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ، ގުރޫޕް 'ޖީ' ގެ އިޓަލީ އެވެ. ރޭ އަލްބޭނިއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ އިޓަލީ 23 ޕޮއިންޓް ހަމަ ކުރީ 1-0 ން މޮޅުވެގެން ނެވެ. އެ ގުރޫޕްގެ އެއް ވަނަ ސްޕެއިންވެސް ވަނީ ރޭ އިސްރާއިލް އަތުން 1-0 މޮޅުވެފަ އެވެ.