ވާހަކަ

މިންނުގެ ޑައިރީ

(8 އޮކްޓޯބަރ 2017 އާ ގުޅޭ)
އަހަރެންގެ ހަށިގަނޑު ބާރަށް ހިފަހައްޓާލައިގެން އަޒާން ހުއްޓެވެ. އޭރު ވެސް އަހަރެން ހުރީ ދެން ހަދަންވީ ކިހިނެއްކަމެއް ނޭނގިފައެވެ. އަހަރެންގެ ސިކުނޑި ވިސްނަން ވެސް ބޭނުންނުވާ ކަހަލައެވެ. ހިސާބެއްގެ ޖެހިލުންވުމެއް ހުތުގައި ވިއެވެ. ނަމަވެސް އަހަރެންގެ ޟަމީރު އަޒާންއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. ކޯތާފަތުގައި ބީހިލި އަޒާންގެ ތުންފަތާއެކު ހީލިކަރުވައިގަތެވެ. ދެ ލޯ މަރާ ލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ވައިއަޑުން އަހަރެންގެ ކަންފަތް ދޮށުގައި އަޒާން ވާހަކައެއް ބުނެލިއެވެ.

އަޒާން: "އައި ލަވް ޔޫ މިންނު! ވަރަށް ބޮޑަށް... ދުނިޔޭގެ އެއްވެސް އުފަލަކަށްވުރެ ބޮޑަށް އަހަރެން މިންނު ބޭނުން. މިންނުއާ ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއްނުވާނެ. ހުރިހާ އުފަލެއް ހޯދައިދޭން އަހަރެން ބޭނުން. މިންނު! ދުވަހަކު ވެސް އަހަންނާ ދުރަށް ނުދައްޗޭ... އަހަރެން މިރޭ މިންނުއަށް ވަޢުދުވަން... ދުވަހަކު ވެސް އަހަރެންގެ ފުށުން މިންނު ދެރަވާނޭ ފަދަ ކަމެއް ނުކުރާނަންކަން. އަހަރެން ދުވަހަކު ވެސް މިންނުއާ ވަތްކެއްނުވާނަން. އަހަންނަށް އިތުބާރުކުރަން ދޯ! އަބަދުވެސް މި ދެއަތުގެ ހިމާޔަތް މިންނުއަށް ލިބޭނެ. އަހަރެންގެ ނޭވާ އިހުސާސްވާހާ ގާތުގައި މިންނު ބަހައްޓާނަން. މުޅި އުމުރަށް ވަފާތެރިވާނަން"

އަޒާންގެ ދުލުން އިވިގެން ދިޔައީ އަހަރެންގެ ހިތާއި ރޫޙަށް ވެސް ހަމަޖެހުން ލިބިގެންދިޔަ ބަސްތަކެކެވެ. މުސްތަޤުބަލް ޔަގީން ކުރެވުނެވެ. އުފާވެރިކަމުން ފުރިގެންވި ހުވަފެނެއްގައި އަހަރެންގެ ޚިޔާލުތައް އުދުހެން ފެށިއެވެ. އަހަރެންގެ ހިތުގެ މިލްކުވެރިޔަކީ އަޒާނެވެ. ދިރިހުރުމުގެ ކާނާއަކީ އޭނާއެވެ. އަޒާންއާ ވަކިން އުޅޭންޖެހިދާނޭ ދުވަހެއް ދުށުމަކަށް އަހަރެން ވެސް ނޭދެމެވެ. އަހަރެންގެ ފަރާތުން އަޒާންއަށް ލޯތްބާއި ވަފާތެރިކަން ނޫން އެއްޗެއް ނުލިބޭނެކަން ޔަގީނެވެ. ޝަކުވާކުރާނޭ ފުރުޞަތެއް ދުވަހަކު ވެސް ނުދޭނަމެވެ. މިރޭގެ އެ ވަގުތުކޮޅުގެ ވާހަކަތަކަށް އަހަރުމެން ދެ ލޯބިވެރިންގެ ޖަޒުބާތުގައި ބައިވެރިވި އަނބުގަސް ހެކިވާނެއެވެ. އަޒާންގެ ލޯބި އޭނާގެ ތުންފަތުގެ ބީހުންތަކުން އަހަންނަށް އިހުސާސް ކުރެވެމުންދިޔައެވެ. ލުއިލުއި ބޮސްދިނުންތަކެވެ. ކަނދުރާއާއި ކޯތާފަތާއި ނިތްކުރީގައެވެ. ދެ ލޮލާއި ނޭފަތުގައެވެ. އަޒާންގެ އުނަގަނޑާ ހިސާބުގައި އަހަރެންގެ ދެއަތް ވިއިރު އޭނާގެ ޓީޝާޓު ދެއަތުގެ ތެރޭ ބޮނޑިކޮށްލެވުނީ ވާން މިއުޅެނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް ހިތަށް ތަސައްވުރު ކުރެވުމުންނެވެ. އަޒާންގެ އަތުގެތެރޭގައި ވިއިރު އަހަންނެކޭ ރޯކޮށްފައިވާ އުއްބައްތިއެކޭ ތަފާތެއްނެތެވެ. އެ ދެއަތުގެ ތެރޭ މަޑުވެ ވިރެމުންދިޔައީ އޭގެ އަމިއްލަ ޒާތުގައި އެއްވެސް ބާރެއްނެތި ވިރެމުންދިޔަ އުއްބައްތިއެއް ފަދައިންނެވެ. އަމިއްލަ ޖަޒުބާތުގެ ހުންގާނު އަތުން ދޫވެ އަޒާންގެ އަތްމައްޗަށް ދޫކޮށްލެވެމުންދިޔައެވެ. ނަމަވެސް ތުންފަތުގައި އެ ބީހިލި ބީހިލުމާއެކު އަހަރެންގެ ޟަމީރު ތެޅިފޮޅިގަތެވެ. ކުއްލިއަކަށް އަޒާންގެ މޭގައި އަތްވިއްދާލާ ދުރަށް ކޮށްޕާލެވިއްޖެއެވެ. ބިރުގެންފައި ހުރި މީހަކު ފަދައިންނެވެ. އެހިނދު ދެ ލޯ ބޮޑުވެ ހައިރާންކަން އަޒާންގެ މޫނަށް ވެރިވެގެންދިޔައެވެ. ބަލަން ހުރި ގޮތުން އަހަންނާ ސުވާލުކުރާ ކަހަލައެވެ. އެހެން ހުރެފައި އޭނާ ބޮލުގައި އަތްހާކާލުމާއެކު ފުންނޭވާއެއް ލިއެވެ. އަދި އެއްފަރާތަށް މޫނު އަނބުރާލިއެވެ. ވަގުތުން އަހަރެން ދެރަވިއެވެ. ކުރެވުނު ކަންތަކުން އަޒާން ހިތްހަމަނުޖެހުނީއޭ ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. އިސްޖަހާލަމުން އަހަރެން އަޒާންއަށް ކިޔައިދިނީ ސުހައްތަ އަބަދުމެ ދެމުން އަންނަ ނަޞޭޙަތުގެ ވާހަކައެވެ. މަންމައަކު ފަދައިން ދުނިޔޭގައި ދިރިއުޅޭން ދަސްކޮށްދިން މީހަކީ އެއީއެވެ. އަންހެންދަރިއަކަށް ކޮންމެހެން އެނގެންޖެހޭ ހުރިހާ ކަމެއް އަހަންނަށް ބުނެދިނީ ސުހައްތައެވެ. އަބުރާއި ޢިއްޒަތަކީ ކިހާ އަގެއްހުރި އެއްޗެއްކަން ވިސްނައިދިނެވެ. އަބުރު ރައްކާތެރިކުރާން ޖެހޭނެކަމެވެ. އަންހެނެއްގެ އެންމެ އަގުބޮޑު މުދަލަކީ އެއީއެވެ. އަހަންނަށް އައި ބަދަލަކީ އެއީއެވެ.

އަޒާން: "މިންނު ބިރުނުގަނޭ... އަހަރެން ދުވަހަކު ވެސް މިންނު ނުރުހޭކަމެއް ނުކުރާނަން. އަހަންނަށް ވެސް ނޭނގެ މިރޭ ވެފައި ހުރި ގޮތެއް."

އަހަރެންގެ ވާހަކަތައް އަޑުއެހުމަށް ފަހު އަޒާން ބުނެލީ ހިނިތުންވެލަމުންނެވެ. އޭނާ ޝަކުވާއެއް ނުކުރިއެވެ. އަނެއްކާ ވެސް އައިސް އަހަރެން ގާތުގައި މަޑުކޮށްލިއެވެ. މިފަހަރު ކުރީން އުޅުނު ހެނެއް ނޫޅެއެވެ.

ވާހަކަދެއްކުމުގައި ދެ މީހުން އަނބުގަސް ދޮށުގައި ވަރަށް ގިނައިރު ވަންދެން ތިބީމެވެ. އެހެން ރޭ ރެޔާ ޚިލާފަށް މިރޭ ލަސްވެގެން އަޒާން ނޫޅެއެވެ. އެކެއްޖަހާ ދިއަކަމެއް ވެސް އަޒާން ނުދެނަހުރި ކަހަލައެވެ. އެންމެފަހުން ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން އޭނާ ފޮނުވާލީއެވެ.

މިހާރު މިއޮތީ ނިދޭތޯއެވެ. ނަމަވެސް ނިދޭނީ ކިހިނެއް ހެއްޔެވެ. އަދިވެސް ހީވަނީ އަޒާން ބީހިލި ކޮންމެތަނެއްގައި ވިންދު އަވަސްވެފައި ވާހެންނެވެ. އަޒާންއާއެކު އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް ވެސް ޚާއްޞަވާނެއެވެ. އޭނާއާއެކު މުޅު އުމުރު ހޭދަކުރުމުގެ ހުވަފެން ހޭލާ ހުރެ ވެސް އަހަރެންނަށް ބެލެން ފެށިއްޖެއެވެ. ކޮންމެ އަންހެންކުއްޖަކަށް އަޒާން ފަދަ ލޯބިވެރިއަކު ލިބޭނަމަ ކިހާ އުފާވެރި ވާނެހެނެވެ.

އެކުވެރިޔާއެވެ. ތިޔަ ބައިވެރިޔާގެ ސަފުހާތަކުގައި އަހަރެންގެ ދިރިއުޅުން ހާމަކުރަމުން ދާއިރު އަހަރެންގެ އުފާވެރިކަމުގައި ބައިވެރިވީ ކަމުގައި އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް މިހާރު އުޅޭން ޖެހިފައިވާ ބިޒީ ޝެޑިއުލްގެ ސަބަބުން ކޮންމެ ދުވަހަކު ހުރިހާ ވާހަކައެއް ޚިއްޞާ ކުރެވޭގޮތް ނުވެއެވެ. ދުވަސް ނިމޭއިރު ހުންނަނީ މާބޮޑަށް ވަރުބަލިވެފައެވެ. އެހެންވިޔަސް ވަގުތު ހޯދާނަމެވެ. ތިއެކުވެރިޔާއާއި މިންނުގެ ދަތުރަކީ ކުރު ދަތުރުދަތުރެއްނޫނެވެ.

* * * *

(މިންނުގެ ޑައިރީ: އާ ދުވަހެއް)
އޮފީހުގައި ހުރެފައި މިއަދު ވަރަށް ކުރީން ގެއަށް އައިސްފީމެވެ. ސުހައްތަގެ ހާލު ރަނގަޅު ނޫންވޫމައެވެ. ކާއެއްޗެއް ކެވޭގޮތެއް ނުވެއެވެ. ހޮޑުލަނީއެވެ. އެހާލުގައި ސުހައްތަ އޮތް އިރު ގޭގައި އޭނާގެ ހާލު ބަލާން ހުންނާނީ ފަހެ ކާކު ހެއްޔެވެ. ޖައުބެއަށް ވެސް އޮފީހަށް ނުގޮސް ހުރެވޭނެ ހެއްޔެވެ. ގޭގެ ޚަރަދުތަކުގެ ބޮޑުބައި ހޭދަކުރަނީ ޖައުބެއަށް ލިބޭ އާމްދަނީންނެވެ. ސުހައްތައަށް ޓަކައި ގޭގައި މަޑުކުރާން ޖައުބެ ބޭނުން ވެސް ވެއެވެ. އެހެންވިޔަސް މިއަދު އޮފީހަށް ނުކުތީ ކޮންމެހެން ނުކުންނާން ޖެހިގެނެވެ. އެހާ އަވަހަށް އޮފީހުން ގެއަށް އަންނާން އަހަންނަށް ޖެހުނީ އެހެންވެއެވެ. ހަފިއްތައަކީ އަބަދުވެސް އޭނާގެ އަމިއްލަ ކަންތައްތަކައިގެން އުޅޭމީހެކެވެ. އޭނާއަށް އެ ކަމަކުން ފައިދާއެއް ނުވާގޮތަކަށް އެއްކަމެއް ވެސް ނުކުރާނެއެވެ. އަހަރެން ސުހައްތައަށް ލުއި ކާއެއްޗެއް ހަދާލާފައި ދެވޭތޯ އުޅުނީމެވެ. ސުހައްތަ ކޭ ކަމުގައިވިޔަސް ކެވުނީ ވަރަށް ކުޑަކޮށެވެ.

ގޭތެރޭގެ މަސައްކަތްތައް އާންމުކޮށް ކުރަނީ އަހަންނާއި ސުހައްތައާ ދެ މީހުން ބަހާލައިގެންނެވެ. އެގޮތުން ދެ ދުވަހުން އެއްދުވަހު ގޯތިތެރެ ކުނިކަހާނީ ސުހައްތައެވެ. އެއީ ސުހައްތަ އެންމެ ކުރީސުރެ ވަރަށް ކުރާހިތުން ކުރާކަމެކެވެ. އެހެންނަމަވެސް ސުހައްތަ ބަލިވެއުޅޭތީއާއި ހިރަފުހުގެ އަސަރުކުރާނެތީ، މިހާރު ކުނިވެސް ކަހަނީ އަހަންނެވެ. އެ މަސައްކަތް ކުރުމަށް އަހަރެން ގޯތިތެރެއަށް ނުކުތީމެވެ. ސިޓިންރޫމު ދޮރުމަތީ ޕްލާސްޓިކު ގޮނޑިއެއްގައި ސުހައްތަ އިނީ ގޯތިތެރޭގައި އަހަރެން ހަރަކާތްތެރިވާތަން ފެންނަ ހިސާބުގައެވެ. ވާރޭ ނުވެހޭތީ ނިކަން އަވަހަށް ބިންގަނޑު ހިކި ހިރަފުސްވެފައެވެ. އެގޮތަށް އޮއްވަ ކުނިކަހަން ފަށައިފިއްޔާ ދުންގަނޑެއްގެ ތެރެއަށް ވަދެވުމެކޭ ތަފާތެއްނުވާނެއެވެ. އެހެންވެ ބިންގަނޑު ތެތްމާލުމަށް ފެންޖަހާލީމެވެ.

ސުހާ: "އަޒާންއަކީ ކޮންގެއަކު ކުއްޖެއްތަ؟ މިންނުއަށް އޭނާ ވަރަށް ކަމުދޭ ދޯ!"

އަހަރެން ކުނިކަހަމުން ދަނިކޮށް ސުހައްތަ އެކި ވާހަކަތަކުގެ ތެރެއިން އަޒާންގެ ވާހަކަފެށިއެވެ. އަޒާންއާ ބެހޭގޮތުން އަހަންނަށް އެނގިފައި އޮތް އެއްޗެއްވިއްޔާ ސުހައްތައަށް ކިޔައިދިނީމެވެ. މިހާރު ގޯތިތެރޭ ހުންނަ އަނބުގަސް ފެންނަ ކޮންމެ ފަހަރު އަހަންނަށް އެރޭގެ ހަނދާންތައް އާވެއެވެ. އަހަރެން އޮފީހުން ގެއަށް އައީ ކީއްވެކަން އަޒާން ގާތުގައި ނުބުނާތީ އޭނާއަށް ގުޅާލަން ހިތަށް އެރިއެވެ. ކުނިކަހާ ނިންމާފައި ގޮސް އަޒާންއަށް ގުޅާލަން ނިންމީމެވެ. ގެއަށް ވަންނައިރު އޮންނަ ހުސްބައި ކުނިކަހާ ނިންމާލުމަށްފަހު އަހަރެން އައީ ގޭގެ ބިއްދޮށަށެވެ. އަހަރެންގެ ކޮޓަރި ސަރަޙައްދު ކުނިކަހަން ވަގުތު ނަގައެވެ. އެތާ އިންދާފައި ހުންނަ ކުދިކުދި ގަސްތަކުން ވެރިފައި އޮންނަ މަލާއި ފަތްތަކުގެ ސަބަބުންނެވެ. މިއަދަކީ ވަގުތު ލިބުނު ދުވަހަކަށް ވާތީ ކުނިކަހާ ނިންމާލާފައި ބިއްދޮށުގައި ހުރި ބައެއް ގަސްތައް އަނބުގަސް ކައިރިއަށް ބަދަލުކޮށްލީމެވެ. އެ މަސައްކަތުގައި އުޅެނިކޮށް ގޭގެ ދޮރޯށި ހުޅުވިގެން ދިޔަ އަޑު އިވުނެވެ. ހިންދެމިލަމުން ދެއަތް ފޮޅާލާފާއި ކުޑަކޮށް ފަހަތަށް ޖެހިލީ ދޮރޯށިން ވަންނަ މީހަކު ބަލާލާށެވެ. އެއާއެކު ފެނުނީ ވާހަކައިގައި ނިކަން ހިނިއައިސްފައި ތިބެ ގޭތެރެއަށް ވަން ޖައުބެގެ ފަހަތުން ހައިކަލް ވަން ތަނެވެ. ވަގުތުން ފޫހިކަން ނަފްސަށް ވެރިވެގެން ދިޔައެވެ. އިތުރަށް ހިތް ނުތަނަވަސްވީ ޖައުބެއާއެކު ވަދެގެން ސިޓިންރޫމަށް ވަންނާން ދަމުން ހައިކަލް ބަލާލި ކަތި ނަޒަރެވެ. މަސައްކަތުގައި އުޅޭތީ ލައިގެން ހުރެވުނީ ހަރުވާޅުކޮޅަކާއި ޓީޝާޓެކެވެ. އެގޮތަށް ހުއްޓާ ގެއިން ބޭރު މީހަކަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ލަދުގަތްކަމަކު އެއަށްވުރެ ހިތްހަމަ ނުޖެހެވުނެވެ. ހައިކަލް ހިނިތުންވެލަން އުޅުނުހެން ހީވެއެވެ. އެއަށްވުރެ ކުރީން އެމީހުނަށް ފުރަގަސް ދީފީމެވެ. އެވަރުން ވެސް އަހަންނަށް އިހުސާސް ކުރެވެމުންދިޔައީ ހައިކަލް އަދިވެސް ބަލަނީ ކަމުގައެވެ.

ކުރަން ހުރި ކަންތައް ނިންމާލާފައި ސިޓިންރޫމަށް ވަންއިރު ސޯފާގައި އެންމެންތިއްބެވެ. ހަފިއްތަ ވެސް ނުކުމެ އިނެވެ. އެމީހުން ހީނހީނފައި ހައިކަލްއާ ވާހަކަދެއްކިޔަސް އަހަރެން މިހާރު އޭނާއާ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. އޭނާދެކެ ފާޑެއްގެ ބިރެއްގަންނީނެވެ. އެތަނުގައި މަޑުނުކޮށް އަހަރެންގެ ކޮޓަރިއަށް ދިއުމަށް ހަލުވިކޮށް ހިނގައިގަތީމެވެ. ނަމަވެސް ޖައުބެ ގޮވާލާފައި ހެދިކާ ގެނައި ވާހަކަ ބުންޏެވެ. އަދި އެންމެނަށް ސައިހަދާލަ ދިނުމަށް އެދުނެވެ. އެބަ އަންނަން ކަމުގައި ބުނެ އަހަރެން ދުވެލާފައި ކޮޓަރިއަށް ދިޔައީމެވެ. ބޭނުންވީ ލައިގެން ހުރި ހެނދުން ބަދަލުކޮށްލާށެވެ. ގިނައިރެއްނުވެ އާމުކޮށް އަހަރެން ލާއުޅޭ ހަރުވާޅު ހެނދުމެއް ލައިގެން ނުކުތީމެވެ. ކަރުގައި އޮތް ދޯޕަށްޓާ އެއްފަރާތަށް ގެނެސް އައްސާލަމުން އައިސް ސިޓިންރޫމަށް ވަނީމެވެ.

އެންމެނަށް ސައިހަދައިގެން ސިޓިންރޫމަށް ނެރުނީމެވެ. ކާމޭޒު ކައިރީ އެންމެން އެއްކޮށް ނުތިބެވޭނެތީއެވެ. އަހަރެން ސުހައްތަ ގާތު އޭނާ އިން ސޯފާގެ އަތްގަނޑުގައި ފޫޖައްސާލައިގެން އިނީމެވެ.

ޖައުން: "ހައިކަލް! ބީރައްޓެހިވެފައި ނުހުންނާތި. މީ ހަމަ އަމިއްލަ ގެއެއް ކަމުގައި ހީކުރޭ. ގިނަ މީހުންތަކެއް ނޫޅުނަސް ހައިކަލް ކޮންމެ އިރަކު އަޔަސް ސުހާއާ ދިމާވާނެ."

ހައިކަލް: "ގެއަށް ދިޔަޔަސް ކުރާނޭ ކަމެއް ނޯންނާނެ. ރައްޓެހިންތަކެއް ވެސް ތިބީއެއްނޫން... އެހެންނޫނަސް މިންނުގެ މީރު ކެއުންގަނޑު ދޫކޮށްލާނީ ކިހިނެއް ދޯ... ކޮންމެވެސް މިންނުގެ އަތުން ކާން މިގެއަށް އަންނާން ޖެހޭނެއެއްނު."

ޖައުބެއާއި ހައިކަލްއާ ދެމެދު އެހާ ގާތް ރަޙުމަތްތެރިކަމެއް އުފެދުނީ ކޮންއިރަކު ކަމާމެދު އަހަރެން ސުވާލު އުފެދުނެވެ. ހައިކަލް ހެވި ދިއްލިފައި އިނދެ އަހަންނަށް ބުމަ އަރުވާލުމުން އަހަރެން ވެސް ހިނިތުންވުމެއް ދިނީ ގަދަކަމުންނެވެ. ސައިބޮއެ ނިންމާފައި ވެސް ތަފާތު ވާހަކަތައް ދައްކަން ސިޓިންރޫމުގައި ހައިކަލް އިނެވެ. އޭނާ ގެއަށް ދާން ހިތަށް ވެސް ނާރާ ކަހަލައެވެ. ހައިކަލް ގެއަށް ނުގޮސްގެން ކަންބޮޑުވާ މީހަކަށް ހުރީ ހަމައެކަނި އަހަންނެވެ. ނަމަވެސް އަހަންނަކީ މީގެ ކުރީން ގެއަށް އަންނަ މެހެމާނަކާއި މެދު އެފަދަ ގޮތަކަށް ޚިޔާލު ކުރި މީހެއް ވެސް ނޫނެވެ. ގެއަށް އައިސް ވަދެލާ މެހެމާނަކާ ހައިކަލް ތަފާތީއެވެ. އަހަރެންގެ ވިސްނުން ބަދަލުކޮށްލި މީހަކީ ޚުދު ހައިކަލްއެވެ. އޭނާގެ ޢަމަލުތައް ހުރި ގޮތެވެ.

ސުހާ: "ޖައުން! އަހަރެން މިއަދު ހިތަށް އެރީ ބޭރުގައި ޖޯލިފައްޗެއް ހަދަން. މިހާރު މިޖެހެނީ ސިޓިންރޫމުން ގޮނޑިއެއް ނެރިގެން ތިބެން... ހިޔާ އެރީމާ ނިކަން ރީތި ރޯޅި ޖެހޭ... ބޭރުގައި މަޑުކޮށްލެވޭނެއެއްނު ޖޯލިފައްޗެއް ހުރިއްޔާ"

އެކި ވާހަކަތަކުގެ ތެރެއިން ސުހައްތަ ޚިޔާލެއް ދިނެވެ. އެ ޚިޔާލު އަހަންނަށް ވަރަށް ބޮޑަށް ވެސް ކަމުދިޔައެވެ. އެހާ އުފާވެރިކަމެއް ލިބުނީ އެ ޖޯލިފަތީގެ ސަބަބުން އަހަންނާއި އަޒާންއަށް ދޮރޯށި ދޮށުގައި ތިބެން ނުޖެހޭނެކަން އެނގިގެންނެވެ. ހަފްތާއެއްގެ ތެރޭ އެކަން ކޮށްދީފާނަން ކަމުގައި ޖައުބެ ބުންޏެވެ.

ޖައުން: "ހައިކަލް! އަހަރެން އެބަ އަންނަން ކޮޓަރިއަށް ވަދެލާފައި"

ހައިކަލް: "އޯކޭ! މިންނު އެބައިނެއްނު... އޭނާއާ އަނގަތަޅާލަން އިނދެފާނަން"

އަހަރެން އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ޖައުބެ ވެސް އެ ދިޔައީ ހައިކަލް ގާތުގައި ދެން ކަލޭ ދާށޭ ބުނާން ނުކެރިގެން ކަމަށް ވެސް ވެދާނެއެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހައިރާންވީ ހައިކަލްއާ ދުރުދުރުން އުޅޭކަން އޭނާއަށް ހަމަ ނޭނގެނީ ބާއޭ ހިތަށް އަރާފައެވެ. އަހަރެން އޭނާއާ ވާހަކަ ނުދެއްކިގެން އެބަ އުޅެމު ހެއްޔެވެ. އަވަސް އަވަހަށް ހަފިއްތަގެ ބައިންދާފައި ދާން ގަސްދުކޮށް އަނގަ ހުޅުވާލަން ވާއިރަށް އޭނާއަށް ވެސް ފޯނެއް އަތުވެއްޖެއެވެ. އެވާނީ އަކީލަށެވެ. އަކީލަށް ވެސް ގުޅާން އެނގުނީ މިގަޑީގައި ހޭ ހިތަށް އެރިއެވެ. ހަފިއްތަ ވެސް ނިކަން ހިނިއައިސްފައި ހުރެ ކޮޓަރިއަށް ދިއުމަށް ތެދުވިއެވެ. އެންމެފަހުން ބޭނުންނުވި ކަންތައް ވީއެވެ. ހައިކަލްއާއި އަހަރެން ސިޓިންރޫމުގައި އެކަނިވީއެވެ.

ހައިކަލް: "ރުޅި އައިސްފަތަ؟"

ހިމޭންކަމުގައި އަހަރެން އިންދާ ހައިކަލް އަހާލިއެވެ. އެއާއެކު އަހަރެން ބޯޖަހާލީމެވެ.

ހައިކަލް: "އަހަރެންދެކެތަ؟ ކީއްވެ؟"

ހައިކަލްގެ ސުވާލާއެކު އަހަރެން އަންތަރީސްވިއެވެ. ދެ ލޯ ބޮޑުކޮށް އޭނާއަށް ބަލާލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ހިތާ ސުވާލުކޮށްލެވުނީ އޭނާއަށް ހަމަ ނޭނގެނީބާއެވެ. ދެން ވެސް އަނގައިންނެއް އަހަރެން ނުބުނަމެވެ.

ހައިކަލް: "އޯ!... އަތުގައި ހިފީމަ ދޯ"

މިފަހަރު ވެސް އަހަރެން ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. އިރުކޮޅަކު އަހަންނަށް ބަލަން އިނދެފައި ހައިކަލް ވާހަކަދެއްކިއެވެ.

ހައިކަލް: "ސޮރީ! މިންނުއަށް ތަދުވީތަ؟ ގަސްދުގައެއްނޫން އިނގޭ... އައި އޭމް ރިއަލީ ސޮރީ. ދެން އެކަހަލަ ކަމެއް ނުކުރާނަން. މިންނު! ސީރިއަސްކޮށް ވެސް ސޮރީއޭ... ވާހަކަ ނުދައްކާނަންތަ؟ ޕްލީޒް... ދެން އެކަހަލަ ކަމެއް ނުކުރާނަމޭ... ޕްރޮމިސް... އަހަންނާ ވާހަކަދައްކަބަލަ. މާފަށް އެދުނީމަ މާފުކުރުމަކީ ރީތި ސިފައެއްނު. އަހަންނަށް ހެދުނު މިސްޓޭކް އަހަންނަށް އެނގިގެންނޭ މާފަށް މި އެދުނީ"

ހައިކަލްގެ އާދޭސް ތަކަށް އަހަރެން އޭނާއާ ވާހަކަދެއްކީމެވެ. އޭނާގެ ޢަމަލުތައް އިހު ހުރި ގޮތަކަށް ނުބަހައްޓާނަމަ އަހަރެން އޭނާއަށް މާފުކޮށްފިން ކަމުގައި ބުނީމެވެ. އެއާއެކު އޭނާގެ ވާހަކަތައް ނިމުނީކީ ނޫނެވެ. ވާހަކައެއް އަހާލަންތޯ ހައިކަލް ސުވާލުކޮށްލުމުން އަހަރެން އާނއެކޭ ބުނީމެވެ.

ހައިކަލް: "މިންނު އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟"

ވިސްނަން އިނދެފައި ކޮށްލި ސުވާލެއް ހެން ހައިކަލްގެ ލޮލުން ހީވެއެވެ. އޭނާގެ ނަޒަރު ސީދާ ހުރީ އަހަރެންގެ މޫނަށް ހުއްޓިފައެވެ. ހައިކަލް ބެލުމުގައި އެވާ ތޫނުކަމަކީ އަހަރެން ހިތް ބިރުގަންނުވާ ފަދަ އަސަރެކެވެ. އިސްޖަހާލަމުން އަހަރެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން ހައިކަލް ގާތުގައި ބުނީމެވެ.

ހައިކަލް: "ކީއްވެ ރައްޓެހިވީ؟"

ކުއްލިއަކަށް އިސްއުފުލާ ހައިކަލްއަށް ބަލާލެވުނީ އޭނާ އެ ކުރި ސުވާލަކުންނެވެ. އެ ސުވާލަށް ދޭނޭ ޖަވާބެއް އަހަންނަށް ޔަގީނެއްނުވިއެވެ. އަހަރެން ކުއްޖަކާ ރައްޓެހި ނުވެ ހުންނާންވީ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އަހަރެންގެ މޫނުން ފާޅުވި ހައިރާންކަން ހައިކަލް ދެނެގަތީ ކިހިނެއްކަމެއް ނޭނގެއެވެ. އޭނާ ފެށީ ކުއްލިއަކަށް ހޭށެވެ. ކުރިން ފާޅުވަމުންދިޔަ ސީރިއަސްކަން ފަރުދާކޮށްލީ ނުހަނު އަވަހަށެވެ.

ހައިކަލް: "މިންނު ނުވާނެއެއްނު އަހަރެން ހުއްޓާ އެހެން މީހަކާ ރައްޓެހިވެގެން"

ހައިކަލް އެ ކުރަނީ ސަމާސާއެއް ހީވެ އަހަރެން ހީނލީމެވެ. އެއާއެކު އެންމެ ފުރަތަމަ އޭނާ ފެނުނު ދުވަހު ފަދައިން އެކްޓު ޖައްސާލިއެވެ. މޭގައި އަތްއަޅާލުމާއެކު އާހެއްގެ އަޑު ލައްވާލިއެވެ. އަހަރެންގެ ހިނިތުންވުމަށް ތަޢުރީފުކޮށްލިއެވެ. އިހުނަށްވުރެ ބޮޑަށް އަހަންނަށް ހެވުނެވެ. ސަމާސާ ކުރާން ހައިކަލް ވަރަށް މޮޅެވެ.

ހައިކަލް: "މިސާލަކަށް އަހަރެން މިންނުއާ ރައްޓެހިވާން ބޭނުންވެގެން އަހައިފިއްޔާ މިންނު ދޭނީ ކޮންކަހަލަ ޖަވާބެއް؟"

ހުނުން ހުއްޓާލުމާއެކު އަހަރެން ވިސްނާލީމެވެ. އަދި އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަމަށްވާތީ ހައިކަލްއާ ރައްޓެހިވެވެން ނޯންނާނޭކަމުގައި ބުނީމެވެ. ނަމަވެސް ހައިކަލް ކަހަލަ ރީތި ފުރިހަމަ ޒުވާނަކަށް އަހަންނަށްވުރެ މާރަނގަޅު ކުދީން ވެސް ވާނެއޭ ބުނީމެވެ. ހައިކަލް ވަރަށް ގިނަ ވާހަކަދެއްކިއެވެ. އޭނަގެ ވާހަކައިން އޭނަ އުޅެނީ ވަރަށް އެކަނިކަން އެނގުނެވެ. އެ ވާހަކއާ ގުޅުވައިގެން އަހަރެން ހައިކަލް ގާތުގައި އެހީ އޭނާ ބޭރުގައި ކިޔަވަން ހުރެފަ އައިއިރު ޕާޓްނާއެއް ގޮވައިގެން ނައީ ކީއްވެތޯއެވެ.

ހައިކަލް: "މަންމަމެން ނިޔާވުމުގެ ކުރީން ބޭރުގައި ހުރި އިރު ކުދީންނާ ރައްޓެހިވީން. އެކަމަކު އޭރު އެހާ ސީރިއަސްއެއް ނުވެވޭ. ޕޭރެންޓްސްގެ ޑެތްގެ ފަހުން މާލެ އައިސްފަ އަލުން ފުރައިގެން ދިޔައީ ކިޔެވުން ނިމެން އޮތީ ކުޑަ ދުވަސްކޮޅެއްވީމާ. އެ ދުވަސްކޮޅުގައި އެއްވެސް ވަރަކަށް އެކަހަލަ ޚިޔާލެއް ނުކުރަން. ދެން މާލެ އައިސް ރަސްމީކޮށް ކޮންޕެނީއާ ހަވާލުވި ތަނާ ވަރަށް ޚާއްޞަ ކުއްޖެއް ފެނުނީ. އެއީ އަހަރެންގެ ހަޔާތަށް ގެންނާން ޕާފެކްޓް އަންހެންކުއްޖެއް. ފުރަތަމަ ނަޒަރުން ވެސް އަހަރެންގެ ހިތް އޭނާ އަތުލައިފި. އަހަންނަށް އޭނާދެކެ ލޯބިވެއްވިއްޖެ. ކޮންމެ ގޮތަކުން ވިޔަސް މިހާރު ބޭނުންވަނީ އަހަރެންގެ މީހަކަށް އެ އަންހެންކުއްޖާ ހަދަން." (ނުނިމޭ)