ކުޅިވަރު

ސީރިޔާ ބަލިކޮށް އޮސްޓްރޭލިއާ ވޯލްޑްކަޕްގެ އުންމީދުގައި

Oct 10, 2017

ދެ ވަނަ ލެގް މެޗުގައި، ސީރިޔާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އޮސްޓްރޭލިއާ ވޯލްޑްކަޕްގެ އުންމީދު ދަމަހައްޓައިފި އެވެ.

ސިޑްނީގެ އެންޒެޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ހަ ވަނަ މިނެޓްގައި، ސީރިޔާއިން ވަނީ ލީޑް ނަގައި ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ވޭނުގައި ތިބި އެ ގައުމުގެ ރައްޔިތުންނަށް އުންމީދެއް ހޯދައިދީފަ އެވެ. ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ، އުމަރު އަލް ސޮމާހް އެވެ.

ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ އޮސްޓްރޭލިއާއިން، ސީރިޔާއާ އަރާ ހަމަ ކުރަން ނެގީ ހަތް މިނެޓެވެ. މެޗުގެ 13 ވަނަ މިނެޓްގައި، އެ ޓީމަށް ލަނޑު ޖަހައިދިނީ، އެވަޓަންގެ ކުރީގެ އެޓޭކިން މިޑްފީލްޑާ ޓިމް ކޭހިލް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމުން ޖެހި ލަނޑާއެކު، އެގްރިގޭޓް ނަތީޖާ 2-2 ން އެއްވަރު ވެގެންނެވެ. އެހެންވެ ނަތީޖާ ނެރުމަށްޓަކައި ޖެހުނީ އިތުރަށް 15 މިނެޓްގެ ދެހާ ފު ކުޅޭ ށެވެ. މެޗުގެ 94 ވަނަ މިނެޓްގައި، ސީރިޔާގެ މަހްމޫދު އަލް ނަވާސް އަށް ދެ ވަނަ ރީނޑޫ ކާޑާކާއެކު ރަތް ކާޑު ދެއްކުމުން، ސީރިޔާ މެޗުގެ ބާކީ ބައި ފުރިހަމަ ކުރީ އެއްކުޅުންތެރިޔަކު މަދު ކޮށެވެ.

އޮސްޓްރޭލިއާ މޮޅުކޮށްދިން ލަނޑު ކޭހިލް ޖެހީ މެޗުގެ 109 ވަނަ މިނެޓްގައެވެ.

ދެހާސް ހަ ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާ އަކީ އޭޝިއާގެ ފުޓްބޯޅަ ކޮންފެޑްރޭޝަން (އޭއެފްސީ) ގެ މެންބަރެކެވެ. އެގައުމުން އޭއެފްސީއާ ގުޅުމުން ގިނަ ބަޔަކު ހީކުރީ އެ ޓީމުން ފަސޭހަ ކަމާއެކު އޭޝިއާގެ ފުޓްބޯޅައިގައި ޑޮމިނޭޓް ކުރާނެ ކަމަށެވެ. ނަމަވެސް އެކަންވީ އެހެނެއް ނޫނެވެ.

އަމިއްލަ ގައުމުގައި 2015 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕް ކާމިޔާބު ކުރެވުނު ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ އުނދަގޫ ބުރުގައި އެ ޓީމަށް އުނދަގޫ ކުރިމަތި ވިއެވެ. ކޮލިފައިންގެ ސީދާ ޖަގައިން އެޓީމު ކެޓުމުން، ވޯލްޑްކަޕަށް ދާން އޮތް މަގު ދިގުވީ އެވެ.

ސީރިޔާ އަތުން މޮޅުވުމަކުން، އެ ޓީމަށް ވޯލްޑްކަޕްގެ ޖާގަ ޔަގީނެއް ނުވެއެވެ. ކުރަން އޮތް މަސައްކަތް އަދިވެސް ބުރަ އެވެ. ސީރިއާ އަތުން މޮޅުވުމުން އޮސްޓްރޭލިއާ ދެން ދާނީ، އިންޓަކޮންޓިނެންޓް ޕްލޭއޮފް ބުރަށެވެ. އިންޓަ ކޮންޓިނެންޓް ޕްލޭ އޮފް ބުރުގައި އެ ޓީމާ ދެކޮޅަށް ކުޅެން އަންނާނި އުތުރާއި ސެންޓަރަލް އެމެރިކާ އަދި ކެރީބިއަން ހިމެނޭ ކޮންކާކަފް ހަތަރު ވަނަ ހޯދާ ޓީމެވެ. އެ ގުރޫޕްގެ ހަތަރު ވަނަ އަށް ވާދަ ކުރަނީ ޕެނަމާ، އެމެރިކާ އަދި ހޮންޑިއުރާސް އެވެ.