ރައްޔިތުންގެ މަޖިލިސް

މަޖިލިސް ވަށާފާރު ވެސް އުސް ކުރަނީ!

ރައްޔިތުން މަޖިލީހުގެ އިދާރާއަށް ވަރަށް ގިނަ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެގޮތުން މަޖިލީހުގެ ބޭރު ވަށާފާރު ވެސް ވަރަށް އަވަހަށް އުސް ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ މަޖިލީހުގެ އިދާރާއަކީ ޕާކިސްތާނު ސަރުކާރުން ހަދިޔާކޮށް ހަދައިދީފައި ހުރި އިމާރާތެއް ކަމަށާއި އެ ސަރުކާރާއެކު ދާދި ފަހުން ކުރި މަޝްވަރާތަކުގައި މަޖިލީސްގެ މިހާރުގެ އިމާރާތުގެ އާބާތުރަ ފިލުވަން މާލީ އެހީތައް ދީފައިވާ ކަމަށެވެ. އެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ކުރިޔަށް އޮތްތަނުގައި މަޖިލީހުގެ އިދާރާއަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ރާވާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އެގޮތުން މަޖިލީހުގެ ވަށައިގެން މަގުމަތީ ފާރު ވެސް އުފުލަން ޖެހޭ ކަމަށާއި އެ މަސައްކަތްތައް ފުރުސަތު ލިބުނުހާ އަވަހަކަށް ފަށާނެ ކަމަށް މޫސަ މިރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ޗެމްބަރުގެ ތެރެއަށް ވެސް ގެންނަން ޖެހޭ ބަދަލުތައް ވީވަރަކުން ގެންނަމުން، މުޅިތަނަކީ ލަކުޑިން ހަދާފައި ހުރި ތަނަކަށްވުމުން އެތަނަށް އެގޮތަށް ގެނެވޭ އެކިއެކި ބަދަލުތައް އަޅުގަނޑުމެން ގެންނާނަން، އަދިވެސް އެކަން ކުރުމުގެ މަސައްކަތް އެބަދޭ،" މޫސަ ވިދާޅުވި އެވެ.

މިދަނީ ޗެމްބަރަށް ވެސް ގެންނަން ޖެހޭ ބަދަލު ވީވަރަކުން ގެންނަމުން، އެކިއެކި ބަދަލުތައް އަޅުގަނޑުމެން ގެންނާނަން، އަދިވެސް އެކަން ކުރުމުގެ މަސައްކަތް އެބަދޭ،
ރީކޯ މޫސާ މަނިކު | މަޖިލިހުގެ ނައިބު ރައީސް

މޫސަ ވިދާޅުވީ މަޖިލީހުގެ ޗެމްބަރު ތެރޭގައި އެއްވެސް ތަނެއް މާ އުސްކޮށްގެން ނޫޅޭ ކަމަށާއި އޭގެ ބަދަލުގައި ބޭރު ގައުމުތަކުގެ މަޖިލީސްތައް ހަދާފައި ހުންނަ ގޮތަށް ބަލާފައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އެ ބަދަލުތައް ގެންނަނީ މެންބަރުންނަށް އެންމެ ފުރިހަމައަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ދިނުމަށް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މަޖިލީހުގެ ބޭރު ފާރު އުސް ކުރަން ނިންމާފައިވާ ކަމަށް މޫސަ ވިދާޅުވި އިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ވަނީ ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު މަޖިލީހުގެ އިދާރާގެ ފާރު މަތިން އަރާ އެތެރެއަށް ވަދެ ފައެވެ. އިދިކޮޅު ގިނަ މެންބަރުންތައް އެ ދުވަހު މަޖިލީހުގެ ތެރެއަށް ވަނީ ފާރު މަތިން އަރައިގެނެވެ. އަދި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރާތީ މިހާރު ވަނީ އިދާރީ މޭޒުތަކާ ހަމައިން ލަކުޑި ފާރެއް ޖަހާ އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ހަދާފަ އެވެ.