ކުޅިވަރު

ފްރާންސް، ޕޯޗްގަލް ވޯލްޑްކަޕަށް، ހޮލެންޑަށް ޖާގަ ނެތް

Oct 11, 2017
  • ރޮބެން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
  • ފައިދާ ގޯލުން ޕޯޗްގަލް ވޯލްޑްކަޕަށް

ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކާމިޔާބު ކޮށް ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ރަނަރަފު ފްރާންސް ވޯލްޑްކަޕުން ޖާގަ ހޯދައިފި އެވެ. ނަމަވެސް ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅައިގެ ގައުމެއް ކަމަށްވާ ހޮލެންޑް، ސްވިޑެން އަތުން މޮޅުވި ނަމަވެސް ވޯލްޑްކަޕުން ފުރުސަތެއް ނުލިބުނެވެ.

ސްވިޒަލޭންޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕޯޗްގަލް، ވޯލްޑްކަޕްގެ ސީދާ ޖާގަ ޔަގީން ކުރީ، ޕޮއިންޓްގެ ގޮތުން، ސްވިޒަލޭންޑާ އަރާ ހަމަކޮށް ފައިދާ ގޯލްގެ ތަފާތުން ކުރި ލިބޭތީ އެވެ. މެޗުގެ ފަހު ކަށި ގަނޑާ ހަމަޔަށް، ޕޯޗްގަލް އޮތީ ސްވިޒަލޭންޑަށް ވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ.

ދެ ޓީމަށްވެސް ލިބިފައި ވަނީ، 27 ޕޮއިންޓެވެ. ޕޯޗްގަލް އަށް ފައިދާ 27 ގޯލެވެ. ސްވިޒަލޭންޑަށް 16 ގޯލެވެ. ދެ ވަނައިގައި ނިންމާލުމުން ސްވިޒަލޭންޑް ޖެހޭނީ އަންނަ މަހު ކުޅޭ ޕްލޭއޮފް ބުރުގައި، ވާދަ ކުރާށެވެ. ސްވިޒަލޭންޑާ ނިކުންނާނީ އުތުރު އަޔަލެންޑް، ގްރީސް، ސްވިޑެން ނުވަތަ ރިޕަބްލިކް އަޔަލެންޑްގެ ތެރެއިން ކޮންމެވެސް ޓީމަކާ ދެކޮޅަށެވެ.

އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ، ޕޯޗްގަލްގެ ފުރަތަމަ ލަނޑަކީ، ސްވިޒަލޭންޑްގެ ޔޯހާން ޖޫހޫ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 41 ވަނަ މިނެޓްގައި އިލީޒިއޯ ސްވިޒަލޭންޑްގެ އޭރިއާ ތެރެއަށް ނެގި ހުރަސް ޖޯއާ މާރިއޯ ޖަހަން އުޅުމުން އޭނާ އަށް ހުރަސް އަޅަން އުޅުމުގެ ތެރޭގައި، ޖޫހޫގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

ޕޯޗްގަލްގެ ދެ ވަނަ ލަނޑު 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޑްރޭ ސިލްވާ އެވެ. މެޗުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެދެވޭ ފުރުސަތުތަކެއް ނުލިބުނެވެ. އޭނާ އަށް ލަނޑެއް ނުޖެހުމުން ކޮލިފައިންގެ ލަނޑު ލިސްޓުގައި އޭނާ ނިންމާލަން ޖެހުނީ ދެ ވަނައިގަ އެވެ. ރޮނާލްޑޯ ޖަހާފައި ވަނީ 15 ލަނޑެވެ. އެއަށްވުރެ އިތުރަށް އެއް ލަނޑު ޖަހައިގެން ލިސްޓްގެ ކުރީގައި އޮތީ ޕޮލެންޑްގެ ރޮބަޓް ލެވަންޑޮސްކީ އެވެ.

ބެލަރޫސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ފްރާންސް ވަނީ ގުރޫޕް 'އޭ' ގެ އެއް ވަނައިގައި ވޯލްޑްކަޕުން ޖާގަ ހޯދާފަ އެވެ.

މެޗުގައި ފްރާންސްގެ ފުރަތަމަ ލަނޑު 27 މިނެޓްގައި ކާމިޔާބު ކުރީ އެންޓޯން ގްރީޒްމަން އެވެ. ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޮލިވާ ޖިރޫޑް އެވެ. ބެލަރޫސްގެ ހަމައެކަނި ލަނޑު އެންޓޯން ސަރޮކާ ކާމިޔާބު ކުރީ، 44 ވަނަ މިނެޓް ގައެވެ.

ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗު ހޮލެންޑް ކާމިޔާބު ކުރީ 2-0 ން ނެވެ. އެ ޓީމު ދެ ލަނޑު ޖެހީވެސް، މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި އާރެން ރޮބެން އެވެ. ފުރަތަމަ ލަނޑު ރޮބެން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ނެވެ. ލިބުނު މޮޅަކުން، ޕޮއިންޓްގެ ގޮތުން، ދެ ވަނައިގައި އޮތް ސްވިޑެންއާ އެއްވަރުވުން ނޫން ކަމެއް ހޮލެންޑަކަށް ނެތެވެ. އިތުރު މަގެއް ތަނަވަސް ކުރެވެން އޮތީވެސް އިތުރަށް އަށް ލަނޑު ޖަހައިގެން ނެވެ. ސްވިޑެން އަށް ފައިދާ 17 ގޯލް އެބައޮތެވެ. ހޮލެންޑަށް އޮތީ ފައިދާ ނުވަ ގޯލެވެ.

އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގެވެސް ގަދަ ތިނެއްގައި ހިމެނުނު ހޮލެންޑް ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން، 2014 ވަނަ އަހަރުގެ ފަހުން، ބޮޑު ދެ މުބާރާތުން އެ ޓީމަށް ފުރުސަތު ގެއްލުނީ އެވެ. މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްވެސް އެ ޓީމު ކޮލިފައި ނުވެ އެވެ. ވޯލްޑް ކަޕްގެ ފައިނަލުގައި ތިން ފަހަރަށް ކުޅުނު ހޮލެންޑަކީ ޔޫރަޕުން އުފަން ކުރި ޓެކްޓިކަލް ފުޓްބޯޅަ އެންމެ ފުރަތަމަ ކުޅެން ފެށި ގައުމެވެ.