ކުޅިވަރު

މެސީގެ ޖާދޫއިން އާޖެންޓީނާ ވޯލްޑްކަޕަށް، ޗިލީ އަލްވަދާއު

Oct 11, 2017

ކެޕްޓަން ލިއޮނަލް މެސީ ހެދި ހެޓްރިކާއެކު އެކްއެޑޯގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އާޖެންޓީނާ ވޯލްޑްކަޕުން ޖާގަ ހޯދައިފި އެވެ. އަދި އުރުގުއޭ އާއި ކޮލަމްބިއާ ވެސް ކޮލިފައިވީރު، ބްރެޒިލް އަތުން ބަލިވުމުން ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ އަށް ވޯލްޑްކަޕުން ފުރުސަތު ގެއްލިއްޖެ އެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވަނީ އެކްއެޑޯ އާއި އާޖެންޓީނާ ގެ މެޗަށެވެ. އާޖެންޓީނާގައި ކުޅުނު، އެ ދެ ޓީމުގެ ފުރަތަމަ ލެގް މެޗު އެކްއެޑޯ ކާމިޔާބު ކޮށްފައި ވުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ އެކްއެޑޯގައި ކުޅޭ މެޗު އާޖެންޓީނާ އަށް އުނދަގޫ ވާނެ ކަމަށެވެ.

އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ، އެކްއެޑޯއިން މެޗު ފެށިގެން 40 ވަނަ ސިކުންތުގައި ވަނީ ލީޑް ނަގާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮމާރިއޯ އިބާރާ އެވެ.

އަވަސް ލީޑެއް ނެގުމަކުން، އެކްއެޑޯއަށް ހަމަޖެހުމެއް ނެތެވެ. އޭގެ 11 މިނެޓްފަހުން އެންހަލް ޑީމާރިއާ އޭރިއާ ތެރޭގައި ހުރެފައި ގޯލް ކުރިމައްޗަށް ހުރަސްކޮށް ދިން ބޯޅާއިން މެސީ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އާޖެންޓީނާ ކޮޅަށް ނަތީޖާ އަނބުރާލަން މެސީ، ނެގީ އަށް މިނެޓެވެ. އެކްއެޑޯ ކުޅުންތެރިންގެ ފައިގައި ޖެހިފައި ލިބުނު ބޯޅަ ބާރު ސްޕީޑްގައި މެސީ ގޯލްތެރެއަށް ފޮނުވާލީ، މެޗުގެ 20 ވަނަ މިނެޓްގައެވެ.

މެޗުގެ 62 ވަނަ މިނެޓްގައި، މެސީ ހެޓްރިކް ހެދީ އެންޒޯ ޕެރޭޒް ތަނަވަސް ކޮށްދިން ބޯޅަ އަކުން ނެވެ. އެ ބޯޅަ މެސީ ގޯލްތެރެއަށް ފޮނުވާލީ އެކްއެޑޯ ކީޕަރު ބޯމަތިން އޮއްސާލާފަ އެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ ހެދި 44 ވަނަ ހެޓްރިކެވެ.

މެޗުން އާޖެންޓީނާ ބަލިވި ނަމަ އެޓީމަށް ވޯލްޑްކަޕުން ފުރުސަތެއް ނުލިބޭނެ އެވެ. އާޖެންޓީނާ ވޯލްޑްކަޕަށް މެސީ ގެންގޮސްދިނީ ކަރުތާ ފެނުގައި އޮއްވަ އެވެ. މޮޅާ އެކު އާޖެންޓީނާ ކޮލިފައިވީ ދެކުނު އެމެރިކާ ސަރަހައްދުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.

ކޮލިފައިންގައި އެންމެ ހިތްދަތި ހާލެއް މިޖެހުނީ ސަރަހައްދުގެ ޗެމްޕިއަން ޗިލީ އަށެވެ. ބްރެޒިލްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ޗިލީ އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. ނަމަވެސް ބްރެޒިލް އަތުން 3-0 ން ބަލިވުމުން އެ ޓީމުން ކޮލިފައިން ނިންމާލީ މައިނަސް އެއް ގޯލާއެކު ތާވަލުގެ ހަ ވަނައިގަ އެވެ. ޕްލޭއޮފްގެ ޖާގަ ވެސް ނުލިބުނެވެ.

އަމިއްލަ ދަނޑުގައި ކުޅުމުނު ބްރެޒިލްގެ ލަނޑުތައް ކާމިޔާބު ކުރީ، މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ބާސެލޯނާގެ ޕައުލީނިއޯ އާއި މެންޗެސްޓާ ސިޓީގެ ގެބްރިއަލް ޖީސަސް އެވެ.

ފުރަތަމަ ލަނޑު ޕައުލީނިއޯ ކާމިޔާބު ކުރީ 55 ވަނަ މިނެޓްގައެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ގެބްރިއަލް އެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ، ލީޑް ނެގިތާ ދެ މިނެޓް ފަހުން ނެވެ. ދެ ވަނަ ލަނޑު ޖަހައި 3-0 ށް ނަތީޖާ ބަދަލު ކޮށްލީ 93 ވަނަ މިނެޓްގަ އެވެ.

ދެ ވަނައިގައި އުރުގުއޭއިން ވޯލްޑްކަޕް ޖާގަ ހޯދީ، ބޮލީވިއާގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ނެވެ. އުރުގުއޭގެ ހަތަރު ލަނޑުގެ ތެރެއިން، ދެ ލަނޑު ކާމިޔާބު ކުރީ، ލުއިސް ސުއަރޭޒް އެވެ.

ފުރަތަމަ ލަނޑު މާޓިން ކާސަރޭސް ކާމިޔާބު ކުރި 39 ވަނަ މިނެޓްގައެވެ. އޭގެ ތިން މިނެޓް ފަހުން ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އެޑިންސަން ކަވާނީ އެވެ. އަނެއް ދެ ލަނޑު ސުއަރޭޒް ކާމިޔާބު ކުރީ 60 ވަނަ މިނެޓާއި 76 ވަނަ މިނެޓްގަ އެވެ.

ބޮލީވިއާގެ ދެ ލަނޑަކީވެސް، އުރުގުއޭ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ.

ކޮލަމްބިއާ އާއި ޕެރޫ ކުޅުނު މެޗަކީވެސް ތަފާތު މެޗެކެވެ. ހަމޭސް ރޮޑްރިގޭޒް 56 ވަނަ މިނެޓްގައި ލީޑް ނެގުމުން، ޕެރޫ އަށް ވޯލްޑްކަޕްގެ އުންމީދު ފަނޑުވި އެވެ. ނަމަވެސް، ޕައޮލޯ ގްއެރޭރޯ 76 ވަނަ މިނެޓްގައި ލަނޑު ޖަހައި ޕެރޫ އަށް ޕްލޭއޮފްގެ ފުރުސަތު ޔަގީން ކޮށްދިނެވެ. އަދި ޗިލީ ހުރިހާ ދޮރެއް ބަންދުވީ މެޗު ޕެރޫއިން އެއްވަރު ކުރުމުން ނެވެ