ތާވަލުގެ އެންމެ ފުލުގައި އޮތް ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން ބަލިވެ، ރަޝިޔާގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕުން އެމެރިކާ އަށް ފުރުސަތު ގެއްލިއްޖެވެ. އަދި ކޮސްޓަރިކާގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި މުލިން އަލަށް ޕެނަމާ ވޯލްޑްކަޕުން ޖާގަ ހޯދައިފި އެވެ.
ޓްރިނިޑާޑް އަތުން ބަލިވުމުގެ އިތުރަށް އެމެރިކާ އަށް ވޯލްޑްކަޕްގެ ޖާގަ ގެއްލުނީ އެ މެޗުން ޕެނަމާ މޮޅުވުމުން ނެވެ. މެޗުގެ 36 ވަނަ މިނެޓްގައި، ޖޮއާން ވެނޭގަސް ކޮސްޓަރިކާ އަށް ލީޑް ނަގައިދިފައި ވަނިކޮށް، 53 ވަނަ މިނެޓްގައި ޕެނަމާއިން ޖެހި ގޯލް ލަނޑެއް ކަމަށް ނިންމި ގޮތާ މެދު، ކޮސްޓަރިކާ އާއި އެމެރިކާއިންވެސް ހިތްހަމަ ނުޖެހޭނެ އެވެ. ގެބްރިއަލް ޓޯރޭޒް ފޮނުވާލި ބޯޅަ ގޯލް ލައިން އެތެރެވި ކަމަކަށް ރިޕްލައިންވެސް ސާފުކޮށް އެނގޭ ކަށެއް ނެތެވެ. ނަމަވެސް ރެފްރީ ނިންމީ ލަނޑެއް ކަމަށެވެ
ޕެނަމާ މެޗުން މޮޅުކޮށްދިން ލަނޑު ރޯމަން ޓޯރޭޒް ކާމިޔާބު ކުރީ މެޗުގެ 88 ވަނަ މިނެޓްގައެވެ.
ޓްރިނިޑާޑް އަތުން އެމެރިކާ ވެސް ބަލިވީ 2-1 ން ނެވެ. މެޗުގެ 17 ވަނަ މިނެޓްގައި ޓްރިނިޑާޑުން ލީޑް ނެގި ލަނޑަކީ، އެމެރިކާގެ އޮމަރު ގޮންޒާލޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޓްރިނިޑާޑްގެ ދެ ވަނަ ލަނޑު، 37 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލްވިން ޖޯންސް އެވެ. އެމެރިކާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން ޕްލިސިކް އެވެ.
މިއީ 1986 ވަނަ އަހަރުގެ ފަހުން އެމެރިކާއަށް ވޯލްޑްކަޕުން ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ.
އުތުރާއި ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ހިމެނޭ ކޮންކާކަފް ސަރަހައްދުން އިންޓަ ކޮންޓިނެންޓް ޕްލޭއޮފްގެ ޖާގަ ޔަގީން ކުރީ، ގުރޫޕްގެ އެއް ވަނައިގައި އޮތް މެކްސިކޯ ބަލި ކުރި ހޮންޑިއުރާސް އެވެ. ހޮންޑީއުރާސް މެޗު ކާމިޔާބު ކުރީ 3-2 ން ނެވެ. އިންޓަ ކޮންޓިނެންޓްގެ ޕްލޭއޮފްގައި ހޮންޑީއުރާ ބައްދަލު ކުރަން ޖެހޭނީ އޮސްޓްރޭލިއާ އާއެވެ.
ވޯލްޑްކަޕުން މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމުތައް
އޭޝިއާ: އިރާން، ޖަޕާން، ދެކުނު ކޮރެއާ، ސައުދީ އަރަބިއްޔާ
ޔޫރަޕް: ބެލްޖިއަމް، ޖަރުމަން، އިންގްލެންޑް، ސްޕެއިން، ޕޮލެންޑް، އައިސްލެންޑް، ސާބިއާ، ފްރާންސް، ޕޯޗްގަލް، ރަޝިއާ (މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން)
އެފްރިކާ: ނައިޖީރިއާ، މިސްރު
ދެކުނު އެމެރިކާ: ބްރެޒިލް، އުރުގުއޭ، އާޖެންޓިނާ، ކޮލަމްބިއާ
އުތުރާއި ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން: މެކްސިކޯ، ކޮސްޓަރިކާ، ޕެނަމާ