ވިޔަފާރި ކުރުމުގަ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ކުރެވޭ ވިޔަފާރީގެ އެކި މުއާމަލާތްތަކުގައި މަކަރު ހެދުން ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށާއި އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގައި ކޮށްފައިވާ ތަފާތު މުއާމަލާތްތަކުގެ އަގު ޖުމްލަ 638،168 ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ ވިޔަފާރިތަކުގައި އެކި ހިދުމަތްތަކަށް އެފަރާތްތަކަށް ފައިސާ ދެއްކުމުގެ ގޮތުން މުއާމަލާތް ކުރުމާއި ހިދުމަތްދޭ ފަރާތާ ގުޅުމެއް ނެތް އެކައުންޓްތަކަށް ފައިސާ ޓްރާންފާ ކުރަމުންދާ ކަމަށެވެ.
"... ފާއިތުވި މަސްތަކުގައި މިބާވަތުގެ މައްސަލަތައް ފުލުހުންގެ ސައިބާ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅިފައިވާ މިންވަރު އިތުރުވެގެން ގޮސްފައިވާއިރު، ތަހުގީގު ކުރަމުންދާ މިބާވަތުގެ އެކި މައްސަލަތަކުގައި، ކޮށްފައިވާ ތަފާތު މުއާމަލާތްތަކުގެ އަގު ޖުމްލަ 638،168 ޔޫއެސް ޑޮލަރަށް އަރައެވެ." ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަދަ މަކަރުވެރި އަމަލުތައް ހިންގުމުގައި ބޮޑަށް ހަރަކާތެރިވަނީ ރާއްޖެއިން ބޭރުމުގެ އެކި ފަރާތްތަކާ ގުޅިގެން ކުރެވޭ ވިޔަފާރިތަކުގެ ތެރެއިންކަމަށްވާއިރު، މިފަދަ އަމަލުތަކުގެ ނުރައްކާ އެންމެ ބޮޑުކަމަށް ފާހަގަކުރެވިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީގެ ގުޅުން ދަމަހައްޓަމުން ދާ ފަރާތްތަކަށް ކަމަށެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެފަދަ ގުޅުންތަކުގެ ފައިދާ ނަގައި، ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންފަރކޮށްފައި ހުންނަކަންވެސް ފާހަގަވެފައިވާ ކަމަށް ބުންޏެވެ.
"... އެގޮތުން ވިޔަފާރީގެ މުއާމަލާތްކުރާ އީމެއިލަކީ ރަނގަޅު އީމެއިލްތޯ ޔަގީން ނުކޮށް އެފަރާތްތަކާ މުއާމަލާތްކުރުމާއި، މުދަލަށް އޯޑަރު ދިނުމަށްފަހު ފައިސާ ޓްރާންފާ ކުރަންޖެހޭ ހިސާބަށް ގޮސް، ފައިސާ ޓްރާންފާ ކުރަންޖެހޭ އެކައުންޓަކީ މުދަލަށް އޯޑަރުދިން ކުންފުނީގެ އެކައުންޓްތޯ ޔަގީން ނުކޮށް ފައިސާ ފޮނުވުމަކީ މިފަދަ މައްސަލަތައް ހިނގަން މެދުވެރިވާ ސަބުބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ." ބަޔާނުގައިވެ އެވެ.
މި މައްސަލަތަކަކީ ވިޔަފާރިކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ހާއްސަ ސަމާލުކަމެއް ދެއްވައިފިނަމަ ހުއްޓުވިދާނެ މައްސަލަތަކެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީގެ ގުޅުން ދަމަހައްޓައި އިތުބާރު އޮތްކަމުގައިވީނަމަވެސް މުއާމަލާތްކުރާ އީމެއިލް ވަކިން ހާއްސަކޮށް ފައިސާ ފޮނުވާ އެކައުންޓްގެ މައުލޫމާތު ބަދަލުވެފައިވާނަމަ ފައިސާ ފޮނުވުމުގެ ކުރިން އެ އެކައުންޓަކީ ފައިސާ ފޮނުވަންޖެހޭ ފަރާތުގެ އެކައުންޓްތޯ އެފަރާތަކާ ގުޅައިގެން ޔަގީންކުރުމަށްފަހު ފައިސާގެ މުއާމަލާތް ކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ.