ކުޅިވަރު

ފީފާއިން ޕާކިސްތާންގެ އެފްއޭ ސަސްޕެންޑް ކޮށްފި

Oct 11, 2017

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަން (ޕީއެފްއެފް) ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުންނާއި، ޕްރޮގްރާމްުތަކުން ސަސްޕެންޑް ކޮށްފި އެވެ.

ފީފާއިން މިއަދު ޕީއެފްއެފް ސަސްޕެންޑް ކުރީ، އެ ފެޑްރޭޝަނަށް ތިން ވަނަ ފަރާތެއްގެ ބާރު ފޯރުވާފައިތީ ކަމަށް ފީފާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ޕާކިސްތާންގެ ފެޑްރޭޝަނަށް ތިން ވަނަ ފަރާތެއްގެ ބާރާއި ނުފޫޒު ފޯރުވާފައިވާ ކަމަށް ފީފާ އިން އެ ބުނަނީ މިދިޔަ ބުރާސްފަތި ދުވަހު، ޕާކިސްތާންގެ ސްޕްރީމް ކޯޓުން ކަނޑައެޅި އެޑްމިނިސްޓްރޭޝަން ކޮމިޓީން ފުޓްބޯޅަ އިދާރާ އާއި އެ އިދާރާގެ އެކައުންޓްތަކާ ހަވާލު ވުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ހުކުމް ކުރުމުން ނެވެ.

ފީފާގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، އެ ޖަމްއިއްޔާގެ މެންބަރު ގައުމެއްގެ ފުޓްބޯޅަ އިދާރާ އަށް ފިޔަވަޅު އެޅޭނީ ހަމައެކަނި ފީފާ އަށެވެ. ފީފާއިން ނިންމާ ނިންމުމަކާ ގުޅިގެން އިސްތިއުނާފަށް ހުށަހެޅޭނީވެސް، ފީފާގެ އިސްތިއުނާފް ކޮމިޓީ އަށެވެ. ފީފާގެ އިދާރީ މަރުހަލާގެ ތެރެއިން ވަކި ކަމެއް ނުނިމިއްޖެނަމަ ދެން އެ މައްސަލައަކާ މެދު ކޯޓުން މރުހަލާއިން ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ސްވިޒަލޭންޑްގެ ލުޒާން ގައި ހުންނަ އިންޓަނޭޝަނަލް ސްޕޯޓްސް އާބިޓްރޭޝަން ކޯޓަ ށެވެ.

ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަން ސަސްޕެންޑް ކުރުމުން، އެގައުމުގެ ގައުމީ ޓީމަށް އަދި ކުލަބަށްވެސް ބައިނަލްއަގްވާމީ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. އަދި ފީފާއިން ހިންގާ ޑިވްލަޕްމެންޓް އަދި ޓެކްނިކަލް އެއްވެސް ޕްރޮގްރާމެއްގައި ޕާކިސްތާންގެ ފެޑްރޭޝަންގެ އެއްވެސް ފަރާތަކަށް ބައިވެރި ނުވެވޭނެ އެވެ.

ޕީއެފްއެފް އަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ ސާފްގެ މެންބަރު ގައުމެކެވެ. ސަސްޕެންޝަން ދެމި އޮވެއްޖެނަމަ، އަންނަ އަހަރު ބއްވާ ސާފް ޗެމްޕިއަންޝިޕްގައިވެސް ވާދ ކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.