ފާރިސް މައުމޫން

ފާރިސް ގޭ ބަންދަށް ބަދަލުކޮށްފި

Oct 11, 2017
4

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުއްވި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހުން ފެށިގެން ޖަލު ބަންދުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ. ކަރެކްޝަންސްގެ އޮފިސަރުން އޭނާ ގެޔަށް ބަދަލު ކޮށްފައި ވަނީ މިއަދު މެންދުރު ފަހު އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ފާރިސް ގެއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވީ އޭނާ ގެއަށް ބަދަލު ކުރީ މާފުށީގައި ފާރިސް ހުންނަވާ ގޮޅީގެ މަރާމާތުތަކެއް ކުރުމަށް ކަމަށެވެ. ފާރިސް ގެއަށް ބަދަލު ކުރަން އުޅޭކަން މީގެ ކުރިން އަންގާފައެއް ނުވެ އެވެ.

ފާރިސް އިއްޔެ ވެސް މާލެ ގެނެސް ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކައިފަ އެވެ. އެއަށް ފަހު އާއިލާއިން ވަނީ މިއަދު ފާރިސްއާ ބައްދަލު ވެސް ކޮށްފަ އެވެ.

ފާރިސް ބަންދުކުރީ ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ފާތިސް އަށް މިހާރު ވަނީ ރިޝްވަތު ދޭން އުލުމުގެ ދައުވާކޮށްފަ އެވެ. އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.

އޭގެ އިތުރުން ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް ފާރިސްއަށް ވަނީ ކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ވަނީ ކުރިމިނަލް ކޯޓުން ފަށާފަ އެވެ.

ފާރިސް ގޭބަންދަށް ބަދަލުކުރިއިރު އޭނާ ހައްޔަރުކޮށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް ވަނީ މަޑުޖައްސާފަ އެވެ. އެ ހުކުމް މަޑުޖައްސާފައިވަނީ އެ މައްސަލަ ބެއްލެވި ބެންޗަށް ގެނައި ބަދަލަކީ ގާނޫނާ ހިލާފު ބަދަލެއް ކަމަށް ބުނެ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައިވާތީ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމަންދެން ހައިކޯޓުގެ ހުކުމް މަޑުޖައްސާފައިވާއިރު ސުޕްރީމް ކޯޓުން މިހާތަނަށް އެ މައްސަލަ ބައިލަގަތްކަން ވެސް އަންގާފައެއް ނުވެ އެވެ.