ދުނިޔެ

އެމެރިކާ އެންމެފަހުން ކިއުބާގެ އެކުވެރިޔަކަށް ބަދަލުވަނީތަ؟

އެމެރިކާ އާއި ކިއުބާ އިން އަސީރުންތަކެއް ބަދަލުކުރުމަކީ، އަދުގެ ދުނިޔޭގައި މި ހަފުތާގެ އެންމެ ބޮޑު އެއް ޚަބަރެވެ.

އަސީރުން ބަދަލުކުރުމުގެ ކާމިޔާބީ ފާހަގަކުރައްވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ މިއީ ފާއިތުވި 50 އަހަރު ތެރޭގައި އެމެރިކާ އިން ކިއުބާ އަށް ހުށަހެޅި އެންމެ ރަނގަޅު ހުށަހެޅުން ކަމަށާއި ގުޅުން ބަދަހިކުރުމުގައި ހޯދުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.

މިއީ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސިއްރު ވާހަކަތަކެއްގެ ނަތީޖާ އެވެ.

ހުރިހާ ވެސް ޝުކުރެއް ޕޯޕަށެވެ. އަސީރުން ބަދަލުކުރުމުގެ ސިއްރު ވާހަކަތައް އެމެރިކާ އާއި ކިއުބާ އިން ވެޓިކަން އަދި ކެނެޑާގައި ކުރިއަށް ގެންދިޔައީ ސީދާ ޕޯޕުގެ ބެއްލެވުމުގެ ދަށުންނެވެ.

ކާމިޔާބީ ފާޅުކުރައްވަމުން އޮބާމާ ވިދާޅުވެފައި ވަނީ އެމެރިކާ އާއި ކިއުބާގެ ގުޅުމުގެ "އާ ސަފުހާ" އެއް ހުޅުވި އާ ފެށުމަކުން ފަށައި ގަނެވިއްޖެ ކަމަށެވެ.

އެމެރިކާ އިން ދަނީ ކިއުބާގެ ވެރިރަށް ހަވާނާގައި ކުރިއަށް އޮތް ދެ ތިން މަސް ދުވަސް ތެރޭގައި އެމްބަސީއެއް ވެސް ހުޅުވުމުގެ ތައްޔާރީތައް ވަމުންނެވެ. އޮބާމާ ވަނީ މިކަން ވެސް ކަށަވަރުކޮށް ދެއްވައިފަ އެވެ.

މީގެ އިތުރަށް ވެސް އެމެރިކާގެ އަތުގައި އެހެން ޕްލޭންތަކެއް ވެސް އެބަހުއްޓެވެ.

ސުލްހައިގެ މިފަދަ އެތައް ހުށަހެޅުމެކެވެ. ކިއުބާގެ ރައީސް ރާއުލް ކާސްޓްރޯ ވިދާޅުވެފައި ވަނީ އެމެރިކާ އިން މިފަދަ ސުލްހަވެރި މަގެއް އިޚްތިޔާރުކުރުމަކީ ކިއުބާ އިން އަބަދުވެސް އެދިއެދި ތިބި ގޮތް ކަމަށެވެ. 

އެމެރިކާ އިން ކިއުބާއާ ދެކޮޅަށް ވިޔަފާރީގެ ދާއިރާ އިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ 1960 ވަނަ އަހަރުން ފެށިގެންނެވެ.

މި ހަރުކަށި ފިޔަވަޅުތައް އުވާލުމުގެ ވިސްނުން އެމެރިކާ އިން އެންމެފަހުން ކުރިއަށް ނެރެފައިވާއިރު އޮބާމާ ވިދާޅުވެފައި ވަނީ "އެކަހެރިކުރުމުގެ ސިޔާސަތު" ކާމިޔާބެއް ނުވި ކަމަށެވެ.

ކިއުބާ އިން ފަސް އަހަރު ވަންދެން ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަށް ފަހު އެމެރިކާ އަށް ދޫކޮށްލި 65 އަހަރުގެ އެލެން ގްރޮސް އަކީ ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ކޮންޓްރެކްޓަރެކެވެ. އޭނާ 2009 ވަނަ އަހަރު ކިއުބާ އަށް ދިޔައީ އެގައުމުގެ ޔަހޫދީންގެ އާބާދުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. 

ނަމަވެސް މުޖުތަމައު ބައިބައިކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ ކިއުބާ އިން އޭނާ ހައްޔަރުކޮށް ޖަލު ހުކުމް އިއްވީ އެވެ. 

އޭނާ މިނިވަންކުރަން ކިއުބާ އިން އެއްބަސްވީ އެމެރިކާގައި ހައްޔަރުކޮށްފައިވާ ކިއުބާގެ ތިން މީހަކު ދޫކޮށްލަން އެއްބަސްވުމުންނެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް ވެސް އެމެރިކާ އަށް ޝަރުތުކުރުމަށް ފަހު އެވެ. 

އެމެރިކާ އިން މިނިވަންކުރި ކިއުބާގެ ތިން މީހުންނަކީ ޖާސޫސުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ބައެކެވެ.