(10 އޮކްޓޯބަރ 2017 އާ ގުޅޭ)
ހައިކަލް: "މަންމަމެން ނިޔާވުމުގެ ކުރީން ބޭރުގައި ހުރި އިރު ކުދީންނާ ރައްޓެހިވީން. އެކަމަކު އޭރު އެހާ ސީރިއަސްއެއް ނުވެވޭ. ޕޭރެންޓްސްގެ ޑެތްގެ ފަހުން މާލެ އައިސްފަ އަލުން ފުރައިގެން ދިޔައީ ކިޔެވުން ނިމެން އޮތީ ކުޑަ ދުވަސްކޮޅެއްވީމާ. އެ ދުވަސްކޮޅުގައި އެއްވެސް ވަރަކަށް އެކަހަލަ ޚިޔާލެއް ނުކުރަން. ދެން މާލެ އައިސް ރަސްމީކޮށް ކޮންޕެނީއާ ހަވާލުވި ތަނާ ވަރަށް ޚާއްޞަ ކުއްޖެއް ފެނުނީ. އެއީ އަހަރެންގެ ހަޔާތަށް ގެންނާން ޕާފެކްޓް އަންހެންކުއްޖެއް. ފުރަތަމަ ނަޒަރުން ވެސް އަހަރެންގެ ހިތް އޭނާ އަތުލައިފި. އަހަންނަށް އޭނާދެކެ ލޯބިވެއްވިއްޖެ. ކޮންމެ ގޮތަކުން ވިޔަސް މިހާރު ބޭނުންވަނީ އަހަރެންގެ މީހަކަށް އެ އަންހެންކުއްޖާ ހަދަން."
ހައިކަލްގެ ވާހަކަތައް އަހަންނަށް ވިސްނުނެވެ. އަހަރެން ވެސް އަޒާންދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާ އެހެން މީހެއްގެ ހައްގަކަށް ވާން އަހަރެންގެ ހިތެއް ދުވަހަކު ވެސް ނޭދޭނެއެވެ. ހިނިތުންވެލުމާއެކު ހައިކަލް ދެއްކި ވާހަކަތަކަށް އަހަރެން އެއްބަސްވީމެވެ. ލޯބިވުމަކީ މީހާގެ ގައިގާ ހުންނަ ކެތްތެރިކަން ކުޑަވެގެންދާކަމެކެވެ.
ހައިކަލް: "އަހަންނަށް ކެތެއްނުވާނެ އަހަރެން އެންމެ ލޯބިވާ މީހާ އެހެން މީހަކާ އެއްކޮށް އުޅޭތަން ބަލާކަށް. އައި ވޯންޓް ހާ ސޯ ބޭޑްލީ"
އަހަރުމެން ލޯތްބާ ބެހޭގޮތުން އެކިއެކި ވާހަކަތައް ދެއްކީމެވެ. ނަމަވެސް ހައިކަލްއަށް ބަދަލުތަކެއް އައިކަން އަހަންނަށް ފާހަގަކުރެވުނީ ކައިވެނީގެ ވާހަކަ ބުނުމުންނެވެ. އެވެސް އަހަރެންގެ ކައިވެނީގެ ވާހަކަ ބުނުމުންނެވެ. އަހަރެން ވަރަށް އަވަހަށް ކައިވެނިކުރާން ބޭނުންވާކަން ހާމަ ކުރީ އަޒާންއާއެކު ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުރި ވަރުންނެވެ. ނަމަވެސް ހައިކަލްގެ މޫނުގައިވާ އަސަރުތަކުން ހީވީ އަހަންނަށް ބުނެވުނީ އޭނާ އެއްގޮތަކަށް ވެސް ގަޔާނުވާ ވާހަކައެއް ހެނެވެ. އިތުރަށް އޭނާ އެ މައުޟޫޢުއަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނުވިއެވެ. އެހެންވެ އެ ހިސާބުން ލޯބީގެ ވާހަކަތައް އެހެން މިސްރާބަކަށް ބަދަލުވެގެންދިޔައެވެ. ދެން ފެށީ އަހަރެންގެ ޢާއިލާގެ ވާހަކަތަކެވެ. އެގޮތުގައި ދެ މީހުން ތިއްބާ ސިޓިންރޫމު ފާރުގައި ހަރުކޮށްފައި ހުރި ފޯނު ރިންގުވާން ފެށިއެވެ. އަހަރެން އެބަ އަންނަން ކަމުގައި ބުނެ ސޯފާއިން ތެދުވެގެން އައިސް ފޯނުގެ އަތްގަނޑު ނަގާ ކަންފަތުގައި ޖައްސާލީމެވެ. އަހަރެންގެ "ހެލޯ"އާ އެކު އިވިގެން ދިޔައީ އަޒާންގެ އަޑެވެ.
އަޒާން: "މިންނު ގުޅާ ވެސް ނުލީމަ މި ގުޅީ. ކީއްވެތަ ކުއްލިއަކަށް ގެއަށް ދިޔައީ؟"
އަޒާންގެ ސުވާލަށް އަހަރެން ޖަވާބު ދިނީމެވެ. ހައިކަލްއަށް ފުރަގަސް ދީގެއް ހުއްޓެއްކަމަކު އަހަރެން ދައްކާ ވާހަކަ ހައިކަލްއަށް އަޑު އިވޭނޭކަން އެނގެއެވެ. ކަންތައްވީގޮތް އަޒާނަށް ކުޑަގޮތަކަށް ކިޔާލަދިނީމެވެ. އަދި އަވަސްއަވަހަށް މިރޭ ބައްދަލުކުރާން އަންނާނަންތޯ އަހާލީމެވެ. ބޭނުންވީ އަޒާންއާ ބައްދަލުވުމުން ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ކިޔައިދޭށެވެ. އަޒާންގެ ފަރާތުން ޖަވާބު ލިބުމާއެކު އަހަރެން އަވަސް އަވަހަށް ފޯނު ބޭއްވީމެވެ. އަދި އިހު އިން ސޯފާގައި އަހަރެން އައިސް އިށީނެމެވެ. ހައިކަލް އަހަންނަށް ބަލާ ނުލިއެވެ. އެހެންވިޔަސް އޭނާ އިނީ ނިކަން ފާޑަކަށެވެ. ވާހަކައެއް ނުދައްކާ އިރުކޮޅަކު އިނދެފައި އޭނާ ދާންވެގެން ތެދުވިއެވެ. އޭރު އިރު ވެސް އޮއްސިއްޖެއެވެ. އެހާއިރު ހައިކަލް އިނދެފައި އޭނާގެ ގާތުގައި ރޭގަނޑު ކެއުމަށް މަޑުކުރާން ނުބުނެފައިނަމަ ޖައުބެއާއި ސުހައްތަ ހިތްހަމަނުޖެހިދާނޭ އަހަންނަށް ހީވިއެވެ. އެހެންވެ ރޭގަނޑު ކައިގެން ދާން މަޑުކުރުމަށް ހައިކަލްގެ ގާތުން އަހަރެން އެދުނީމެވެ. ހައިކަލް ހުރީ މަޑުކުރާ ކަހަލަ ޚިޔާލެއްގައެއް ނޫނެވެ. ކުއްލިއަކަށް އޭނާއަށް އެ ވީގޮތެއް އަހަންނަކަށް ނޭނގުނެވެ. ޖައުބެއަށް ގޮވަން ދާން އުޅުމުން އެކަން ވެސް ހައިކަލް ހުއްޓުވައިފިއެވެ. އޭނާ ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އަހަރެން ވެސް އައިސް ވަނީ ކޮޓަރިއަށެވެ.
* * * * *
އެކުވެރިޔާއެވެ. ވަރުބަލިވެފަ ހުންނަވަރުން މިހާރު ކޮންމެރެއަކު ލިޔެވޭ ވަރެއް ނުވެއެވެ. އަހަރެންވެސް މީއިންސާނެއް ނޫންހެއްޔެވެ. އޮފީހަށް ދަމުން ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން، އަޒާންއަށް ވަގުތު ދެމުން އުޅޭއިރު އަހަރެން ހީވަނީ ޗާބީދީފައި ހުންނަ ބުދެއްހެންނެވެ. އެހެންވެ ރޭގަނޑު ފެންވަރާލައިގެން އެނދަށް އަރާއިރަށް އޮންނަނީ އަހަންނަށް ނިދިފައެވެ. މިގޮތަށް ދެމަސް ދުވަސް ހޭދަވެގެން ދިޔައިރުވެސް ތި އެކުވެރިޔާއާ ކަމެއް ޚިއްޞާކޮށްނުލެވި އަލަމާރީގައި ބޭއްވުނީއެވެ. އެއީ އަހަރެން ތި އެކުވެރިޔާ ވީ ވަޢުދާ ޚިލާފުވުމެއްކަން އެނގެއެވެ. ތި އެކުވެރިޔާ ހޯދުމުގެ ބޭނުމަކީ ވެސް ހުރިހާ ކަމެއް ޚިއްޞާކުރުމެވެ. ދެން އެހެނެއް ނުވާނެއެވެ. ކުރީން ލިޔާހެން ރޭގަނޑު ގަޑީގައި ލިޔުން ފަސޭހައެއްނުވާނެއެވެ. އެކަމަކު އޮފީހުގައި ލިބޭ ބްރޭކް ގަޑިތަކުގައި އެކަން އަހަންނަށް ކުރެވޭނެއެވެ. އެހެންވެ އަހަރެން ގަސްދުކުރީ ތި އެކުވެރިޔާގެ ސަފުހާތައް ފަޅުފިލުވާލުމުގެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދާށެވެ. ނިމިގެންދިޔަ ދުވަހުގެ ވާހަކަތައް އޭގެ އަނެއް ދުވަހު އޮފީހުގައި އިނދެ ކިޔައިދޭނަމެވެ.
މިހާރު އަހަރެން އެންމެ ކަންތައް ބޮޑުވަނީ ސުހައްތަގެ ހާލާމެދުގައެވެ. އެކަމަކު މިހާރު ކުރިއާ ބަލާފައި ވަރަށް ބޮޑުތަން ރަނގަޅެވެ. މޭނުބައި ކުރާތީ އުޅެއެވެ. އެހެންވިޔަސް ކެއުން އިތުރުވެއްޖެއެވެ. ބަލިވެ އިންކަން ސުހައްތަގެ ބަނޑުން އެނގެން ވެސް ފަށައިފިއެވެ. ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމުގައި ޑަކްޓަރުން ބުނެއެވެ.
ހައިކަލް މިހާރު ކޮންމެ ދުވަހަކު މިގެއަށް އާދެއެވެ. ޖައުބެ އާއި ދެމީހުން ފުޓުބޯޅަ ބަލަން ޓީވީ ދޮށުގަތިބެއެވެ. ޖައުބެގެ ނިއު ބެސްޓް ފްރެންޑް ކަހަލަ އެވެ. އަހަންނާ ވެސް ހައިކަލް ސަކަރާތްޖަހާ ހަދައެވެ. ހަމަ ފެންނަ އިރަށް ގޮވާލާނެއެވެ. ހަފިއްތަގެ ކައިވެނި ވެސް އޮތީ ބޯމަތި ވެފައެވެ. ހަފިއްތަގެ ކައިވެންޏަށްވެގެން އެންމެ އަގުހުރި ހަދިޔާއެއްދިނީ ހައިކަލްއެވެ. އެދެމީހުން މިހާރު ވަރަށް ގުޅެއެވެ. ކުރިން އަހަންނާ ވާހަކަދައްކަން އަބަދު ބޭނުންވާ ހައިކަލް އަހަންނަށްވުރެ ހަފިއްތައާ ވާހަކަދައްކަން އިންނަ ވަގުތު ގިނައެވެ. އަދި މިހާރު އެންމެ ހައިރާންވާންޖެހޭ ކަމަކީ ހަފިއްތަގެ ދުލު ކުރީގައި އަބަދު ހައިކަލްގެ ނަން އޮންނާތީއެވެ. އަހަރެން އިންނަތަނެއްގައި ހައިކަލްގެ ވާހަކަ ނޫން ވާހަކައެއް ހަފިއްތަ ނުދައްކައެވެ. އަހަންނާއި ސުހައްތަ އޭނާގެ މި ބަދަލަށް ހީނލަ ހީނލާ ތިބެމެވެ. ހަފިއްތައަށް ހައިކަލްގެ މުއްސަނދިކަން ފެނުނަސް އަހަންނަށް އެއީ އެހާ މުހިއްމު އެއްޗެއް ނޫނެވެ.
ހައިކަލް އަންނަން ފެށިފަހުން އަހަރުމެންގެ ހިމޭންވެފައި އޮންނަ ގޭތެރޭގެ އަޑުފަށްގަނޑު ގަދަވެއްޖެއެވެ. މި ހަފްތާގެ ދުވަހެއްގައި ހަފިއްތައާއި އަކީލުގެ ކައިވެނި ވެސް ކުރެވިގެންދާނެކަން އޮތީ ޔަގީންވެއެވެ. އަކީލު ބޭނުންވަނީ ކައިވެނި ހަފްލާ ނިމޭގޮތަށް ހަފިއްތަ ގޮވައިގެން ރާއްޖޭން ބޭރަށް ފުރާށެވެ. އެއީ ހަފިއްތަ ބޭނުންވާ ގޮތްހެން އަހަންނަށް ބައެއްފަހަރު ހީވެއެވެ. ޖައުބެއާ މެދު ހުންނަ ގާތްކަމެއް އަކީލުއާ މެދު އަހަރެންގެ ނުހުރެއެވެ. ހަފިއްތަ އަހަރުންގެ ޢާއިލާއާއި އަކީލުއާ ދެމެދު ގާތްކަމެއް އުފެދެން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެއެވެ. އޭނާގެ ވިސްނުން އަބަދުވެސް ހުންނަނީ މުއްސަނދި ދިރިއުޅުމެއް ހޯދައިގެން އަވަހަށް އަހަރުމެންގެ ގާތުން ދިއުމެވެ.
އަހަންނާއި އަޒާންގެ ބައްދަލުވުން މިހާރު ކުރިއަށްދަނީ ގޭގެ ޖޯލިފަތީގައެވެ. ކޮންމެ ރެއަކުވެސް އޭނާ އާދެއެވެ. އެކަމަކު މިދުވަސްކޮޅު އުޅެނީ ހިސާބަކަށް ވިއްސާރަކޮށެވެ. އަހަރުގެ ބޮޑުބަންދާ ދިމާކޮށް މިފަހަރު ވެސް ވިއްސާރަވާން އުޅެނީކަންނޭގެއެވެ. އަޒާން ވެސް އުޅެނީ ވަރަށް ދެރަވެގެންނެވެ. އޭނަގެ ބައްޕަގެ އެންމެ ގާތް ރަޙުމަތްތެރިއާއެކު އޭނަގެ އަންހެނުންގެ ރަށަށް ދާންޖެހިގެންނެވެ. އަޒާން ބުނެބުނެ ވެސް އޭނާ ބަހައްޓާފައި ދާކަހަލަ ޚިޔާލެއް އޭނާގެ މައިންބަފައިން ނުކުރިއެވެ. އަހަންނާއި ދުރުގައި އެންމެ ދެ ހަފްތާ ވެސް އަޒާނަށް ނުހުރެވޭނެ ކަމުގައި ބުންޏެވެ. އެހެންވެ އޭނަގެ މަންމަގާތު އޮފީހުން ޗުއްޓީއެއް ނުލިބުނޭ ބުނެ އިތުރު ބަހަނާއެއް ދެއްކިއެވެ. ދެންވީގޮތެއް އިނގޭހެއްޔެވެ. އަޒާންގެ މަންމަ ބުނީ އެހެންވީރު މިފަހަރު އެދަތުރުގައި އަޒާންގެ ބައްޕަ ފޮނުވާފައި މަންމަ މަޑުކުރާނީ ކަމުގައެވެ. އެންމެފަހުން އެކަންތައް ހައްލުވެ ނިމުނީ އެގޮތަށް ކަމުގައި އަޒާން ބުންޏެވެ. އަހަންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަޒާން ހުންނާނެކަން އެނގޭތީއެވެ.
އަހަންނާއި ބައްދަލުކުރަން އަޒާން އައީ ރޭގަނޑު ނުވައެއް ޖަހަނިކޮށެވެ. އޭރު ވެސް ހައިކަލް އަހަރުމެން ގޭތެރޭ އުޅެއެވެ. އޭނައާއި ހަފިއްތަ ސިޓިންރޫމުގައި ތިއްބައި އަހަރެން ރީތިވެލައިގެން ބޭރަށްދާން ނުކުތީމެވެ. އަހަރެން ގޮސް ގޮސް ހުއްޓާ ހައިކަލް ފަހަތަށް އަތްދިއްކޮއްލާފައި އަހަރެންގެ ދޯޕައްޓާގައި ހިފިއެވެ. ކޮންތާކައްތޯ ދަނީ ސުވާލުކޮއްލިއެވެ. އަހަރެން ބޭރަށްކަމުގައި ބުނީމެވެ. އޭނަ އަހަރެންގެ ދޯޕައްޓާއިން ދުލެއްނުކުރިއެވެ. އަދި މިރޭ ބޭރަކަށް ނުދެވޭނެއޭ ބުންޏެވެ. ހަފިއްތަ ފާޑަކަށް އަހަރުމެން ދެމީހުންނަށް ބަލަހައްޓައިގެން އިނެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. އޭރު އަޒާން ސައިކަލުގައި ދޮރުމަތީ މަޑުކޮއްލައިގެން އަހަރެންގެ އިންތިޒާރުގައި އިންނާނެކަން އެނގެއެވެ.
އަހަރެން ހައިކަލް ގާތު ދޫކޮއްލާށޭ ލަސްވެޔޭ ބުނީމެވެ. މިގަޑީގައި އަހަރެން މިހިރީ ސަކަރާތްޖަހާ ކަހަލަ މޫޑެއްގައެއްނޫނޭ ވެސް ބުނީމެވެ.
ހައިކަލް: "ހަފިއްތާ! ހިނގާ މިރޭ މިންނު ބޭރަށް ދިޔަ ނުދީ ގޭ ބަންދުކޮށްލަން"
ހީނގަނެފައި ހައިކަލް އެ ބުނި އެއްޗަކުން އަހަރެން ހަމަ ރަނގަޅަށް ވެސް ރުޅި އަންނަ ގޮތްވިއެވެ. ސަމާސާ ކުރާން ވަކި ހައްދެއް އޮންނާން ވާނެއެވެ. ހިތްހަމަނުޖެހިފައި ހުރެ ހައިކަލްއާ ހަތަރުކަޅި ބައްދަލުކޮށްލުމާއެކު ދޯޕަށްޓާގައި ހިފާފައި އޮތް އަތުގައި އަހަރެން ހިފީމެވެ. އޭނާގެ އަތުގައި ހިފުމާއެކު ހައިކަލްގެ މޫނުގައިވި ސަމާސާގެ ކުލަވަރު ހިނދި އަހަންނަށް ބަލަން އިނީއެވެ. ހައިކަލްގެ އަތްތިލައިގެ ފަހަރަކު އިނގިއްޔެއް ހުޅުވާލުމާއެކު އޭނާގެ އަތުގެ ތެރެއިން ދޯޕަށްޓާ އަހަރެން ނެގީމެވެ. ހަރަކާތެއްކޮށްނުލާ ހައިކަލް އިނެވެ. އެއާއެކު ދެވެނަ ކަމެއް ހައިކަލް ނުކުރަނީސް ބޭރު ދޮރާ ދިމާއަށް އަހަރެން ދުއްވައިގަތީއެވެ. ނުކުތުމުގެ ކުރީން ހައިކަލްއަށް ބަލާލާ ތުންއަނބުރާލީމެވެ. އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިތަން ދުށީމެވެ.
މަގުމައްޗަށް އަހަރެން ނުކުތްއިރު އަޒާން ސައިކަލުގެ ހުންގާނުގައި ދެއަތްއަޅުވާލައިގެން އިނެވެ. އަހަރެން އަވަހަށް ގޮސް އަޒާންގެ ފަހަތަށް އެރީމެވެ.
އަޒާން: "މިރޭ ހާދަ ލަސްވީ... ރެޑީނުވެތަ ހުރީ... ބަރާބަރު ގަޑިއަށް އަހަރެން މި އައީ"
އަހަރުމެން ގެއަށް ހައިކަލް އައިސްގެން އުޅޭ ވާހަކަ އަހަރެން ބުނީމެވެ. އަދި ނުކުންނާން އުޅެނިކޮށް ހައިކަލް ކުރި ސަމާސާ ވެސް ކިޔައިދިނީމެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ސައިކަލު ދުއްވަމުން ދިޔައެވެ. އެހެން އިނދެފައި އަނެއްކާ ވެސް އަޒާން ކުރީ ސުވާލެކެވެ.
އަޒާން: "ހައިކަލް ކީއްވެތަ މިންނުމެން ގެއަށް އެހާ ގިނައިން އަންނަނީ؟ މިންނުގެ ވާހަކައިން އަހަންނަށް އެނގޭ ކަމަކީ މިފަހަކަށް އައިސް އޭނާ ތިގޭގައި ނޫޅޭ އިރެއް ނުދޭކަން"
އަހަންނަށް ހީވެފައި އޮތީ ހައިކަލް އުޅެންޖެހިފައި އޮތް އެކަނިވެރި ކަމުގެ ސަބަބުން އެ ފޫހިކަން ކަނޑުވާލުމަށް ޖައުބެގެ ރަޙުމަތްތެރިކަމުގައި އަހަރުމެން ގެއަށް އަންނަނީ ކަމުގައެވެ. އަހަރެން އަޒާނަށް ވެސް ދިނީ އެ ޖަވާބެވެ. ހައިކަލް ފަދަ ޒުވާނަކު އަހަރުމެން ފަދަ އާދައިގެ ދިރިއުޅުމެއް އުޅޭ ބައެއްގެ ތެރެއަށް އަންނާނޭ އެހެން ސަބަބެއް އޮތް ކަމަކަށް އަހަންނަކަށް ނުވިސްނެއެވެ.
އަހަރުމެން އާދައިގެ މަތިން ދުއްވާލުމަށްފަހު އަތިރިމަތީ މޫދު ފެންނަހިސާބުގައި މަޑުކޮއްލައިގެން ތިބީމެވެ. އަޒާން އަހަރެންގެ އުނަގަނޑުގައި ހިފާ ކައިރިކޮއްލައިގެން އިނެވެ. އަހަރުމެން ތިބި ތަނުގެ ތަންތަންކޮޅުގައި ޖޯޑު ޖޯޑަށް އަހަރުމެންފަދަ ލޯބިވެރިން ތިއްބެވެ. އަޒާން ވަރަށް ގިނަވާހަކަދެއްކިއެވެ. އަހަރުމެން ކޮންމެ ރެއަކު ބައްދަލު ކުރާއިރު ވެސް ދައްކާނެ ވާހަކަ ހުހެއްނުވެއެވެ. އަހަރުމެންގެ ގުޅުމުގެ ވާހަކަ އަޒާންގެ މަންމަމެން ގާތު ބުނާނީ ކޮންއިރަކުންތޯ އަހަރެން އަހާލީމެވެ. އަޒާން އޭނަގެ މަންމަ މެނަށް ވަރަށް އަންގަން ބޭނުންވާ ވާހަކަ ބުންޏެވެ. ނަމަވެސް އަދި އެވާހަކަ ދައްކާނެ ރަނގަޅު ފުރުޞަތެއް ނުލިބޭކަމަށް ބުންޏެވެ.
އަހަރުމެން ގެއަށް ވަންއިރު ވެސް ހައިކަލް ސިޓިން ރޫމުތެރޭ އުޅޭއަޑު އިވެއެވެ. އަހަރެން އަޅައެއްނުލަމެވެ. އަޒާނާއެކު ޖޯލިފަތީގައި ޖައްސާލީމެވެ. އަޒާންގެ އުނގު ތެރޭ އަހަރެން އިށީނީ އަޒާން އެކަމަށް އެދޭވަރުންނެވެ. އެކަމަކު އެގޮތަށް މާގިނައިރަކު ނީދެވުނެވެ. އަހަރެން ގޭތެރެއިން މީހަކު ނުކުމެދާނެތީ ޖެހިލުންވަނީއެވެ. އަހަންނަށް އަޒާންގެ ގާތު ހައިކަލްގެ އެކިއެކި ސަމާސާތަކުގެ ވާހަކަތައް ކިޔާދެމުން ދިޔައިރު އެއްގޮތަކަށް ވެސް އަޒާން އެއްޗެއް ހިތަށް އަރާފާނެ ކަމަކަށް ހިއެއްނުކުރަމެވެ. ނަމަވެސް އަޒާން ހިތްހަމަނުޖެހުމުގެ ބަސް ހައިކަލްއާއި ގުޅިގެން ބުނަންފެށުމުން އަހަރެން އަވަހަށް މައުޟޫޢު ބަދަލުކޮއްލީއެވެ. ނަސީބަކުން އަޒާން ގެއަށް ދިޔައީ ވަރަށް ހަމަޖެހިފަ ހުރެގެންނެވެ. އޭނަ ދޮރުން ނުކުންނަމުން އަހަރެންގެ އުނަގނޑުގައި ހިފާލާފައި ގެނެސް އޭނާއާ ކައިރިކޮއްލިއެވެ. އަދި އަހަރެންގެ ކޯތާފަތުގައި ބޮސްދީފައި މަގުމައްޗަށް ނުކުތީ ދާންވެގެންނެވެ.
އަހަރެންގެ ތުންފަތަށް ވެރިވެގެންދިޔަ ލަދުވެތި ހިނިތުންވުމާއެކު ދޮރާށި ލައްޕާލާފައި އެތެރެއަށް ހިނގައިގަތުމަށް އެނބުރުނު އިރު ސިޓިން ރޫމު ދޮރުމަތީ ހައިކަލް މަޑުކޮށްލައިގެން ހުރިތަން ފެނުނެވެ. އޭނާގެ ސޯޓުގެ އަރިމަތީ ދެ ޖީބަސް ދެއަތްތިލަ ކޮއްޕާލައިގެން ހުރީ ސީދާ އަހަންނަށް ބަލާށެވެ. އޭނަ އެތާހުރިތަން ފެނުމުން ލަދުގަތެވެ. އަޒާންއާއި އަހަންނާ ދެމެދު އޮތް ގާތްކަން ހައިކަލްއަށް ފެންނާނޭ ހިތަށް އެރީއެވެ. އަހަރެން އިސްޖަހާލައިގެން ހުރެ ސިޓިން ރޫމުން ވަންނަން އުޅުނީމެވެ. އެކަމަކު ހައިކަލް އަހަންނަށް ތަނެއް ނުދެއްކިއެވެ.
ހައިކަލް: "އެއީ ކާކު؟"
ގޮތްދޫނުކުރާ ފަދަ ގޮތަކަށް ހައިކަލް އެއްފަރާތަކަށް ކޮށްޕާލަން އުޅުނީމެވެ. ނަމަވެސް އޭނާގެ ވަރުގަދަ ހަށިގަނޑު ހިލަ ބުދެއްފަދައެވެ. ގުޑުވާ ވެސް ނުލެވުނެވެ. އެހެންވެ އޭނާއަށް ބަލާލާފައި އެ ދިޔައީ ކާކުހެންތޯ ހީވަނީ އަހާލީމެވެ. ނަމަވެސް ހައިކަލް ކުރިން ކުރި ސުވާލު އަނެއްކާ ވެސް ތަކުރާރުކޮއްލީއެވެ. އަހަރެން ހިނިތުންވެލަމުން އެ ދިޔައީ އަހަރެންގެ ބައިވެރިޔާއޭ ބުނެލީމެވެ. އަދި ދޮރުމަތީ ހުރަސްކޮށްލާފައިވާ ހައިކަލްގެ އަތުގައި ހިފާ ކޮއްޕާލީމެވެ. ހައިކަލް އިތުރަށް ގަދައެއް ނުހަދައެވެ. ސިޓިން ރޫމުތެރޭގައި އެކަކު ވެސް ނެތުމުން އަހަރެން އެންމެން ކޮބާތޯ ހައިކަލް ގާތު އަހާލީމެވެ. އޭރު ވެސް އޭނަ ސިޓިންރޫމު ދޮރުމަތީ އަހަރެން ކޮއްޕާލި އަތުގައި އަނެއްއަތުން ހިފަހައްޓައިގެން ހުއްޓެވެ. އަހަރެން ހީކުރީ ހައިކަލްއަށް ތަދުވީކަމަށެވެ. އެކަމަކު އަހަރެން އޭނާގެ އަތުގައި ހިފީ އެހާ ބާރަކަށް ވެސް ނޫނެވެ. އޭނާ ހުރި ގޮތުން އެތެރެއަށް ވަދެގެންދާކަށް އަހަންނަކަށް ނުކެރުނެވެ. އެހެންވެ މަޑުކޮށްލަމުން ހައިކަލް ގާތު ތަދުވީތޯ އަހާލީމެވެ. ހައިކަލް އޭނަގެ ފަންއިސްތަށިގަނޑުގެ ތެރެއަށް އިނގިލިތަށް މަހާލިތަން ދުށީމެވެ. އޭނަ އެއްވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އަހަރެން އަހާލީ އޭނާ ނުކުތީ ގެއަށް ދާންތޯއެވެ. ބަހެއް ނުބުނެ ހުރި ހައިކަލް ކުއްލިއަކަށް އަހަންނާ ދިމާއަށް އެނބުރުނެވެ.
ހައިކަލް: "މިންނު ބޭނުންވަނީ އަހަރެން މިގެއިން ދާކައްނު... ބުނެބަލަ... އެޔެއްނު މިންނު ބޭނުންވާ ގޮތަކީ. އަހަރެން މިގެއިން ފޮނުވާލުން"
ހައިކަލްގެ ޠަބީޢަތް ގޯސްވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަންނަށް އެފަދަ ގޮތަކަށް އޭނާއާ މުޚާޠިބު ކުރެވުނީއެއް ވެސް ނޫނެވެ. ހައިކަލްއަކީ ކޫސަނި ރުޅިގަނޑެއް ގެންގުޅޭ ފިރިހެނަކީއެވެ. އޭނާ ނިތްކުރީގައި ދެއަތުން ހިފަހައްޓާލުމާއެކު ދެ ލޯ މަރާ ބާރުކޮށްލިއެވެ. ހައިރާންވެފައި ހައިކަލްއާ ދިމާއަށް ބަލަން ހުރެވުނީ އޭނާއަށް އެ ވާގޮތެއް އަހަރެންގެ ސިކުނޑިއަށް ނަގައިގަންނާން ނޭނގިގެންނެވެ. ހަމަ އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ސިޓިންރޫމު ތެރޭ އަހަރެންގެ ކޮޓަރިއާ ދިމާއަށް ނުކުންނަ ދޮރު ކައިރީ ބަހައްޓާފައި ހުރި ބޮޑު ފިނިފެންމާ ބޮނޑިއެވެ. ހައިކަލްއަށް ވަމުންދާ ގޮތެއް ބެލުމަށްވުރެ އަހަރެންގެ ހިތް ޝައުގުވެރިވީ އެ ފިނިފެންމާ ބޮނޑިއަށެވެ. އައިގޮތަށް އައިސް ފިނިފެންމާ ބޮނޑި ނަގައި އޭގައި ކުޑަކާޑުކޮޅެއް ހަރުކޮށްފައި އޮތްތޯ ބެލާލީމެވެ. އެމާބޮނޑިއަކީ ކޮންމެ މީހެއްފޮނުވާ އެއްޗަކަށްވިޔަސް އޭގައިވާ ކުޑަ ކާޑުގައި ލިޔެފައި ހުންނަނީ ވަރަށް ހިތްގައިމު ބަސްތަކެކެވެ. ލޯބީގެ ބަސްތަކުން އަމުނާލެވުފައިވާ ޖުމްލަތަކެކެވެ. އަދި ހައިކަލް ގާތު އެއީ އަހަންނަށް އައި މާބޮނޑިއެއްހޭ އަހާލެވުނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. އޭނާ އަހަންނަށް ބަލާލަމުން އަހަރެންގެ ގާތަށް އަންނަންފެށިއެވެ. އޭނާގެ މޫޑު ރަނގަޅު ނޫންކަން ހަނދާންވީ ދެނެވެ.
ހައިކަލް އައި ގޮތަށް އައިސް އަހަރެންގެ ދެކޮނޑުގައި ހިފާ ކައިރީގައި ހުރި ފާރުގައި ޖައްސާލިއެވެ. އަހަރެން ހައިރާންވެގެން ކިހިނެއްތޯވީ ހައިކަލްއާ ސުވާލުކުރީމެވެ. އޭނަ ދައްކަންފެށީ މުޅިން ތަފާތު ވާހަކަތަކެކެވެ. އަހަންނަށް ޤަބޫލު ވެސް ނުކުރެވުނެވެ.
ހައިކަލް: "މިންނުއަކަށް ނޭނގޭތަ އަހަންނަށް ތަދުވާކަމެއް... އަހަންނަށް މިރޭ ވަރަށް ތަދުވެއްޖެ"
ހައިކަލްގެ ވާހަކަތައް ދެނެގަންނާން ހަޤީޤަތުގައި އަހަންނަށް ނޭނގުނީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަހަންނަށް ބުނެވުނީ ހައިކަލް އަހަން ބޭނުންވި ޖަވާބެއް ނޫނެވެ. އޭރު ވެސް އަހަރެންގެ ވިސްނުމުގައި ހުރީ ހައިކަލްގެ އަތުގައި ހިފާލެވުނު ގޮތަކުން ތަދުވީބާއެވެ. އަތުގެ ކޮންތާކަށްތޯ ތަދުވަނީ އަހާލެވުނީއެވެ. އެއާއެކު ހައިކަލް އަހަރެންގެ ނަމުން ގޮވާލާފައި އަހަރެންގެ ކަނާތުގައި ހިފާ އުފުލާލިއެވެ. އަދި އެ އަތުގެ އަތްތިލައިގައި ހިފަހައްޓައިގެން ހުރެ ހައިކަލްގެ މޭގައި އަހަރެންގެ އަތުން ތަޅަން ފެށިއެވެ. އެކަން ހުއްޓުވަން އަހަރެންގެ އަތަށް ބާރުލީމެވެ. ހަމައެއާއެކު އެހެން ނުހަދާށޭ ބުނީމެވެ.
ހައިކަލް: "އަހަރެންގެ ހިތަށް ތަދުވަނީ... އާން! މިންނު! މި ހިތަށް ހާދަ ތަދުވެޔޭ"
ހައިކަލްގެ ވާހަކަތަކާ މެދު އަހަރެން ވިސްނީމެވެ. އަހަރެން ބަހެއް ނުބުނެ ހުއްޓާ ކުއްލިއަކަށް ހައިކަލް އަހަރެންގެ ގައިން ދޫކޮށްލާފައި ތިރީގައި ހުރި ރަތްފިނިފެންމާ ބޮނޑި ނެގިއެވެ. އަހަންނަށް ބަލާލުމަށްފަހު އޭގައިވާ މާތަކުގެ ފިޔަތަށް އުފުރާލީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތްގޮތަކަށެވެ. އަދި އެފިޔަތަށް އަހަންނާއި ދިމާލަށް އުކާލިއެވެ.
ހައިކަލް: "މީ އަހަރެން މިންނުއަށް ޓަކައި ފޮނުވާ އެއްޗެއް. މި އިން ކޮންމެ މަލަކީ އަހަންނަށް މިންނު ސިފަކުރެވޭގޮތް... އެކަމަކު އެނގޭތަ؟ މި މަލުގައި އެހެން މީހަކު އިނގިލި ކުރި ޖައްސާލިޔަސް އަހަރެން އެ މަލުގެ ފިޔަތައް ރޫޅާލާނަން. އެ ރީތިކަން އެހެންމީހަކަށް ފެނުމުގެ ކުރީން. ޔޫ ޝުޑް ބީ ކެއަރފުލް... ދެވަނަ ފަހަރަށް ތި ރަތްފިނިފެންމަލުގައި މީހަކު އަތްލިޔަ ނުދެއްޗޭ. ބަލާބަލަ! ފިޔަތަކާ ނުލާ އެ މަލުގައި އެއްވެސް ރީތިކަމެއް ނެތެއްނު. މިހާރު އެކަކު ވެސް މި މާބޮނޑި ބޭނުންވެގެން ބަލާނުލާނެ"
ހައިކަލްގެ ވާހަކަތަކުން އަހަރެންގެ ހިތަށް އުނދަގޫވިއެވެ. އޭނާ ހުރީ ހަމަހޭގައިތޯ ނޫނީ ދުނިޔޭން މޮޔަވީތޯ އަހާލެވުނީ ނިކަން ބާރަށެވެ. އެއާއެކު ހައިކަލްގެ އަތުގައި އޮތް މާބޮނޑި ތަޅުން މައްޗަށް އެއްލާލިއެވެ. އަދި އަހަންނާ ގާތްވެލުމާއެކު ކޮނޑާ ދިމާލުން ފާރުގައި އޭނާގެ ދެއަތް ވިއްދާލިއެވެ. ކުޑަކޮށް ސިހުނު ނަމަވެސް އަހަރެން ހުރީ ސަމާލުވެއެވެ.
ހައިކަލް: "އާން! އަހަރެން މި ހުރީ މޮޔަވެފައި... މިންނުއާ ހެދި... އަހަރެން މޮޔަކުރުވި މީހަކީ ތީ"
ހައިކަލްގެ ރުޅިވަރުކަމުގެ ތެރެއިން އޭނާގެ ދެލޮލަށް ކަރުނަ ޖަމާވަމުންދިޔަތަން އަހަރެން ދުށީމެވެ. އޭނާ ދެބުމަ ގުޅުވާލަމުން ނިތަށް ރޫއަރުވާލިއެވެ. ނުރޯން މަސައްކަތްކުރާ މީހަކު ފަދައެވެ. ބުނާނޭ އެއްޗެއް ނޭނގިފައި އަހަރެން ހުރީއެވެ. އެކަމަކު ހައިކަލްއަށް ވަމުން އެދާ ގޮތްތަކާ މެދު ސުވާލު ވެސް އުފެދިފައެވެ. މަޑުމަޑުން ހައިކަލްއަށް ގޮވާލީމެވެ. އޭނާއަށް ވެގެން އުޅޭގޮތަށް ބުނެދޭތޯއެވެ. ހައިކަލް މޫނު އެއްފަރާތްކޮށްލީއެވެ. ހަމައެއާއެކު އޭނާ ގެނައި ކުއްލި ހަރަކާތާއެކު އަހަރެންގެ ހަށިގަނޑު ގޮސް އޭނާގެ މޭގައި ތަތްވެއްޖެއެވެ. ބާރަށް ބައްދާލައިގެން ހައިކަލް ހުރިއިރު އަހަންނަށް ނޭވާލާން ވެސް އުނދަގޫވިއެވެ. ދޫކޮށްލާށޭ އަހަރެން ބުނި ނަމަވެސް އެ އަޑު ހައިކަލް ނޭހިއެވެ. އޭނާ ވާހަކަދައްކަން ފެށީ އެހެން ހުރެއެވެ.
ހައިކަލް: "އައި ލަވް ޔޫ... އަހަރެން ވަރަށް ބޮޑަށް ލޯބިވޭ މިންނުދެކެ. އެންމެ ފުރަތަމަ ފެނުލުމުން ވެސް އަހަންނަށް މިންނު ޚާއްޞަވި. ޕާޓީއިން ފެށިގެން އަހަރެން މަސައްކަތް ކުރީ މިންނުގެ ހިތް އޮތްގޮތެއް އޮޅުން ފިލުވަން. އައި ރިއަލީ ލަވް ޔޫ މިންނު... އެހެން މީހެއްގެ އަތުތެރޭގައި މިންނު ވާތަން ބަލާކަށް އަހަންނަށް ކެތެއްނުވާނެ. އަހަރެން ކޮންމެ ރެއަކު ފޮނުވާ ރަތްފިނިފެންމަލަކީ އަހަރެންގެ ހިތުގައިވާ ލޯބި. ހހީކުރީ ޕާޓީއިން ދިމާވެގެން ހަދިޔާކުރި ރަތްފިނިފެންމާގެ މަތީން ހަނދާންވެ އެއީ އަހަރެން ފޮނުވާ އެއްޗެއްކަން މިންނުއަށް އެނގޭނެއޭ. މިންނު! އަހަރެންގެ މީހަކަށް ވެދީ... މުޅި އުމުރު މިންނު އުފަލުގައި ބަހައްޓައިދޭނަން. ޕްލީޒް... އައި ލަވް ޔޫ ސޯ މަޗް... އައި ލަވް ޔޫ. މިންނު ބޭނުންވަނީ އަވަހަށް ކައިވެނިކުރާކައްނު. އަހަރެން މިންނުއާ މެރީކުރާނަން. އެއްވެސްކަމަކާ މިންނު ވޮރީ ވާކަށް ނުޖެހޭނެ. އަހަރެން ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން. ޔޫ ވިލް ބީ މައި ކުއީން. އަބަދުގެ އަބަދަށް... އައި ލަވް ޔޫ ބޭބީ" (ނުނިމޭ)