ކުޅިވަރު

ޖަނަވަރީގައި ކުޓީނިއޯ ގެންނަން ބާސާއިން ތައްޔާރު ވަނީ

Oct 12, 2017

ޖަނަވަރީ ޓްރާންސްފާގައި، ލިވަޕޫލްގެ އެޓޭކިން މިޑްފީލްޑާ ފިލިޕޭ ކްޓީނިއޯ ބާސެލޯނާއަށް ގެނައުމަށް އެކުލަބުން ތައްޔާރު ވަމުންދާ ކަމަށް ކުލަބުގެ ސީއީއޯ އޮސްކާ ގްރައު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް، ކްޓީނިއޯ ބާސާ އަށް ގެނައުމަށް އެ ކުލަބުން މަސައްކަތް ކުރި އެވެ. ފުރަތަމަ ހުށަހެޅި ހުށަހެޅުމަށް ލިވަޕޫލުން އާނ ބަސް ނުބުނުމުން، ބާސާއިން ވަނީ ދެ ވަނަ ފަހަރަށް 100 މިލިއަން ޔޫރޯގެ އަގަކާއެކު ހުށަހަޅާފަ އެވެ. އެ އެއްބަސްވުމަށްވެސް ލިވަޕޫލުން ބުނެފައި ވަނީ ނޫނެކޭ އެވެ.

"ކްޓީނިއޯ ލައްވައި ސޮއި ކުރުމަށް އަހަރެމެން މި ތިބީ ތައްޔާރަށް ނުވަތަ ޖަނަވަރީގައި އެހެން ކުޅުންތެރިޔަކަށްވެސް ބަލާނަން،" މިދިޔަ ސީޒަންގެ ބާސެލޯނާގެ ބަޖެޓްގެ ރިޕޯޓް މީޑިއާއާ ހިއްސާ ކުރަމުން އޮސްކާ ބުންޏެވެ.

"ކުލަބުން [ލިވަޕޫލް] އޭނާ ވިއްކަން ބޭނުން ނުވި ނަމަވެސް ކުލަބުގެ ބޯޑުން ކުޅުންތެރިޔާ ގެނައުމަށް ނިންމައިފިނަމަ އަހަރެމެން އޭނާ ގެންނަން މަސައްކަތް ކުރާނަން، އެ ގާބިލު ކަން އަހަރެމެންގެ އެބަހުރި."

ކްޓީނިއޯ ނުލިބުމުން، ބާސާއިން ގެނައީ ޗައިނާގެ ޗައިނާ ސުޕަ ލީގުގެ ކްލަބެއް ކަމަށްވާ ގުއަންޒޯ އެވަގްރާންޑޭ ކުޅެމުން ދިޔަ، ޕައުލީނިއޯ އެވެ. އޭނަ އަކީ ބާސާގެ ފުރަތަމަ އިސްކަންދޭ ތަރުތީބުގައި ހިމެނިގެން ގެނައި ކުޅުންތެރިޔެއް ނޫނެވެ. ނަމަވެސް ބާސާއާ ގުޅެ އޭނާ ދަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން ނެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ޓޮޓެންހަމަށް ޕައުލީނިއޯ ބަދަލުވީ 2013 ވަނަ އަހަރެވެ. އެކަމަކު އެ ކްލަބުގައި ހޭދަކުރި ތިން ސީޒަންގައި ޕައުލީނިއޯގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. ނަމަވެސް ޗައިނާ ލީގަށް ބަދަލުވި ފަހުން އޭނާގެ ފަރާތުން ކުރީގެ ކުޅުން ވަނީ ފެނިފަ އެވެ.