އައިޑީ ކާޑު ބޭނުން ކޮށްގެން އޭޓީއެމުން ފައިސާ ނެގޭނެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވި އެވެ! އެކަމާ ވަރަށް ގިނަ ބަޔަކު އޭނާއަށް ޖެހީ ޖޯކުޖެހި އެވެ. އެތައް ދުވަހެއް ވާންދެން އެ ވާހަކަތައް ދެއްކި އެވެ. ސޯޝަލް މީޑިއާގެ މަލާމާތް އޭގެ ގޮތުގައި ރިޔާޒާ ދިމާއަށް ބުރުވައިލީ ފިސާރިއަށެވެ.
އޭޓީއެމްތަކުން ފައިސާ ނެގުމާއި ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރުން އަދި އޮންލައިން ވިޔަފާރި ތަކާއި އިތުރު ގިނަ ހިދުމަތްތައް ލިބޭ ޕާސްޕޯޓް ކާޑު މިހާރު އެވަނީ ރާއްޖެއިން ތައާރަފް ކޮށްފަ އެވެ. ރިޔާޒު އެ ދުވަހު ވިދާޅުވި ވާހަކައިގެ ތެދުކަން މިއޮއް އެނގުނީތާ އެވެ. ސިޔާސީ މީހުން އާންމުކޮށް ތާއީދުކުރާ ޕާޓީއެއް ޕްރޮމޯޓުކުރަން ދައްކާ ވާހަކަ ކަހަލަ "ހޮޅި" ވާހަކައަކަށް ރިޔާޒުގެ އެވާހަކައެއް މިފަހަރު ނުވި އެވެ.
ރިޔާޒު އޭރު ވިދާޅުވި ވާހަކަތައް މިފަހަރު މި ހަގީގަތަކަށް ވީ އެވެ. އަންނަ ހަފުތާގައި އާންމުންނަށް ދޫކުރަން ފަށާއި ޕާސްޕޯޓު ކާޑު ހިފައިގެން ގޮސް އޭނާ އެ ވިދާޅުވި ގޮތަށް ކާޑް ކޮށްޕާލާފައި ރުފިޔާ ނަގަންވީ އެވެ. ޑްރައިވިން ލައިސަންސްގެ ގޮތުގައި ވެސް ބޭނުން ކުރަންވީ އެވެ. ހިލޭ ޑޮކްޓަރަށްވެސް ދައްކަންވީ އެވެ. ދުނިޔޭގެ ގައުމުތަކަށް ދަތުރުވެސް ކުރަންވީ އެވެ.
"އޭރު އަޅުގަނޑު އެހެން ބުނީއަކީ އަސްލެއް އެކަމުގައި ނެތިއެއް ނޫން، އެކަމަކު އަޅުގަނޑަށް ފެންނަ މަންޒަރު އޭރު ބައެއް މީހުންނަށް ނުފެނުނީ ނޫނީ ގަބޫލު ކުރަން ބޭނުން ނުވީ މިހާރު މިއޮތީ ފައިސާ ނެގޭ އައިޑީ ކާޑް ޖީބަށް ލައިގެން އުޅެވޭ ދުވަސް ފެނިފައި ދިވެހިންނަށް، ދެ ހަފުތާއެއްހާ ދުވަސް ފަހުން އައިޑީ ކާޑުން ދިވެހިން ފައިސާ ނަގަން ފަށާނެ،" ރިޔާޒް ވިދާޅުވި އެވެ. "އަޅުގަނޑު އެހެން ބުނެފައި ހުރި އަދި މަލާމާތް ރައްދުވި ވަރަށް ގިނަ ކަންކަން ސީދާވެ ހަގީގަތަކަށް ވެގެން ހިނގައްޖެ،"
އެއީ ތެދެކެވެ. މީގެ ކުރިން ރާއްޖެ ކޮމަންވެލްތުން ވަކިވާން ޖެހޭ ކަމަށާއި ވަކިވާނެ ކަމަށް ވެސް ރިޔާޒް ބުންޏެވެ. އެކަން ވެސްވެ ނިމިގެން ހިނގައްޖެ އެވެ.
ޕާސްޕޯޓް ކާޑް މެދުވެރިކޮށް ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އިންޝްއަރެންސްގެ ހިދުމަތްތަކުގައި ވެސް ޕާސްޕޯޓް ކާޑު ބޭނުން ކުރެވޭނެ އެވެ.
ޕާސްޕޯޓް ކާޑް ބޭނުން ކުރާ ގައުމުތައް ނިސްބަތުން ދުނިޔޭގައި އަދި ވަރަށް މަދެވެ. އެގޮތުން އެންމެ އާންމުކޮށް ޕާސްޕޯޓް ކާޑް ބޭނުން ކުރަނީ އެމެރިކާގަ އެވެ. އެ ގައުމުން ދޫކުރާ ޕާސްޕޯޓް ކާޑް ބޭނުން ކުރެވެނީ ކެނެޑާ، މެކްސިކޯ، ކެރީބިއަން އަދި ބާމިއުޑާގެ ގައުމުތަކަށް ދަތުރު ކުރުމަށެވެ. އަދި ޔޫރަޕްގެ އެތެރޭގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން މީގެ އަހަރުތަކެއް ކުރިން ޕާސްޕޯޓް ކާޑް ތައާރަފްކޮށް ބޭނުން ކުރަމުން އާދެ އެވެ.