ކުޅިވަރު

ކޯޗިން ކެރިއާގެ އާ ދޮރެއް ސްކޯލްސް އަށް

Oct 12, 2017

މެންޗެސްޓާ ޔުނައިޓާޑާއި އިންގްލެންޑްގެ ކުރީގެ މިޑްފީލްޑާ ޕޯލް ސްކޯލްސް އަށް ކޯޗިން ކެރިއާ އަށް ނިކުތުމުގައި މުހިންމު ދޮރެއް ހުޅުވިއްޖެ އެވެ. އިނގިރޭސި ލީގް އެކެއް ނުވަތަ ތިން ވަނަ ޑިވިޝަންގައި ވާދަ ކުރާ އޯލްޑަހަމް އެތުލެޓިކްގެ ކޯޗަކަށް ވުމުގެ އިންޓަވިއު ސްކޯލްސް ވަނީ ފުރިހަމަ ކޮށްފަ އެވެ.

ބީބީސީން ބުނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން އޯލްޑްހަމް އިން ދެކޮޅު ހަދާ ކަމަށެވެ. ނަމަވެސް އެ ކުލަބާއެކު ސްކޯލްސް މުއާމަލާތްތަކެއް ކުރި ކަމަށް ބީބީސީ ރޭޑިއޯގެ މެންޗެސްޓާގެ ކްރޮސްޕޮންޑާ ހަވާލާދީ ބީބީސިން ރިޕޯޓް ކޮށްފައި ވެއެވެ.

ސްކޯލްސް އަކީ އޭނާ ކުޑައިރު ހޯލްޑްހަމް ސަޕޯޓަރެކެވެ. ކޯޗިން ކެރިއާގެ މާބޮޑު ތަޖުރިބާއެއް އޭނާ ގެ ކިބަޔަކު ނެތެވެ. ކޯޗިން ކެރިއާގައި ކުރި ހަމައެކަނި މަސައްކަތަކީ ސަލްފޯޑް ސިޓިގެ ކޯޗުކަން ވަގުތީ ގޮތުން ދުވަސްކޮޅަކު އަދާ ކުރުމެވެ.

އޯލްޑްހަމްގައި ސެޕްޓެމްބަރު މަހުން ފެށިގެން ހެޑް ކޯޗެއް ނެތެވެ. އެޓީމުގެ ކޯޗަކަށް ހުރި، ޖޯން ޝެރިޑަން އެ ޓީމުން ވަކި ކުރީ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ ކޯޗް ކަމުގައި އެ ޓީމު އޮތީ ތާވަލުގެ ފުލުގައެވެ.

އެއަށް ފަހު ވަގުތީ ގޮތުން، ރިކެލް ވިލެންސް ޓީމާ ހަވާލުވެ، އެންމެ ފަހުން ކުޅުނު ތިން މެޗު ކާމިޔާބު ކޮށް، އެޓީމު ތާވަލުގެ 19 ވަނަ އަށް އުފުލާ ދިނެވެ. ދަށް ޑިވިޝަންތަކުގެ ކުލަބުތަކަށް ކުޅުމަށްފަހު މިދިޔަ އަހަރު ކުޅުން ހުއްޓާލީ ވިލެންސް ބުނީ، އޯލްޑްހަމްގެ ދާއީމީ ވަޒީފާ އަށް އޭނާ ޝައުގު ވެރިވާ ކަމަށެވެ.

ނަމަވެސް އެ ޓީމުން ބަލަމުން ދަނީ އެންމެ މަތީ ފުޓްބޯޅައިގައި ކުޅެފައިވާ ކުޅުންތެރިޔަކު، ކުލަބުގެ އާ ކޯޗް ކަމަށް ހަމަޖެއްސޭތޯ އެވެ.

ހޮލެންޑްގެ ކުރިގެ ކުޅުންތެރިޔާ ކްލަރެންސް ސީޑޯފް، އޯލްޑްހަމްގެ ކޯޗަކަށް ގެނައުމުގެ ވާހަކަވެސް ދެއްކެވުނެވެ. ނަމަވެސް އޭނާ ގެންނަން ކުރި މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވި އެވެ.

މެންޗެސްޓާ ޔުނައިޓަޑްގައި 1994 ވަނަ އަހަރު ކުޅެން ފަށައި ސްކޯލްސް ވަނީ 2013 ވަނަ އަހަރާ ހަމަޔަށް އެކުލަބުގައި ކުޅެފަ އެވެ. ދެހާސް 11 ވަނަ އަހަރު ކުޅުން ހުއްޓާލިކަން އިއުލާން ކުރި ނަމަވެސް އަލުން ކުޅެން އައިސް އޭނާ އެއްކޮށް ރިޓަޔާ ކުރީ 2013 ވަނަ އަހަރު އެވެ. ޔުނައިޓަޑަށް 717 މެޗު ކުޅެ 155 ގޯލް ޖާހާފަ އެވެ. ޖެހި އެވެ.

ޔުނައިޓަޑާއެކު 11 ފަހަރަށް ޕްރިމިއާ ލީގް ކާމިޔާބު ކުރި އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޭނާ ބޮޑަށް ފެންނަނީ ޓީވީގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ.