ޖޮނީ ޑެޕްގެ ކެރިއަރާއި އޭނާ ވެސް ނިކަން އާދަޔާހިލާފެވެ. ނަމަވެސް މިފަހުން އޭނާގެ މި އާދަޔާހިލާފު ކެރިއަރުގެ މައްޗަށް ކެޕްޓަން ޖެކް ސްޕެރޯ ވަނީ ކުރި ހޯދައި އަސްލު ޖޮނީ ޑެޕް އަހަރެމެން އެންމެނަށް ވެސް ގެއްލުވާލައިފަ އެވެ.
ފަހަރެއްގައި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފިލްމު ސިލްސިލާގެ ކާމިޔާބީއާ އެކު ޖޮނީ ޑެޕް ވެސް އިތުރު އެހެން ރޯލަކަށް ނުވަތަ ފިލްމަކަށް މާ ބޮޑު ހިތްވަރެއް ނުލަނީ އެވެ. ކެޕްޓަން ޖެކް ސްޕެރޯގެ ގޮތުގައި ދެ ކޮޅަށް ހޫރެމުން އޭނާ ހިނގާލީމަ ވެސް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ލިބޭތީ އެވެ.
ނަމަވެސް ފާއިތުވި ފަސް ވަރަކަށް އަހަރަކީ މި އާދަޔާހިލާފު އެކްޓަރުގެ އެހެން މޫނެއް ނުފެނި ނިމިގެން ދިޔަ ފަސް އަހަރެވެ. ސްޕެރޯގެ ސިފައިގައި ނޫން އެހެން ސިފައެއްގައި ފެނުނު ނަމަވެސް ބޮކްސް އޮފީހުގައި ޖޮނީ ޑެޕްހާ ނާކާމިޔާބު، އޭ-ލިސްޓްގެ އެކްޓަރެއް ނެތެވެ.
"ރަމް ޑައިރީ" އަކާއި "ޑާކް ޝެޑޯސް" އަދި "ލޯން ރޭންޖާ" އާއި "ޓްރާންސެންޑެންސް" އަދި މި އަހަރު ނެރުނު ފިލްމު "މޮޑެކާއި" އަކީ ބޮކްސް އޮފީހުގައި ފްލޮޕެވެ.
އެހެންވީމަ އަހަރު ނިމުމުގެ ކުރިން ޖޮނީ ޑެޕްގެ ކެރިއަރު ސަލާމަތްކުރަން އެބަޖެހެއެއް ނޫން ހެއްޔެވެ؟ ފަހަރެއްގައި އޭނާ ގޮވައިގެން ސަލާމަތުގެ އައްސޭރިއަކަށް ދާނީ "ބްލެކް މާސް" އެވެ.
މިއީ ޖޮނީ ޑެޕްގެ އާ ފިލްމެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައިވާއިރު އޭގެ ދެ ތިން މިނެޓުގައި ވެސް ޑެޕް ވަނީ ގިނަ ބަޔަކު އާޝޯހުކޮށް ބިރު ގަންނުވާލައިފަ އެވެ.
މި ފިލްމަކީ 2009 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "ކްރޭޒީ ހާޓް" ގެ ޒުވާން ޑައިރެކްޓަރު ސްކޮޓް ކޫޕާގެ މަސައްކަތެކެވެ. މިއީ ވެސް ފަހަރެއްގައި ހެޔޮ ފާލެކެވެ.
އަނެއްކޮޅުން ގޭންގްސްޓާރެއްގެ ގޮތުގައި ޖޮނީ ޑެޕް އެނބުރި އައުމަކީ ޔަގީނަށް ވެސް އޭނާގެ ފޭނުން އިތުރަށް އެކްސައިޓްވާނެ ކަމެކެވެ. ބައެއް މީހުން ބުނަނީ އޭނާ އެންމެ މޮޅީ ޕައިރޭޓެއްގެ ރޯލަށާއި ގޭންގްސްޓާރެއްގެ ރޯލަށެވެ.
"ބްލޯ" އާއި "ޕަބްލިކް އެނެމީސް" އަކީ ރިއަލް-ލައިފް މޮބްސްޓާރުންގެ ރޯލުން ޖޮނީ ޑެޕް ފެނިގެން ދިޔަ ދެ ފިލްމެވެ. ބެލުންތެރިންގެ ފަރާތުން އެދެވޭ ތަރުހީބެއް ލިބުނު ދެ ފިލްމު ވެސްމެ އެވެ.
ނަމަވެސް ފެންނަ ފެނުމަށް ކުރިއަށް އޮތް ފިލްމަކީ މި ދެ ފިލްމަށް ވުރެން ވެސް ވަރުގަދަ ފިލްމެކެވެ. މި ފިލްމުގައި ޑެޕް ކުޅެފައި ވަނީ އެމެރިކާގެ ގޭންސްޓާ ޖޭމްސް ބަލްޖާގެ ރޯލެވެ. އޭނާ އަކީ އެމެރިކާގެ ތާރީޚު ދުށް އެންމެ ނުރައްކާތެރި ގޭންގްސްޓާރުންގެ ތެރެއިން އެކަކެވެ. އެއް އިރެއްގައި އެފްބީއައިއެގެ "މޯސްޓް ވޯންޓެޑް" ލިސްޓުގެ އެއް ވަނާގައި އޮތް އުސާމާ ބިން ލާދިންގެ ފަހަތުގައި ވެސް އޭނާގެ ނަން އޮތެވެ.
މި ފިލްމަށް ވެސް ޖޮނީ ޑެޕް ވަނީ އާދައިގެ މަތިން ނިކަން ބޮޑަށް މޭކަޕްކޮށް ފިލްމުގެ ރޯލަށް މުޅިން އެހެން ސިފައެއް ލިބިގަނެފަ އެވެ. ޑެޕް އަކީ އޭނާގެ ފިލްމުތަކުގައި އަބަދުވެސް މިފަދަ މަޝްހޫރު މޭކަޕަށް ފާހަގަކޮށްލެވޭ ތަރިއެކެވެ.
އޭނާއާ އެކު މި ފިލްމަށް ނަގާފައިވާ އެހެން ތަރިންގެ ލިސްޓު ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ކެވިން ބޭކަން އާއި ހޮލީވުޑްގެ އާ ޑާލީން، ބެނެޑިކްޓް ކަމްބާބެޗް ވެސް ފިލްމުން ފެނިގެންދާނެ އެވެ.
މި ފިލްމު ސިނަމާތަކަށް ނެރޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
މި ފިލްމުން ޖޮނީ ޑެޕް ކާމިޔާބީގެ އައްސޭރިއަކަށް ބީއްސާލާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އޭނާ ދަނީ "އެލިސް އިން ވޮންޑަލޭންޑް" ގެ އާ ފިލްމަކާއި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ސިލްސިލާގެ އާ ފިލްމެއްގައި ވެސް މަސައްކަތްކުރަމުންނެވެ.