ވިޔަފާރި

ރާއްޖޭން އިޓަލީގެ އެންމެ މަގުބޫލު ފެއާގައި ބައިވެރިވެއްޖެ

ރާއްޖޭން އިޓަލީގެ ރިމިނީގައި ބާއްވާ ޓީޓީޖީ އިންކޮންޓްރީ ފެއާ ގައި ބައިވެރިވަމުންދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީއިން ބުނީ އާއެކު މި ފެއާގައި ރާއްޖޭގެ 21 ކުންފުންޏަކުން 38 މީހުން ބައިވެރިވަމުންދާ ކަމަށެވެ. އަދި މި ފެއާ ގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހަދާފައިވާ 64 އަކަ މީޓަރު ދިވެހި ސްޓޭންޑުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން، ވީއާރު ބޭނުން ކޮށްގެން ރާއްޖޭގެ މޫދުއަޑީގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތު ފެއާއަށް ޒިޔާރަތް ކުރާ ހުރިހާ މީހުންނަށް ހުޅުވާލެވިފައިވާނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި މި ފެއާގެ ހަބަރުތައް ފެތުރުމުގެ ގޮތުން ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސްޓޭންޑްގައި ފޮޓޯއެއް ނެގުމަށްފަހު ޓްވިޓާ އަދި އިންސްޓަގްރާމުގައި #TTG2017 އަދި #visitmaldives ޖެހުމަށްފަހު ފޮޓޯ ހިއްސާކުރާ މީހުންގެ ތެރެއިން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ވެސް ދޭނެ ކަމަށެވެ.

ޓީޓީޖީ އިންކޮންޓްރީއަކީ އިޓަލީ ވިލާތުގެ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށްގެން ބާއްވާ ބޮޑު ފެއާ އެކެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކުން ހާޒިރުވާ ޓްރެވެލް އެއް އިވެންޓެކެވެ. މިފެއާގެ މައިގަނޑު އަމާޒަކީ އިޓަލީ މާކެޓްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ މުހިއްމު ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރަން ފުރުސަތު ދިނުމެވެ.

މިފެއާގައި ބައިވެރިވުމާއި ގުޅިގެން އިޓަލީގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުވެ މި މާކެޓް ރާއްޖެ އަށް ފުޅާކުރުމަށް މުހިއްމު ފުރުސަތަކަށް ވެގެންދާނެ އެވެ. އިޓަލީއަކީ އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރެއިން މުހިއްމު އެއް ޤައުމެވެ. މިދިޔަ އަހަރު 71،202 ޓޫރިސްޓުން އިޓަލީން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. މި އަހަރު އޮގަސްޓް މަހާއި ހަމައަށް 7،227 އިޓަލީ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.