ދުނިޔެ

ސައުދީގެ 286 ރަށެއް ޓޫރިޒަމަށް ކުއްޔަށް ދެނީ

Oct 13, 2017
1

ސައުދީ އަރަބިއްޔާގެ ހުޅަނގުދެކުނުން އަރަބި ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޖަޒަންގެ 286 ރަށް ޓޫރިޒަމް އިންވެސްޓްމަންޓަށް ކުއްޔަށް ދިނުމަށް ސައުދީ ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ތެލުގެ އާމްދަނީއަށް ބަރޯސާވުން ކުޑަކުރުމަށް ސައުދީ ސަރުކާރުން މިފަހުން އަޅަންފެށި ފިޔަވަޅުތަކުގެ ދަށުން އެ ގައުމުގެ ޓޫރިޒަމް އެންޑް ހެރިޓޭޖް ކޮމިޝަނުން އިއުލާން ކުރި ގޮތުގައި ޓޫރިޒަމް އިންވެސްޓްމަންޓްތަކަށް ކުއްޔަށް ދޭނީ ރަތްކަނޑުގައި އޮންނަ ގުދުރަތީ ގޮތުން މުއްސަދި ފަރަސަން އައިލެންޑްގެ 286 ރަށެވެ. ޖަޒަން ސަހަރަށް ނިސްބަތްވާ އެ ރަށްތަކަކީ ގުދުރަތީ ރީތިކަމާއި ގުދުރަތީ ދިރުންތަކަށް މަޝްހޫރު ވެފައިވާ ރަށްތަކެކެވެ. ޓޫރިޒަމް އެންޑް ހެރިޓޭޖް ކޮމިޝަނުން ބުނި ގޮތުގައި ޓޫރިޒަމްއަށް އެ ރަށްތައް ފައްކާ ކުރަން ޖުމްލަ 800 މިލިއަން ޑޮލަރު (ތިން ބިލިއަން ސައުދީ ރިއާލް) އިންވެސްޓް ކުރާނެ ކަމަށެވެ.

އެ ރަށްތަކުގެ އިންވެސްޓްމަންޓްގެ ކަންކަން ބެލުމަށް ޖަޒަން ސަރަހައްދުގެ އިސްވެރިން ހިމެނޭ ގޮތަށް ވަނީ ހާއްސަ އެކްޒެކެޓިވް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގެ ބޭނުމަކަށް ވާނީ އެ ރަށްތަކުގައި އިންވެސްޓް ކުރާނެ އުސޫލުތައް ކަނޑައެޅުމާއި އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުން އަދި އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި އިންވެސްޓަރުންނަށް ގިނަ ފަސޭހަތަކެއް ހޯދައިދިނުމެވެ.

މީގެ އިތުރަށް ސައުދީ އިން މިހާރު ނިންމާފައި ވަނީ ޖަޒަން ސަރަހައްދުގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ޕްރޮމޯޓްކުރުމަށް ބޭރުގެ ގައުމުތަކުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށެވެ. އެ ރަށްތަކަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރި ބޭފުޅުންގެ ތެރޭގައި ވާޖިން ގްރޫޕްގެ ވެރިޔާ ރިޗާޑް ބްރޭންސަން ހިމެނެ އެވެ. ސައުދީގެ އަމާޒަކީ ޓޫރިޒަމްގެ އާމްދަނީ މިހާރަށް ވުރެ އެތައް ގުނައެއް އިތުރު ކުރުމެވެ.

ތެލުގެ އާމްދަނީއަށް ބަރޯސާވުން ކުޑަކުރުމަށް ސައުދީ އިން އަޅާ ފިޔަވަޅުތަކުގެ ދަށުން، އެ ގައުމުގެ ތެޔޮ ކުންފުނި އަރަމްކޯގެ ހިއްސާ އާންމުކޮށް ވިއްކުމަށް ވެސް ވަނީ ނިންމައިފަ އެވެ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށް ގޮސް އޭގެ ނޭދެވޭ އަސަރު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސައުދީގެ އިގްތިސާދަށް ވަނީ ކޮށްފަ އެވެ.