ކުޅިވަރު

ކުޑަކުޑަ އައިސްލެންޑް މިފަހަރު ދުނިޔެ ސިއްސުވާލައިފި

Oct 13, 2017
3

އައިސްލެންޑްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފުޓުބޯޅައިގެ ދުނިޔެއަށް ދައްކާލީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައެވެ. އެމުބާރާތަކީ އައިސްލެންޑް ވާދަކުރި ފުރަތަމަ ޔޫރޯ ފުޓުބޯޅަ މުބާރާތެވެ. އޭގެ ކުރިން އެގައުމު ދުވަހަކުވެސް ފުޓުބޯޅަ މުބާރާތަކައް ކޮލިފައިނުވެ އެވެ. ޔޫރޯގައި އެގައުމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށް ދަތުރުކޮށްފަ އެވެ.

އައިސްލެންޑް 2012 ވަނަ އަހަރު އޮތީ ފީފާ ރޭންކިންގެ 131 ވަނަ މަގާމުގަ އެވެ. ނަމަވެސް ހަތަރު އަހަރު ފަހުން އެގައުމު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކޮލިފައިވި އެވެ. އެ މުބާރާތުގައި އެގައުމު ވަނީ ގިނަ ބަޔަކު ސިއްސުވާލާފަ އެވެ. ޖުމްލަ 325،000 މީހުންގެ އާބާދިއެއް އޮތް އައިސްލެންޑް އަކީ ރާއްޖެއަށް ވުރެ އަބާދީ ކުޑަ ގައުމެކެވެ. ރާއްޖޭގެ އާބާދީއަކީ 417،000 މީހުން އެވެ. އައިސްލެންޑް މިވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

އައިސްލެންޑްގައި ގިނަ ދުވަސްތަކެއްވަންދެން ފުޓުބޯޅަ ކުޅެމުންއައީ މޫސުމީ ކުޅިވަރެއްގެ ގޮތުގައި ހަމައެކަނި ހޫނުމޫސުމުގަ އެވެ. އެގައުމުގައި ފުޓްބޯޅަ ކުޅެމުން އައީ އަހަރަކު ތިނެއް ނުވަތަ ހަތަރުވަރަކަށް މަހު އެވެ. ނަމަވެސް މީގެ 17 ވަރަކަށް އަހަރު ކުރިން އައިސްލެންޑްއިން އެކަން ބަދަލުކޮށްލަން ބޭނުންވި އެވެ. އެގައުމުގެ ފުޓުބޯޅަ އިދާރާ އާއި ސަރުކާރު ގުޅިގެން އެގައުމުގައި އިންޑޯ ފުޓުބޯޅަ ހޯލްތަކެއް ހެދެމަށް ނިންމި އެވެ. ބޭނުމަކީ އަހަރުގެ ހުރިހާ މޫސުންތަކެއްގައިވެސް ފުޓުބޯޅަ ކުޅުމެވެ.

ފިނިމޫސުމުގައި އާދަޔާ ހިލާފަށް ފިނިވުމާއި ހޫނު މޫސުން ނޫން އެހެން މޫސުންތަކުގައި ވައި ބާރުވުމުގެ ސަބަބުން ފުޓްބޯޅަ ކުޅުން އެ ގައުމުގައި ވެގެން ގޮސްވައިވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެން ކަމުން އެގައުމެ ފުޓުބޯޅަ އިދާރާ އާއި ސަރުކާރު ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައި އިންޑޯ ފުޓުބޯޅަ ހޯލްތަކެއް ގާއިމް ކުރި އެވެ. އައިސްލެންޑްގައި ހުޅުވި އެންމެ ފުރަތަމަ ފުޓުބޯޅަ ހޯލް ހުޅުވާފައިވަނީ 2000 ވަނަ އަހަރު އެގައުމުގެ ވެރިރަށް ރެކްޔަވިކްގަ އެވެ. މީގެއިތުރުން ހޫނު މޫސުމުގައި ކުޅުމަށް 200 ވިނަ ދަނޑު ގާއިމްކޮށް ދަނޑުގެ ވިނަގަނޑު ފިނިން ރައްކާތެރި ކުރުމަށް ބިމު އަޑީގައި ހީޓިން ސިސްޓަމްތަކެއް ގާއިމް ކުރި އެވެ.

ފުޓުބޯޅަ ހޯލް ތަކާއި ވިނަ ދަނޑުތަށް ގާއިމް ކުރުމަށްފަހު އައިސްލެންޑްއިން ކޯޗުން ތަމްރީން ކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރިއެވެ. އެގޮތުން 2015 ވަނަ އަހަރާ ހަމައަށް އައިސްލެންޑްގައި ޔުއެފްއާ އެލީޓް 600 އަށްވުރެ ގިނަ ކޯޗުން އެބަތިއްބެވެ. ނިސްބަތުން ބަލާއިރު އައިސްލެންޑްގެ ކޮންމެ 541 މީހަކަށް އެއް ފުޓްބޯޅަ ކޯޗް އައިސްލެންޑްގައި އެބަހުއްޓެވެ. ރަނގަޅު ފެންވަރުގެ ކޯޗުންނާއި ފުޓުބޯޅަ ކުރިއަރުވާނެ އިންތިޒާމް ތަކާއެކު އައިސްލެންޑް މިވަނީ މީގެ 17 ވަރަކަށް އަހަރު ކުރިން އެގައުމުން ފެށި ބުރަ މަސައްކަތުގެ ފޮނި ރަހަ ލިބިގެންފައެވެ.

މިމަސައްކަތާއެކު އައިސްލެންޑްއިން މިވަނީ އެގައުމުގެ އަމިއްލަ 'މެސީ' ނުވަތަ 'ރޮނާލްޑޯ' އެއްވެސް ހޯދާފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގްގެ އެވަޓަންގެ ގިލްފީ ސިގިސަން އަކީ މިއަދު އައިސްލެންޑް ގައުމީ ޓީމުގެ ތަރިއެވެ. މިއަހަރު އޮގަސްޓް 17 ވަނަ ދުވަހު، ސިގިސަން ސްވަންސީ ސިޓީއިން އެވަޓަންއަށް ބަދަލުވީ 59 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައެވެ.

މިއަންނަ އަހަރު ވޯލްޑް ކަޕަށް ދާއިރު އައިސްލެންޑްއަށް ކުރެވޭ އުންމީދުތައް ވަރަށްވެސް ބޮޑެވެ. ފީފާ ރޭންކިންގެ 22 ވަނަ މަގާމުގައި އައިސްލެންޑް އޮތްއިރު އެގައުމުގެ ގައުމީ ޓީމުގައި 13 ތަފާތު ގައުމެއްގައި ކްލަބް ފުޓުބޯޅަ ކުޅެމުން އަންނަ ކުޅުންތެރިން އެބަތިއްބެވެ. ތަޖުރިބާ ހުރި އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި އައިސްލެންޑް ގައުމީ ޓީމަށް އަންނަ އަހަރު ވޯލްޑް ކަޕުގައި އަނެއްކާވެސް ބޮޑެތި ގައުމުތަކެއް ސިއްސުވާލާނެކަން ގަބޫލުކުރަންޖެހެއެވެ.