މިދިޔަ މަހު ގެޓަފޭއާ ދެކޮޅަށް، އެޓީމުގެ ދަނޑުގައި ބާސެލޯނާއިން ކުޅުނު މެޗުގައި، ދަނޑުގެ ވިނަގަނޑު ދިގު ވެފައިވާ ކަމަށް ބުނެ ބާސާއިން އެކަމާ ޝަކުވާ ކޮށްފައި ވުމުން، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބާސާގެ އެ ޝަކުވާތަކަށް މަޖާޒީ ޖަވާބެއް ދީފި އެވެ.
ސިމިއޯނޭގެ ޖަވާބު މަޖާޒީ ގޮތަކަށް ދުއްވާލީވެސް، ވިނަގަނޑު އޮތް ގޮތާމެދު ބާސާއި ކުރި ޝަކުވާ ހެއްވާ ކަމަކަށް ވުމުން ނެވެ.
"އަހަންނަކީ ބަގީޗާ ބަލަހައްޓާ މީހެއް ނޫން، އަހަންނަކީ ކޯޗެއް، އަހަރެން ދަނޑުގެ ވިނަގަނޑަށް އަރަނީ ޓީމާއެކު ޕްރެކްޓިސް ކުރަން،" ސިމިއޯނޭ ބުންޏެވެ.
"ކަލޭ ކަލޭގެ ގެއަށް އަހަންނަށް ދައުވަތު ދޭއިރު، އަހަރެން ބޭނުން ކުރަނީ ކަލޭގެ މޭޒް މަތީގައި އަޅާ ފޮތިގަނޑާއި ކަލޭގެ ކައްކާފައި ހުންނަ ކާއެއްޗިއްސާއި ބިއްލޫރި ތަށިތައް." މިއީ އަވޭ މެޗުތަކުގައި ކަންކަން ހިނގާނެ ގޮތާ ބެހޭގޮތުން ބާސާއަށް ސިމިއޯނޭ ދިން ފިލާވަޅެއް ކަމަށް ބެލެވެ އެވެ.
ސިމިއޯނޭގެ އެ މަޖާޒީ ވާހަކަ އަށް ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ދިނީވެސް މަޖާ ޖަވާބެކެވެ. އޭނާ ބުނީ، އެތަނެއްގައި ހުންނަ ތަށިތަކާއި ކެއުންތަކަށް ބާސާވެސް ހޭނޭ ކަމަށެވެ.
"އެތާންގައި ހުންނަ ކާއެއްޗިއްސާއި ތަށިތަކާއި ހުރިހާ ކަންކަމަކަށް އަހަރެމެން ހޭނޭނެނެ." ވަލްވެރުޑޭ ބުންޏެވެ.
ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ސްޕަ ކަޕަށް ފަހު، އަދި މިހާތަނަށް، ބާސެލޯނާއިން ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށް އެ ޓީމުން ދަނީ މޮޅުވުމުގެ ޓްރެކް ދަމަހައްޓަމުން ނެވެ.
ކުޅުނު ހަތް މެޗުވެސް ކާމިޔާބު ކޮށް، ބާސާ އެއް ވަނައިގައި އޮތީ، ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެތުލެޓިކޯ އޮތީ ބާސާއާ ހަ ޕޮއިންޓްގެ ދުރުގަ އެވެ.
ސްޕެއިންގެ ޑޮމެސްޓިކް ފުޓްބޯޅައިގައި، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ އަށް ބާސާ ބަލި ކުރެވިފަ އެއް ނުވެ އެވެ. ބާސާއާ ކުރިމަތިލި 21 ފަހަރުގެ ތެރެއިން އޭނާ އަށް ބާސާ ބަލި ކުރެވުނީ، ދެ ފަހަރު އެވެ. 2013-2014 އަދި 2015-2016ގެ ޔޫއެފްއާ ސީޒަންގެ ޗެމްޕިއަންސް ލީގްގަ އެވެ. ބާރަ މެޗުން ސިމިއޯނޭ ވަނީ ބަލި ވެފަ އެވެ. އެ 21 މެޗުގެ ތެރެއިން އަށް މެޗަކީ، ސްޕެނިޝް ލީގްގެ އަށް މެޗެވެ.
އެތުލެޓިކޯގެ އާ ސްޓޭޑިއަމް ވަންޑާ މެޓްރޯޕޮލިޓާނާގައި، މިރޭ ކުޅޭ މެޗަކީ، ބާސާ، އެ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗެވެ. އޭނާ ބުނީ އާ ސްޓޭޑިއަމްއަކަށް ވިޔަސް މެޗު ކުޅޭ ދެ ޓީމަކީ ލީގް ޗެމްޕިއަންކަމަށް ވާދަ ކުރާ ދެ ޓީމު ކަމަށެވެ.
މިރޭގެ މެޗަށް ނިކުންނައިރު، ވަލްވެރުޑޭ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މި ސީޒަން ފެށުނު އިރު ފޯމް ދަށް ވެފައި ހުރި ފޯވަޑް ލުއިސް ސުއަރޭޒް މިރޭ ފިޓްވެފައި ވުމެވެ. އޭނާ އަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން ވަލްވެރުޑޭ ވަނީ އެންމެ ފަހުން ކުޅުނު މެޗުތައް އޭނާ ނުލައި ކުޅެފަ އެވެ. ނަމަވެސް އިންޓަނޭޝަނަލް ބްރޭކްގައި އުރުގުއޭ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމަށް، ސުއަރޭޒް ވަނީ ދެ ލަނޑު ވެސް ޖާހަފަ އެވެ.