ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް، އަންނަ މަހުން ފެށިގެން، ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) އަށް އިތުރު 10 ފްލައިޓް ޖައްސާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބެލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބުރާސްފަތި ދުވަހު ވިދާޅުވީ މި އަހަރުގެ ފިނި މޫސުމުން ފެށިގެން ކޮންމެ ދުވާލަކު އިތުރު 10 ފްލައިޓު ޖައްސާނެ ކަމަށެވެ. ނަމަވެސް، މިހާރު ދުވާލަކު ޖައްސަނީ ކިތަށް ފްލައިޓްކަމެއް ސައީދު ވިދާޅެއް ނުވެ އެވެ.
"އިތުރު 10 ފްލައިޓް ޖެއްސުމުގެ މާނައަކީ ދެ ގަޑިން ނޫނީ ތިން ގަޑިން ފްލައިޓް ޖައްސަމުންދާނެއޭ. އަދި ކޮބައިތޯ ހަތް މިލިއަން ޓޫރިސްޓުން އެރައިވަލް އައުމުން ކޮންމެ ގަޑިއަކު ނޫނީ އެއަށްވުރެ ވެސް އަވަހަށް ފްލައިޓް ޖައްސާނެ،" ސައީދު ވިދާޅުވި އެވެ.
ޔޫރަޕަށް ފިނި މޫސުން ނޮވެމްބަރުން ފެށިގެން ފެބްރުއަރީ މަހާ ހަމަ އަށް ދެމިގެންދާނެ އެވެ. ފިނި މޫސުމާ ދިމާކޮށް އިތުރު އެއާލައިންތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުންދާ ކަމަށް، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންވަނީ ބުނެފަ އެވެ.
މި އަހަރުގެ ފަހުކޮޅު ރާއްޖެ އަށް ފަށާ އާ އެއާލައިންތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް އެއާލައިންއަކީ ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ "އެއާފްރާންސް" އެވެ. އެ އެއާލައިނުން އެއާ ކޮންމެ ހަފުތާއެއްގެ ބުރާސްދަތު އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވަން ނިންމާފައިވެ އެވެ. މި އެއާލައިނުން މާލެއަށް ދަތުރު ކުރާނީ އެެ އެއާލައިނުގެ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓުތަކުގަ އެވެ، މި ބޯޓުތަކުގައި ޖުމްލަ 312 ސީޓު ހުންނާނެ އެވެ. އަނެއް އެއާލައިންއަކީ އިޓަލީވިލާތުގެ ރޯމާއި ރާއްޖެއާ ދެމެދު "އެލިތާލިޔާ" އެއާލައިން އެވެ. އެ އެއާލައިނުން ރާއްޖެއަށް އުދުހޭނީ އަންގާރަ ދުވަހާއި ހުކުރު ދުވަސް އަދި ހޮނިހިރު ދުވަހު އެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 330 ގެ ފްލައިޓެކެވެ. މިއީ 250 މީހުންގެ ކެޕޭސިޓީގެ ބޯޓެކެވެ. މީގެ އިތުރުން ވެސް ގިނަ އެއާލައިންތަކެއްގެ ފްލައިޓް އިތުރުކޮށް، ފްލައިޓްތަކުގެ ކެޕޭސިޓީ އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.
އިތުރު އެއާލައިންތައް ޖައްސާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 892,025 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކުރީ 842,635 މީހުންނެވެ. މިއީ 5.9 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ސަރުކާރުން ވަނީ މިއަހަރު 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަަށް އަންދާޒާކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު ނިމުމުން ރާއްޖެއަށް އަންނަ މީހުންގެ އަދަދު ހަތަރު މިލިއަނުން ހަތް މިލިއަނަށް އިތުރު ކުރެވޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.