ކުޅިވަރު

އެމެރިކާގެ ކޯޗް ކަމުން ބްރޫސް އަރީނާ ވަކި ވެއްޖެ

Oct 15, 2017

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕަށް، އެމެރިކާ ކޮލިފައި ކޮށް ނުދެވުމުން، އެމެރިކާގެ ކޯޗް ކަމުން އެ ގައުމުގެ ބުރޫސް އަރީނާ އިސްތިއުފާ ދީފި އެވެ.

އެމެރިކާ މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ނުވުމުން، މިއީ 1986 ގެ ފަހުން އެ ޓީމަށް ވޯލްޑްކަޕްގެ ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. ކޮލިފައިންގައި އެމެރިކާއަށް ނާކާމިޔާބުވީ އެންމެ ފަހު މެޗުގައި ޓްރިނިޑާޑް ޓޮބޭގޯ އަތުން، 2-1 ބަލި ވުމުން ނެވެ.

އަރީނާ ވަނީ، 2002 އަދި 2006 ވަނަ އަހަރު ވޯލްޑްކަޕްގައި، އެމެރިކާ އަށް އިރުޝާދު ދީފަ އެވެ.

"ކޮންމެ ކޯޗަކަށް ވެސް ލިބޭނެ އެންމެ ބޮޑު ޝަރަފަކީ އަމިއްލަ ގައުމުގެ ގައުމީ ޓީމަށް ކޯޗް ކޮށް ދިނުން،" އަރީނާ ބުންޏެވެ. އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް އަދި ފަހްރެއް އެއީ އެމެރިކާގެ ކޯޗް ކަން ދެ ފަހަރަށް ކުރުން."

އަރީނާ، އެމެރިކާގެ ކޯޗް ކަމާ، ދެ ވަނަ ފަހަރު، ހަވާލުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު، އެމެރިކާގެ ކޯޗްގެ ގޮތުގައި ހުރި ޖަރުމަންގެ ޔާގަން ކްލިންސްމަން އިސްތިއުފާ ދިނުމުން ނެވެ.

އެމެރިކާ، ވޯލްޑްކަޕަށް ކޮލިފައި ނުވުމުން، ފާޑު ކިޔުން އަމާޒުވެފައިވާ އަނެކަކީ، އެމެރިކާގެ ފުޓްބޯޅަ އިދާރާގެ ރައީސް ސްނިލް ގްލަޓީ އެވެ. އޭނާ ވެސް ބުނީ އެމެރިކާ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އެކަމުގެ ޒިންމާ އޭނާ ވެސް ނަގާ ކަމަށެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވާނެ ވާހަކަ އެއް ވިދާޅެއް ނުވެ އެވެ.

"ފުޓްބޯޅަ ފެޑްރޭޝަންގައި އަހަރެންގެ ހުރި މަގާމުގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން މިއީ." އިސްތިއުފާ ދެއްވަން ވިސްނާނެތޯ ސުވާލު ކުރުމުން، ގްލަޓީ ވިދާޅުވި އެވެ.