އިންގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު މެންޗެސްޓާ ސިޓީއާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗު 2-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފި އެވެ.
ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދާނެ ކަމަށްބެލެވުނު ނަމަވެސް ޔުނައިޓެޑުގެ ފަރާތުން ފެނުނީ މުޅި މެޗުގެ ގިނަ ވަގުތުވެސް ޓީމު ފަހަތަށް ޖައްސައިގެން ކުޅުނު މަންޒަރެވެ. މުޅި މެޗުގައިވެސް ޔުނައިޓެޑަށް ލިބުނީ ރަނގަޅު އެންމެ ފުރުސަތެކެވެ. އެއީ ފުރަތަމަ ހާފްގައި ލިވަޕޫލްގެ އޭރިޔާތެރެއިން ލުކާކޫ ފޮނުވާލި ހަމަލާ އެވެ.
ޔުނައިޓެޑާ ހިލާފަށް ލިވަޕޫލްގެ ފަރާތުން ބަލާހިތް ވާފަދަ ކުޅުމެއް ފެނިގެންދިޔައިރު ގޯލްތަކެއް ކާމިޔާބުކުރަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. މިމެޗުގައި ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. މެޗަށްފަހު އިންގިރޭސި ބޮޑެތި މީދިޔާތަކާއި ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ވަނީ ޔުނައިޓެޑުގެ ކުޅުމާމެދު ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ވަނީ ޔުނައިޓެޑުގެ ކުޅުމާމެދު ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ލިވަޕޫލްގެ ފަރާތުން އެފަދަ ޑިފެންސިވް ކުޅުމެއް އޭނާ ކޯޗަކަށް ހުރެ ނުފެއްނާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މެޗުގައި ޔުނައިޓެޑު ކުޅުން ހުރިގޮތުން ބޮޑަށް ބެލެވެނީ އެޓީމު ޕޮއިންޓަކަށް ފަރުޖައްސާލީކަމަށެވެ.
ޔުނައިޓެޑު އެއްވަރުވުމުން ސިޓީއިން ވަނީ ފުރުސަތުގެ ބޭނުންކޮށް އެޓީމު ސްޓޯކްއާއި ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް އެއްވަނަ މަގާމުގައި ދެޕޮއިންޓްގެ ލީޑެއްވެސް ނަގާފައެވެ. ސިޓިއާއި ސްޓޯކް ބައްދަލުކުރި މެޗުގައި އެޓީމުންވަނީ 7 ގޯލް ކާމިޔާބުކޮށްފައެވެ.
މިމެޗުގައި ގެބްރިއަލް ހޭސަސް ދެގޯލް ކާމިޔާބުކޮށްދީފައިވާއިރު ރަހީމް ސްޓާލިން، ޑޭވިޑް ސިލްވާ، ފެނާންޑީނިއޯ، ސާނޭ، އަދި ބާނެޑޯ ސިލްވާ ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ކާމިޔާބުކޮށްފައެވެ. ސްޓޯކްގެ ދެގޯލްގެ ތެރެއިން އެއްގޯލަކީ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާގެ އަތުން ބައިކޮޅަށް ވަންގޯލެކެވެ. އަނެއް ގޯލަކީ ފޯވާޑް ޑިއޫފް ކާމިޔާބުކުރި ގޯލެކެވެ.
ސިޓީގެ މިޑްފިލްޑަރު ކެވިން ޑެބްރޮއިނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުގެންދިޔައެވެ. މުޅި ސީޒަންގައިވެސް މިހާތަނަށް ސިޓީ ފަރާތުން ފެނިގެން އަންނަނީ އާދަޔާހިލާފަށް މޮޅު ކުޅުމެކެވެ. ވާދަވެރި ޔުނައިޓެޑާއި ހިލާފަށް ސިޓީގެ ފަރާތުން ފެނިގެންއައީ ވަރުގަދަ އެޓޭކިން ފުޓުބޯޅައެކެވެ. ލިވަޕޫލް މެޗުގެ ކުރިން ޔުނައިޓެޑުގެ ފަރާތުންވެސް މޮޅު ކުޅުމެއް ގިނަ މެޗުތަކުގައި ފެނިގެންދިޔައެވެ.
ކާރު އެކްސިޑެންޓެއްގައި އަނިޔާވި ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ މިއަދުގެ މެޗުގައި ސިޓީގެ ބެންޗުން ފެނިގެން ގޮސްފައިވެއެވެ. އަގުއޭރޯ ކުޅެން ނިކުތުމުން އެޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.