(12 އޮކްޓޯބަރ 2017 އާ ގުޅޭ) -- ހައިކަލް: "އައި ލަވް ޔޫ... އަހަރެން ވަރަށް ބޮޑަށް ލޯބިވޭ މިންނުދެކެ. އެންމެ ފުރަތަމަ ފެނުލުމުން ވެސް އަހަންނަށް މިންނު ޚާއްޞަވި. ޕާޓީއިން ފެށިގެން އަހަރެން މަސައްކަތް ކުރީ މިންނުގެ ހިތް އޮތްގޮތެއް އޮޅުން ފިލުވަން. އައި ރިއަލީ ލަވް ޔޫ މިންނު... އެހެން މީހެއްގެ އަތުތެރޭގައި މިންނު ވާތަން ބަލާކަށް އަހަންނަށް ކެތެއްނުވާނެ. އަހަރެން ކޮންމެ ރެއަކު ފޮނުވާ ރަތްފިނިފެންމަލަކީ އަހަރެންގެ ހިތުގައިވާ ލޯބި. ހީކުރީ ޕާޓީއިން ދިމާވެގެން ހަދިޔާކުރި ރަތްފިނިފެންމާގެ މަތީން ހަނދާންވެ އެއީ އަހަރެން ފޮނުވާ އެއްޗެއްކަން މިންނުއަށް އެނގޭނެއޭ. މިންނު! އަހަރެންގެ މީހަކަށް ވެދީ... މުޅި އުމުރު މިންނު އުފަލުގައި ބަހައްޓައިދޭނަން. ޕްލީޒް... އައި ލަވް ޔޫ ސޯ މަޗް... އައި ލަވް ޔޫ. މިންނު ބޭނުންވަނީ އަވަހަށް ކައިވެނިކުރާކައްނު. އަހަރެން މިންނުއާ މެރީކުރާނަން. އެއްވެސްކަމަކާ މިންނު ވޮރީ ވާކަށް ނުޖެހޭނެ. އަހަރެން ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން. ޔޫ ވިލް ބީ މައި ކުއީން. އަބަދުގެ އަބަދަށް... އައި ލަވް ޔޫ ބޭބީ"
އަޖައިބުވެ އަންތަރީސް ވެފައި ހުރި މީހަކު ފަދައިން ހައިކަލްއަށް ބަލަން ހުރެވުނީ ބަސްހުއްޓިފައެވެ. އޭނާ އެ ދެއްކި ވާހަކަތަކަށް ދޭން އޮތް ޖަވާބު ވަރަށް ސާފެވެ. ނަމަވެސް ހައިކަލްގެ އަޑުގައި ހުރި އާދަޔާ ޚިލާފު އަސަރު އަހަރެންގެ ހިތް ދެނެގަތެވެ. ނުރޮވުނު ކަމުގައި ވިޔަސް ލޮލުން ކަރުނަ ނިރާލިއެވެ. އެއް އިންސާނެއް އަނެއް އިންސާނަކަށް ބޭނުންވުމަކީ ކޮންކަހަލަ އިހުސާސެއްކަން އަހަރެންގެ ހިތަށް އެނގެއެވެ. ހަޤީޤަތުގައި ވެސް ހައިކަލް އަހަރެން ދެކެ ލޯބިވަނީއެވެ. އެ ހިތުގެ ހާލު ވަރަށް ސާފުކޮށް އޭނާ ބުނެދީފިއެވެ. އަހަރެންގެ ހިމޭންކަމުން ހައިކަލް މާނަ ނެގީ ތަފާތުކޮށެވެ. އޭނާ އިހުނަށްވުރެ އަހަރެން ގާތްކޮށްލީއެވެ. އަދި އަހަރެންގެ ކަނދުރާއިން ފެށިގެން މޫނުގައި ބޮސްދޭން ފެށީއެވެ. އޭނާގެ އެ ޢަމަލުން އަހަރެންގެ ޟަމީރަށް ސިހުން ގެނުވިއެވެ. ތެޅިގެންފައި އޭނާއާ ދުރަށް ދާން މަސައްކަތް ކުރީމެވެ. ހައިކަލްއަކީ ބާރުގަދަ ފިރިހެނެކެވެ. އޭނާގެ ކިބައިން ސަލާމަތްވުން އެއީ ފަސޭހަކަމެއްނޫނެވެ. ދެއަތުގެ ހިކަނދި މަސްގަނޑުގައި ހައިކަލް ހިފައިގެން ހުރެ އޭނާއާ ގާތްކުރާން މަސައްކަތް ކުރަމުންދިޔައެވެ. އެއާއެކު އަހަރެން އިންޒާރު ދިނީމެވެ. ދޫކޮށްނުލައިފިނަމަ ޖައުބެއާއި ސުހައްތައަށް ގޮވާނަން ކަމުގައެވެ. މަޢުނަވީ ގޮތަކަށް އަހަންނަށް ހަތަރުކަޅި ހަމަކޮށްލުމަށްފަހު އަހަރެންގެ ދެއަތުން ހައިކަލް ދޫކޮށްލިއެވެ. އެއްފަރާތަށް ދެމިގަތުމާއެކު ވަގުތުން ހައިކަލްއަށް އެންގީ އަހަރެންގެ ގެއިން ނުކުމެގެން ދިއުމަށެވެ.
ހައިކަލް: "މިންނު! ޕްލީޒް!... އަހަރެން ވަރަށް ލޯބިވޭ... އޯކޭ މިރޭ ޖަވާބެއް ނުދިނަސް. ފަހުން ވިސްނާފައި އަހަންނަށް ޖަވާބެއްދީ. އަހަރެން އިންތިޒާރު ކުރާނަން"
އަހަރެން ދައްކާ ވާހަކައެއް ހައިކަލް ޤަބޫލުކުރާން ބޭނުންނުވާ ކަހަލައެވެ. އެހެންވިޔަސް ދެވަނަ ފަހަރަށް އަހަރެން ތަކުރާރު ކުރީމެވެ. ގެއިން ނުކުމެގެން ދިއުމަށް ހައިކަލްގެ ގާތުގައި ބުނީމެވެ. ހަމައެއާއެކު އަހަރެންގެ ޖަވާބު ބަދަލުނުވާނޭކަމާއި ހައިކަލްއަށް ދޭން ޖެހޭ ޖަވާބު މިހާރު އޮންނާނީ ދެވިފައި ކަމުގައި ބުނީމެވެ. އެހެންވީމާ ހައިކަލް ފޮނުވާ މާބޮނޑިތައް ވެސް ފައިސާ ބޭކާރުކުރާކަށް އިތުރަށް ފޮނުވާނޭ ކަމެއްނެތޭ ބުނީމެވެ. ހައިކަލް އަޑުއަހަން ބޭނުންނުވި ނަމަވެސް އަހަރެން ހުރިހާ ހަޤީޤަތެއް ހާމަކުރީމެވެ. އަހަންނަށް ލޯބިވެވިއްޖެކަމާއި އެކަމަކު އެއީ އަޒާންދެކެކަން ހައިކަލް ގާތުގައި ބުނީމެވެ. ދެން އަލުން އެހެން މީހެއްދެކެ ލޯތްބެއްނުވެވޭނެއެވެ. ދުވަހަކުވެސް ނުވެވޭނެއެވެ.
ހައިކަލް: "ތިހެން ނުބުނޭ މިންނު... އަހަރެން މި ބުނީނު ފަހުން ޖަވާބު ދިނަސް އޯކޭއޭ. އަދިވެސް ވިސްނާލާ"
ނުވިސްނެނީ ހައިކަލްއަށެވެ. އަހަންނަށް އަހަރެންގެ ޖަވާބު ވަރަށް ސާފެވެ. އަހަރެން ކުޑަކޮށް ވެސް ހައިކަލް ދެކެ ލޯތްބެއް ނުވެއެވެ. ލޯބިވާން ހިތަށް ވެސް ނާރައެވެ. އޭނާއަކީ ރަނގަޅު ޒުވާނެއްކަމަށް ހީކުރެވި ހިތުގައި އުފެދުނީ ރަޙުމަތްތެރިކަމުގެ ޝުޢޫރުތަކެކެވެ. ދުށީ ވެސް އެގޮތަށެވެ. ގެއަށް އައިސް ވަދެ އުޅޭ ރައްޓެއްސެއްގެ ގޮތުގައެވެ. އަހަރެންގެ ލޯތްބަކީ އަހަރެންގެ އަޒާނެވެ.
ހައިކަލް: "ނުވާނެ ތިހެނެއް! ކޮންމެ ހާލެއްގައި ވެސް މިންނު ހޯދާނަން. ތިހެން ހުއްޓަސް އަދި އަހަރެންގެ ގާތަށް ތި މިންނު އަންނާނެ"
ހައިކަލް އަޑުއަހަން ބޭނުންނުވާ ވާހަކަތަކެއް އަހަރެން ފުށުން އިވެމުންދިއުމާއެކު ކުއްލިއަކަށް އޭނާގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެގެންދިޔައެވެ. ވަރުގަދަ އިންޒާރެއް ފަދައިން އަމުރުވެރި ރާގެއްގައި ވާހަކަދެއްކިއެވެ. ގެއިން ނުކުންނަން އެނބުރިލުމާއެކު ފައިބުޑުގައި ފިޔަތައް އުފުރާލާފައި އޮތް މާބޮނޑީގައި ފައިންޖަހާ ބުރުވާލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ނުކުމެގެން ދިޔަތަން ދުށީމެވެ.
އަހަރެން ހުރި ސަރަޙައްދުގެ ތަޅުމުގެ ބޮޑުބައި ނިވާވެފައި އޮތީ ރަތް ފިނިފެންމާ ފިޔައިންނެވެ. ހީވަނީ މަލްމަލްގެ ދޫލައެއް ފަތުރާފައި އޮތްހެނެވެ. މަޑުމަޑުން އައިސް ހައިކަލް ބުރުވާލި މާބޮނޑި ނެގީމެވެ. އެ އިން އެންމެ މަލެއް ވެސް ހަލާކުކޮށްނުލާ ހައިކަލް ދޫކޮށެއްނުލައެވެ. ހުރިހާމަލެއް ވަނީ ފިޔަތައް އުފުރާލައި ހަލާކު ކޮއްލާފައެވެ. އޭނާ އެހެން ހަދާފާނެ ހެއްޔެވެ. އޭނައަކީ ރަހުމްކުޑަ ރުޅިގަދަ މީހެއް ބާއެވެ. އަހަރެންގެ ހިތަށް ވަރަށް ގިނަ ސުވާލުތައް އަރަމުންދިޔައެވެ. ހައިކަލް އަހަރެންގެ ލޯބި ހޯދަން ކޮންމެކަމެއް ވެސް ކޮއްފާނެބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ސިޓިންރޫމު ތެރެއަށް ބުރައިގެން ގޮސްފައިވާ ފިނިފެންމަލުގެ ފިޔަތަށް އެއްކޮށްލުމަށް ފަހު ނެގީމެވެ.
ނިދަން އޮތްއިރު ވެސް އަހަންނަށް ވިސްނެނީ ހައިކަލް އާއިމެދުއެވެ. އަހަރެން އަޒާންދެކެ ލޯބިވީ އޭނަ އަހަރެންދެކެ ލޯބިވާކަން އެނގިހުރެއެއް ނޫނެވެ. ހަމައެގޮތަށް ހައިކަލް ވެސް އަހަރެންދެކެ ލޯބިވީ ހަމައެފަދަ ގޮތަކަށެވެ. މީގަ އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ. ތިމާ އެންމެ ލޯބިވާ މީހާ ނުލިބުމުން ދެރަވާނެކަން ވެސް އެނގެއެވެ. އަހަރެންގެ ގާތުގައި ހައިކަލް ކުރިން ދައްކާފައިވާ ވާހަކަތައް ހަދާންވިއެވެ. އަހަރެން ހައިކަލް އާއި ދެން ވާހަކައެއްނުދައްކާނަމެވެ. އަހަންނަކީ ހަމައެކަނި އަޒާންގެ މީހެކެވެ. އަހަރެން ބޭނުންވަނީވެސް އެގޮތަށް ވާށެވެ. އެކުވެރިޔާއެވެ. މިވީ ކިހިނެއްހެއްޔެވެ. ކުއްލިއަކަށް މިހާ ބޮޑުކަމެއް މިވީ ކީއްވެ ހެއްޔެވެ. އަހަންނަށް ރަނގަޅީ ދެން ހައިކަލް މިގެއަށް ނައުމެވެ. އޭނާއަށް ވެސް އެންމެ ރަނގަޅުވާނީ އެ ގޮތެވެ. އަހަރެންގެ މަތިން ހަނދާން ނައްތާލުމެވެ. އެކަމަކު އަދިވެސް ހައިކަލް އަހަރެންގެ ގާތުން އެކުވެރިކަމަށް އެދެފިނަމަ އެ ގުޅުން ބާއްވާނަމެވެ. އަޒާން ނޫން މީހަކަށް އަހަންނަށް ލޯތްބެއް ނުދެވޭނެއެވެ.
* * * * *
ޔާނާ ޑައިރީ ލައްޕާލިއެވެ. އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ޒޭން ޔާނާއަށް ބަލާލިއެވެ. އޭނާ ވެސް އޮށޯވެލައިގެން އޮވެފައި ތެދުވިއެވެ. ޔާނާ ޑައިރީ ޒޭންގެ އަތަށް ދިއްކޮއްލިއެވެ.
"ޒޭން، މިޑައިރީގައި މިވަނީ ތެދުކަން ޤަބޫލުކުރަންތަ؟" ޔާނާ ވަރަށް ސީރިއަސްކަމާއިއެކު އަހާލިއެވެ.
"ޔާނާ އަށް ހީވަނީ ކިހިނެއް" ޒޭން ވެސް ޔާނާއާ ކުރީ ސުވާލެކެވެ.
"ޑައިރީގައި ލިޔެފައިވާ ލިޔުމަށް ވިސްނާނަމަ އަހަންނަށް ޤަބޫލުކުރެވޭ، މިންނުގެ ވާހަކަތަކުން ދޭހަވަނީ ކީކޭކަން ޒޭނަށް ވެސް މިހާރު އެނގޭނެ، އެކަމަކު އެ ވާހަކަތަކާ މެދު ޒޭން ދެކޭ ގޮތެއް އެނގެން ބޭނުންވާތީ އަހާލީ. އަހަންނަށް ހީވަނީ ޒޭން ޤަބޫލެއް ނުކުރޭހެން މިންނުގެ ޑައިރީގައި ލިޔެފައިވާ އެއްޗެއް" ޔާނާ ބުނެލިއެވެ.
"އަހަންނަށްވެސް ހަޤީޤަތެއް ނޭނގޭ، އެކަމަކު މި ޑައިރީގައި ދޮންމަންމަ ލިޔެފައިވަނީ ހަޤީޤަތްކަންހެން އަހަންނަށް ހީވޭ، އެހެން ނޫނީ ބައްޕަ މި ޑައިރީ އެހާ ފޮރުވައިގެނެއް ނުގެންގުޅޭނެ" ޒޭންގެ އަތުގައި އޮތް ޑައިރީއަށް ބަލަން އިނދެ ބުނެލިއެވެ.
"ޒޭން، މިރޭ ދެން އިތުރަށް ކިޔާނެހާ ވަގުތެއްނެތް، ގެއަށް ވެސް ދާން ޖެހޭނެއެއްނު" ޔާނާ ހަމަޖެހިލަމުން ބުނެލިއެވެ.
"ދެން ކޮންއިރަކުން ކިޔާދޭނީ" ޒޭން އަހާލިއެވެ.
"ޒޭން އިތުރަށް ކިޔަން ބޭނުންތަ" ޔާނާ ސުވާލުކޮއްލިއެވެ.
"ކިހިނެއްވީ؟" ޒޭން ހައިރާންވެފައި އަހާލިއެވެ. ޔާނާ ބުނި އެއްޗެއް ދޭހަ ނުވެގެނެވެ.
"މިހެން މިބުނީ ފަހަރެއްގަ ކުރިއަށް ކިޔަމުން ދާއިރު ޒޭން އަޑު އަހަން ބޭނުން ނުވާ ފަދަ ވާހަކައެއް ވެސް ޑައިރީގައި އޮވެދާނެއެއްނު، ޒޭންގެ ބައްޕަ ހީވާގޮތުން އެ އުޅެނީ ގަދަކަމުން މިންނުގެ ލޯބި ހޯދަން ދޯ" ޔާނާ ލަސްލަހުން ބަސްތައް އަމުނާލިއެވެ.
"ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަހަރެން މި ޑައިރީ ކިޔާ ނިންމާނަން، އަހަންނަށް މި ޑައިރީ ކިޔާދޭނީ ވެސް ޔާނާ" ޒޭން ޔާނާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
ޒޭން ބުނިގަނޑިއަށް ޖަމީލު އައިސް ވަނެވެ. ހައިކަލް އޮތް އެނދުގެ ކައިރިއަށް ޒޭން ޖެހިލާފައި ބައްޕަގެ އަތުގައި ހިފާލިއެވެ. އޭނާ ހުރިހާ ކަމެއްގެ ހަޤީޤަތް ހޯދާނަންކަމުގައި ބުނެލީ ހައިކަލްގެ މޫނަށް ބަލަން ހުރެ މަޑުމަޑުންނެވެ. އޭނާގެ މަންމަ ވެސް ހޯދާ ހައިކަލްގެ ގާތަށް ގެނެސްދޭނަންކަމުގައި ޒޭން ބުންޏެވެ.
ހޮސްޕިޓަލް ތެރެއިން ނުކުންނަން ދިޔައިރު ކައުންޓަރުތަކާއި ޑޮކްޓަރަށް ދައްކަން އައިސް ތިބި ގިނަބައެއްގެ ނަޒަރު ޒޭނާއި ޔާނާއަށް ހުއްޓެމުންދިޔައެވެ. ކައުންޓަރުން ކުއްޖެއް އެއީ ޑޮކްޓަރ ޒޭންއޭ ބުނެލި އަޑު ވެސް ޔާނާއަށް އަޑު އިވުނެވެ. އޭނަ ޒޭންއަށް ބަލާލިއެވެ. ދެމީހުން ހިނގާލާފައި މިސްރާބުޖެހީ ޔާނާގެ ގެއާ ދިމާއަށެވެ. އޭރު ޒޭންގެ އަތުގައި މިންނުގެ ޑައިރީއޮތެވެ. ދެމީހުންނަށް ވެސް ދެއްކެނީ ޑައިރީގެ ވާހަކައެވެ. މިންނުގެ ވާހަކައެވެ.
ޔާނާގެ ގެއާ އަރާހަމަވިތަނާހެން ޒޭން ކުއްލިއަކަށް ޔާނާގެ އަތުގައި ހިފިއެވެ. ސިހުމުގެ ބަދަލުގައި ޔާނާ ފެށީ ހޭށެވެ. ހަމައެއާއެކު ތީ ކޮންކަމެއްހޭ ޒޭންގެ ގާތުގައި އެހިއެވެ. ޒޭން ވެސް ޒޭންގެ ބައްޕައަށް ވާން މަސައްކަތްކުރަނީހޭ ޔާނާ އަހާލިއެވެ. ޔާނާގެ އެ ޖުމްލައިން ޒޭނަށް ހެވުނެވެ.
"އަހަރެން ޔާންއާ ރައްޓެހިވާން އަހައިފިއްޔާ ބުނާނީ ކީކޭ" ޔާނާގެ އަތުގައި ހިފާލައިގެން ހުރެ ޒޭން ބުންޏެވެ. އެއާއެކު ޔާނާގެ ހުނުން ހުއްޓިއްޖެއެވެ. ދެ ލޯ ބޮޑުކޮށްލާ ހައިރާންކަމާއެކު ޒޭނަށް ބަލަން ހުއްޓެވެ.
"އާ ޔޫ ސީރިއަސް... ނޫނީ ހައިކަލްގެ ކެރެކްޓާރ ފޮލޯ ކުރަނީތަ؟" ޔަނާ އަމިއްލަ ހިތާ ސުވާލު ކުރިއެވެ. އެއީ ސަމާސާއެއްނަމަ ހުއްޓަންވީކަމުގައި ޔާނާ ޤަބޫލުކުރިއެވެ. ލޯހިމަކޮށްލާ ޔާނާ ބަލަން ހުރި ގޮތުން ޒޭން ނިތްއަރުވާލިއެވެ.
"އިޓްސް ނޮޓް ފަނީ... މީ ޑައިރީއެއްނޫން އިނގޭ. ދިސް އިޒް ރިއަލް ލައިފް. މީ ޔާނާ... ތީ ޒޭން" ޔާނާ ބުނާން އުޅުނު އެއްޗެއް ޒޭނަށް ވިސްނުނެވެ. އިހުނަށްވުރެ ބޮޑަށް އޭނާ ހިނިއައެވެ.
"އަހަންނަށްވެސް އެނގެޔޭ ތީ މިންނުއެއްނޫންކަން. މި ޒޭން އެހީ ޔާނާގެ ގާތުގައި. އެނީވޭސް އަހަރެން ޖަވާބަށް އިންތިޒާރު ކުރާނަން، ދެން ދަނީ، ގުޑްނައިޓު" ޒޭން ހިނިއައިސްފައިހުރެ ހިނގައިގަތެވެ. ޔާނާގެ ޖަވާބު ކޮންމެހެން މިރޭ އޭނާ ބޭނުމެއްނޫނެވެ.
ގޭތެރެއަށް ވަދެގެން ދިޔަ ޔާނާއަށް ހަމަހެވެނީއެވެ. ހިތަށް ވެރިވި އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. ޔާނާ ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތެވެ. އޭނައަށް އެވަގުތު ހަނދާންވީ މިންނުގެ މަތިންނެވެ. މިންނުއަށް ވެސް އެންމެ ފުރަތަމަ އަޒާން އޭނާ ބޭނުންވާކަން އެނގުމުން ކުރެވުނު އިހްސާސްއަކީ މީބާއެވެ. މިންނު އަޒާންދެކެ ވީފަދަ ލޯތްބެއް ޔާނާއަށް ޒޭންދެކެ ވެވެނީބާއެވެ. ޔާނާ ބާލީހުގައި އޭނާގެ މޫނު ފޮރުވާލިއެވެ.
ޔާނާގެ ކޮޓަރީގެ ދޮރު އަޒާން ހުޅުވާލީ ދަރިފުޅު ގެއަށް އައީތޯ ބަލާލުމަށެވެ. އެނދުމަތީ ތެދުވާހިތް ނުވެފަ އޮތް ޔާނާ ވެސް ދޮރާ ދިމާލަށް ބަލާލީ ދޮރުގެ ތަޅުގައި މީހަކު ހިފި އަޑަށެވެ. ދޮރުމަތީ ހުރި އަޒާން ފެނުމުން ޔާނާ އަވަހަށް ތެދުވިއެވެ. ޔާނާގެ ކޮޓަރިއަށް ކުޑަކޮށްވަނުމާއެކު އަޒާން ވާހަކަދައްކަން ފެށިއެވެ. ޔާނާ މިއަދު ކުރިކަންތައްތަކާއި ބެހޭގޮތުންނެވެ. ޔާނާގެ އުފާވެރިކަން ދެނެގަންނާކަށް އަޒާނަށް މާގިނައިރެއް ނުނެގިއެވެ. އެކަމަކު ޒޭންގެ ސިއްރު ސިއްރެއްގެ ގޮތުގައި ޔާނާ ބޭއްވިއެވެ. އެމީހުން ކިޔަމުންދާ މިންނުގެ ޑައިރީގެ ވާހަކައެއް އަޒާން ގާތުގައެއް ޔާނާ ނުބުނެއެވެ. އެހެންނަމަވެސް ޒޭންގެ ގޭގެ ރީތިވާހަކަ ކިޔާދިނެވެ. އެ ގޭގައި އޮންނަ ކުޑަކުޑަ ބަގީޗާގެ ވާހަކަ ވެސް މެއެވެ. އަޒާން ހިނިތުންވެލައިގެން ޔާނާގެ ވާހަކަ އަޑުއަހަން ހުއްޓެވެ.
"ދަރިފުޅު ޒޭންދެކެ ލައިކްވޭތަ؟" ޒޭންގެ ނަން ބޭނުންނުކުރާން ޔާނާ މަސައްކަތް ކުރާހެން އަޒާނަށް ހީވެ ސުވާލުކުރީއެވެ. ޒޭނާ މެދު ދަރިފުޅުގެ ހިތުގައި އޮތް އެއްޗެއް އެނގުން އަޒާންއަށް މުހިންމެވެ. ނަމަވެސް އަޒާންގެ ސުވާލުން ޔާނާ ހިމޭންވިއެވެ. ޖެހިލުންވެފައި ހުރި ފަދައިންނެވެ.
"ދެން ބުނެބަލަ... އެއީ މައްސަލައެއް ނޫނޭ! ދަރިފުޅު ތިހިރީ ބޮޑުވެ ކުއްޖަކާ ރައްޓެހިވާ އުމުރަށް އަޅާފައިކަން ބައްޕައަށް ވެސް އެނގޭ. ޔާނާ! ދަރިފުޅު އެއްޗެއް ނުބުނަންޏާ ބައްޕަ ބުނަންތަ... ބައްޕައަށް ހީވަނީ ޒޭނަކީ ރަނގަޅު ކުއްޖެއްހެން، ދަރިފުޅު ބުނީމެއްނު އެއީ ޑޮކްޓަރެކޭ" ޔާނާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން އިންނަން ފެށުމުން އަޒާން ބުނެލިއެވެ.
"އަޅުގަނޑު ލައިކްވޭ! ޒޭނަކީ ވަރަށް ރަނގަޅު ކުއްޖެއް، ބައްޕާ! އަޅުގަނޑު ޒޭންއާ ރައްޓެހިވިއްޔާ ބައްޕަ އޯކޭ ވާނަންތަ" ޔާނާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
އަޒާން ލުއި ގޮތަކަށް ހީނލިއެވެ. މަޑުމަޑުން ޔާނާގެ ގާތަށް އައިސް ދަރިފުޅުގެ އަތްތިލަ ނާގާ ފިރުމާލިއެވެ. އޭނަގެ އެއްވެސް މައްސަލައެއްނެތް ކަމުގައި ބުނެލިއެވެ. އެކަމަކު ކޮންމެ ގުޅުމަކީ ކައިވެންޏަކާއި ހަމައަށް ދާނެ ގުޅުމެއްނޫނޭ ބުނެލިއެވެ. ނަމަވެސް އެ ގުޅުން ދަމަހައްޓާ ކައިވެންޏަކާއި ހަމައަށް ގެންދިއުމަށް މަސައްކަތްކުރަންވާނޭ ކަމަށް އަޒާން ބުންޏެވެ. އޭނާއަށް މިދުވަސް އަންނާނެކަން މާކުރިން ވެސް އެނގެއެވެ. އެކަމަކު އޭނާ ކަންބޮޑުވަނީ ދަރިފުޅަށް ދެރަގޮތެއް ދިމާވެދާނޭތީއެވެ. އަމިއްލަ ދަރިފުޅަށް އިތުބާރު ކުރެވުނަސް އެ ދަރިފުޅުގެ ހަޔާތަށް އަންނާނީ ވަފާތެރި ބައިވެރިއެއްކަން އަޒާނަށް ނޭނގޭނެތީއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. ފޮނިއްޔާ އެހާ ފޮންޏެވެ. އެ ލޯބި ހިތިވެއްޖެނަމަ މުޅި މީހާ އެކަމުގައި ހަލާކުކޮއްލާހާ ބާރުގަދަ ޒަހަރަކަށް ވެދެއެވެ. އެފަދަ ހިތްދަތިކަމެއް ޔާނާއަށް ލިބޭކަށް އަޒާން ދުވަހަކު ވެސް ބޭނުމެއްނުވެއެވެ.
އަޒާން ކޮޓަރިން ނުކުންނަން ފެށުމުން ޔާނާ އެދުނީ މަންމަ ޝަމްލާ ގާތުގައި އިހަށް އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. އަޒާން ހިނިއައިސްފައި ހުރެ ބޯޖަހާލިއެވެ. އަދި ކޮޓަރީގެ ދޮރު ލައްޕާލާފައި އޭނާ ހިނގައްޖެއެވެ. އެއާއެކު ޔާނާ ހެދުން ބަދަލުކޮއްލައިގެން ފާޚާނާއަށް ވަދެފައި އައިސް އެނދުމައްޗަށް އެރިއެވެ. މިރޭ އޭނާއަށް އޮންނާނެ ގޮތެއް ވެސް ނޭނގިގެން އުޅޭ ކަހަލައެވެ. އޭނަގެ ބައްޕަ ފަދަ ލޯބިވާ ރަނގަޅު ބައްޕައެއް އެހެން މީހެއްގެ ހުންނާނެ ބާއޭ ވެސް ޔާނާ ހިތަށް އެރިއެވެ. އަނެއްކޮޅުން ޒޭންގެ ސުވާލަށް ދޭންބޭނުންވާ ޖަވާބާއި ދޭތެރޭ ވެސް ޔާނާއަށް ވިސްނެމުންދިޔައެވެ. ހަމައެއާއެކު ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކުގެ ވާހަކަތައް އަޒާންއާ ޚިއްޞާކުރަމުން އައީތީ މިންނުގެ ޑައިރީގެ ވާހަކަ ވެސް އަޒާންއއަށް ކިޔައިދޭން ޔާނާ ހަޤީޤަތުގައި ބޭނުންވެއެވެ. ނަމަވެސް ޒޭންގެ ޒާތީ ދިރިއުޅުމުގެ ބައެއްކަމުގައި އެ ޑައިރީ ވާތީ މިވަގުތު އަޒާންގެ ގާތުގައި އެފަދަ ވާހަކައެއް ދެއްކުން ރަނގަޅުނުވާނޭ ޔާނާގެ ޟަމީރު ވިސްނައިދިނީއެވެ. ނިދަން ބޭނުންވެ ދެ ލޯ މަރާލި ނަމަވެސް ޔާނާގެ ސިކުނޑީގައިވީ މިންނުގެ ޑައިރީއެވެ. އޭގައި ލިޔެފައި ހުރި ވާހަކަތަކެވެ. މިންނު ދެން ކަންތައްކުރާނީ ކިހިނެއްބާއޭ ޔާނާގެ ހިތަށް އަރަމުންދިޔައެވެ. ހައިކަލްގެ ގާތަށް މިންނު ދިޔައީ ކީއްވެތޯ ވެސް ސުވާލު އުފެދިފައި އޮތެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ޔާނާއަށް ނިދުނީ ދަންވި ފަހުންނެވެ. (ނުނިމޭ)