ކުޅިވަރު

ރޮނާލްޑޯ ރެއާލް މޮޅުކޮށް ދީފި، ބާސާއަށް ފަހު ވަގުތު ޕޮއިންޓެއް

Oct 15, 2017

އެތުލެޓިކޯ މެޑްރިޑް އަތުން ފަހު ވަގުތު 1-1 އެއްވަރުވެ، ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ އަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ. ލަލީގާގެ ފުރަތަމަ އަށް މެޗު ކާމިޔާބު ކުރުމުގެ ރެކޯޑު ހަދަން ކޯޗް އެރުނަސްޓޭ އަމާޒު ކުރި ނަމަވެސް އޭނާއާށް ރޭ އެކަން ވާގޮތެއް ނުވި އެވެ.

ކަރީމް ބެންޒެމާ އާއި ކްރިސްޓިއާނޯ ލީގްގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑުތަކުން ގެޓަފޭގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑް މި ވަނީ ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެތުލެޓިކޯގެ އާ ސްޓޭޑިއަމް ވަންޑާ މެޓްރޯޕޮލިޓަނޯ ސްޓޭޑިއަމްގައި ބާސާއިން ކުޅުނު ފުރަތަމަ މެޗުގައި، ތަރިއަކަށްވީ، އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލެކް އެވެ. އޭނާ ވަނީ ބާސާއިން އުފެއްދި ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ. ސައުލް، އެތުލެޓިކޯ އަށް ލީޑް ނަގައިދީފައި ވަނިކޮށް، ބާސާއަށް މެޗުގެ ފަހު ކޮޅު ނަތީޖާ ހަމަހަމަ ކޮށްދިން، ލުއިސް ސުއަރޭޒް ބުނީ ބާސާއަށް މެޗުން ތިން ޕޮއިންޓް ހައްގުވާ ކަމަށާއި ނަމަވެސް އެތުލެޓިކޯގައި ވަރުގަދަ ކީޕަރަކާއި ޑިފެންސެއް އޮތުމުން އެކަން ނުވީ ކަމަށެވެ.

ސައުލް ލަނޑު ޖެހީ، މެޗުގެ 21 ވަނަ މިނެޓްގައެވެ. ޔަނިކް ފިހޭރާ ކަރެސްކޯ ދިން ބޯޅަ އަކުން، އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަކުން ނެވެ. މެޗުގެ 82 ވަނަ މިނެޓްގައި، ޖޯޑީ އަލްބާ ހުރަސް ކޮށްދިން ބޯޅަ އަކުން، ސުއަރޭޒް ލަނޑު ކާމިޔާބު ކުރީ، ބޮލުން ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.

ގެޓަފޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި، ރެއާލްގެ ފޯވަޑުން ކަމަށްވާ، ބެންޒެމާ އާއި ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑު ތަކަކީ، މި ސީޒަންގެ ސްޕެނިޝް ލީގްގައި އެ ދެ ކުޅުންތެރިން ކާމިޔާބު ކުރި ފުރަތަމަ ލަނޑުތަކެވެ.

ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ބެންޒެމާ ވަނީ، ރެއާލް އަށް ލީޑް ނަގައިދީފަ އެވެ.

ނަމަވެސް، ދެ ވަނަ ހާފު ފެށިގެން 11 ވަނަ މިނެޓްގައި، ޖޯޖް މޮލިނާ ވަނީ، ގެޓަފޭއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެމެޗުންވެސް، ރެއާލް އެއްވަރުވެގެން ނިމިދާނެ ކަމަށް މެޗުގެ 80 ވަނަ މިނެޓާ ހަމަޔަށް ދިޔައިރުވެސް ގަބޫލު ކުރެވުނެވެ. ރެއާލް އަށް އުންމީދެއް ގެނެސް ދިނީ އިސްކޯ ދިން ބޯޅަ އަކުން، ރޮނާލްޑޯ މެޗުގެ 85 ވަނަ މިނެޓްގައި ލަނޑު ޖެހުމުން ނެވެ.

ރެއާލް އަށް ދެ ވަނަ މަގާމް ލިބުނީ، ކުރިން ދެ ވަނައިގައި އޮތް ސެވިއްޔާ، އެތުލެޓިކް ކުލަބު އަތުން 1-0 ން ބަލިވުމުން ނެވެ. އެތުލެޓިކްގެ ލަނޑު ކާމިޔާބު ކުރީ، މިކެލް ވެސްގާ އެވެ.

ރެއާލް ދެ ވަނައިގައި އޮތީ، 17 ޕޮއިންޓާއެކު އެވެ. އެއީ އެއް ވަނައިގައި ބާސެލޯނާ އަށް ވުރެ، ފަސް ޕޮއިންޓް ދަށް އަދަދެކެވެ. ބާސާ އެއް ވަނައިގައި އޮތީ، 22 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ، 16 ޕޮއިންޓް ހޯދައިގެން ނެވެ.