ކުޅިވަރު

ނަޕޯލީ މަގާމު ދެމެހެއްޓިއިރު ޔުވެންޓަސްއަށް ޝޮކެއް

Oct 15, 2017

ލާޒިއޯ އަތުން 2-1 ން ބަލިވެ، އިޓަލީގެ ލީގްގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ޔުވެންޓަސް އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ. އަދި ރޯމާގެ މައްޗަށް ރަށުން ބޭރުގައި 1-0 މޮޅުވެ، ނަޕޯލީން ވެސް ވަނީ އެ ޓީމުން އެއް ވަނައިގައި ދަމަހައްޓަމުން އަންނަ މަގާމު ދަމަހައްޓާފަ އެވެ.

ޔުވެންޓަސް އިން ލީޑް ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގައި، ލާޒިއޯ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ، ކުރިން، ޔުވެންޓަސްގެ އެކެޑެމީ ޓީމަށާއި ސީނިއާ ޓީމަށްވެސް ކުޅުނު ޗީރޯ އިމްމޯބިލެ އެވެ.

ޔުވެންޓަސްއިން، ލީޑް ނެގީ، މެޗުގެ 23 ވަނަ މިނެޓްގައި ޑަގްލަސް ކޮސްޓާ ކާމިޔާބު ކުރި ލަނޑުން ނެވެ. ކޮވަޑްއޯ އަސަމޯއޯ ޕެނަލްޓީ އޭރިއާގެ އަރިމަތިން، އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ ސާމީ ކެދީރާ ގޯލައާ އަމާޒުކޮށް ފޮނުވާލުމުން، ލާޒިއޯގެ ކީޕަރު، ތޯމަސް ސްޓަރަކޮޝާ ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ، ޑަގުލަސް ވަނީ އެއްފަހަރުން ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

އިމްމޯބިލެ، ލާޒިއޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 47 ވަނަ މިނެޓްގައި، ލުއިސް އަލްބާޓޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.

އޭނާ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ނެވެ. އެ ޕެނަލްޓީ އަކީ އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް، ޔުވެންޓަސްގެ ކީޕަރު ޖިއާން ލުއީޖީ ބުފޮންގެ ކައިރިން ނައްޓާލުމަށްފަހު ދާން އުޅުމުން، ބުފޮން، އިމްމޯބިލެ ޕެނަލްޓީ އޭރިއާތެރެއަށް ވައްޓާލުމުން ދިން ޕެނަލްޓީ އެކެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި، ޔުވެންޓަސް އަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. ޕައުލޯ ޑިބާލާ ފޮނުވާލި ޕެނަލްޓީ ލާޒިއޯގެ ކީޕަރު ސްޓަރަކޮޝާ ވަނީ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.

ރޯމާއާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗުގައި، ނަޕޯލީ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ލޮރެންޒޯ އިންސީނިއްޔާ އެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ، 24 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ އިންޓަ މިލާން އެވެ. ތިން ވަނައިގައި ލާޒިއޯ އާއި ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށްވެސް ޕޮއިންޓް ލިބިފައި ވަނީ އިންޓައާ އެއް އަދަދަކަށެވެ. ތިން ޓީމަށްވެސް 19 ޕޮއިންޓެވެ.

ލީގްގައި. މިރޭވެސް ފޯރިގަދަ މެޗެއް ކުޅެވިގެން ދާނެ އެވެ. މިލާން އަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އިންޓަ މިލާން އާއި އޭސީ މިލާން ކުޅޭ މެޗު، ފަށާނީ ރާއްޖޭ ގަޑިން، މިރޭ 11:45 ގަ އެވެ.