ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ރައްކާތެރި 11 ސިޓީ

Oct 16, 2017
11

ސިޓީތައް ބޮޑެތިވެފައި އާބާދީ އިތުރުވުމަކީ ކުށްކުރަން މީހުންނަށް ދޭ ލައިސަންސް އެއް ނޫނެވެ. އެތަނެއް ނުރައްކާވަނީ އަދި ރައްކާތެރި ތަނަކަށް ބަދަލުވަނީ ވެސް އެތަނެއްގައި ދިރިއުޅޭ ބައެއްގެ ސަބަބުންނެވެ.

މިގޮތުން ދުނިޔޭގެ ވެސް ބޮޑެތި ސިޓީތަކުގައި ކުށްކުރުން އާންމުވެ ނުރައްކާވި ފަދައިން ކުށްމަދު ރައްކާތެރި ބޮޑެތި ސިޓީތައް ވެސް އެބަހުއްޓެވެ. އެފަދަ ރައްކާތެރި 60 ސިޓީ އެއް ދި އިކޮނަމިސްޓްސް 2017 ސޭފެސްޓް ސިޓީސް އިންޑެކްސް އިން ވަނީ އާންމުކޮށްފަ އެވެ.

ރައްކާތެރި 60 ގައުމު ހޮވާފައިވަނީ އެ ސިޓީތަކުގައި ކުށުގެ ވެއްޓާއި، ޓެރަރިޒަމާއި، ސިއްހީ ރައްކާތެރި ކަމާއި ޑިޖިޓަލް ސެކިއުރިޓީގެ ކަންކަމަށް ބެލުމަށްފަހު އެވެ. މީގެ އިތުރުން ވެސް އިމާރާތް ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރުގެ އިތުރުން މަގުމަތީގެ ސަލާމަތްތެރި ކަމަށް ވެސް މާކްސް ދީފައިވެ އެވެ.

ރައްކާތެރި ސިޓީ ތަކުގެ ލިސްޓްގައި ޖަޕާނާއި އޮސްޓްރޭލިއާގެ ދެ ސިޓީ އެއް ވަނީ ޖާގަ ހޯދާފަ އެވެ.

ލިސްޓްގެ 11 ވަނައިގައި އޮތީ ޖާމަނީގެ ފްރެންކްފާޓް އެވެ. ސްވިޒަލެންޑްގެ ޒިއުރިކް އޮތީ މި ލިސްޓްގެ 10 ވަނައިގަ އެވެ.

ޗައިނާގެ ހޮންކޮންގް ލިސްޓުގެ ނުވަ ވަނައިގަ އޮތް އިރު އަށް ވަނައިގަ އޮތީ ސްވިޑަންގެ ސްޓޮކްހަމް އެވެ. އަދި ސްޓޮކްހަމް އާ ޖެހިގެން ހަތް ވަނައިގަ އޮސްޓްރޭލިއާގެ ސިޑްނީ އޮތް އިރު، ނެދަލެންޑްގެ އެމެސްޓެޑަމް އޮތީ ހަ ވަނައިގަ އެވެ.

އެންމެ ރައްކާތެރި 11 ސިޓީގެ ފަސް ވަނައިގައި އުޅެނީ އޮސްޓްރޭލިއާގެ މެލްބާން އެވެ. ކެނެޑާގެ ޓޮރޮންޓޯއަށް ހަތަރު ވަނަ ލިބޭއިރު، ތިނަ ވަނައިގަ އޮތީ ޖަޕާންގެ އޮސާކާ އެވެ.

ދެ ވަނަ ސިންގަޕޫރަށް ލިބޭއިރު، އެއްވަނަ ގައި އޮތީ ޖަޕާނުގެ ޓޯކިޔޯ ސިޓީ އެކެވެ.