ދުނިޔެ

އަނިޔާކުރުން ހުއްޓުވުމަށް ގާނޫނުތައް ފާސްކުރުމަށް ހިލަރީ ގޮވާލައްވައިފި

ހިލަރީ ވިދާޅުވަނީ "އަނިޔާކުރާ ގައުމެއްގެ" ލަގަބު ބޭނުން ނޫން ނަމަ އެފަދަ އަމަލުތައް ހުއްޓުވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ރައީސް ބަރަކް އޮބާމާ އަތާ އަތް ގުޅާލައިގެން ގާނޫނުތަކެއް ފާސްކުރަން ޖެހިފައިވާ ކަމަށެވެ. ހިލަރީ މިހެން ވިދާޅުވެފައި ވަނީ ރޮބަޓް އެފް ކެނެޑީ ސެންޓަ ފޯ ޖަސްޓިސް އެންޑް ހިއުމަން ރައިޓްސްގެ އެވޯޑާ ހަވާލުވެ ވަޑައިގަތުމަށް ފަހު ދެއްވި ތަގުރީރެއްގަ އެވެ.

ހިލަރީ މި ގޮތަށް ވާހަކަ ދެއްކެވުމަކީ އެކަމަނާ އަށް ސިޔާސީ ގޮތުން ފައިދާކުރާނެ ކަމެއްކަން ޔަގީނެވެ. ހިލަރީ އަކީ ޑިމޮކްރެޓިކް ޕާޓީގެ ރިއާސީ ޓިކެޓް 2016 ވަނަ އަހަރު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ފަރާތެވެ.

އެމެރިކާ އިން ތަހުގީގީ މަރުހަލާގައި ގައިދީންނަށް އަނިޔާކުރާ މައްސަލައާ ގުޅުވައިގެން ހިލަރީ އިތުރަށް ވިދާޅުވެފައި ވަނީ ބޭކާރު އަނިޔާ މީހުންނަށް ނުކުރިޔަސް ޓެރަރިސްޓުންނާއި އެހެން ކުށްވެރިންގެ ކިބައިން ވެސް އެމެރިކާ އާއި އެމެރިކާގެ ރައްޔިތުން ސަލާމަތްކުރެވިދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ހިލަރީ ވަނީ އެމެރިކާގައި މި ދުވަސްކޮޅު އެންމެ ބޮޑަށް ހޫނުވެފައި އޮތް ނަސްލީ މައްސަލަ އަށް ވެސް އަލި އަޅުއްވައިފަ އެވެ. އެމެރިކާގެ ފާގަސަންގައި ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ ޒުވާނަކު މަރާލި މައްސަލައަކާ ގުޅިގެން ކަޅު މީހުންނާއި ދޮން މީހުންގެ މެދުގައި މި ދުވަސްކޮޅު އޮތީ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.