ބޮލީވުޑް

ރަންބީރު ކުޅުނު އެއްވެސް ފިލްމެއް ބައްޕައަށް ކަމަކުނުދޭ

Apr 26, 2015

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ވިދާ ތަރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރަންބީރު ކަޕޫރު މިހާތަނަށް ކުޅެފައިވާ ފިލްމުތަކުން ވަނީ އޭނާގެ ޖާދޫގައި އެތަކެއް ލައްކަ ފޭނުންނެއް ޖައްސާފަ އެވެ.

"ރޮކް ސްޓާ" އަދި “ބަރްފީ" ފަދަ ފިލްމުތަކުގައި ދައްކުވައިދީފައިވާ އެކްޓިން އަކީ ބެލުންތެރިންގެ ތައުރީފު އަދިވެސް ރަންބީރަށް އޮހޭ ފަދަ މޮޅު އެކްޓިން އެއް ދައްކުވައިދީފައިވާ ފިލްމުތަކެކެވެ.

ދެހާސް ހަތް ވަނަ އަހަރު ނިކުތް "ސާވަރިޔާ" އިން ބޮލީވުޑަށް ތައާރަފްވި ރަންބީރުގެ ފިލްމީތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ އެތަކެއް ލައްކަ މީހުންނެއް ތިބިއިރު، ރަންބީރު ކުޅޭ އެއްވެސް ފިލްމެއް ކަމުނުދާ ކަމަށް ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ވަނީ ބުނެފަ އެވެ.

ރިޝީ ކަޕޫރު އާއި ނީތޫ އަދި ރަންބީރު ވަނީ 2013 ވަނަ އަހރު ނިކުތް "ބޭޝަރަމް" އިން އެކުގައި ފެނިގެން ގޮސްފަ އެވެ.

ރަންބީރުގެ އެކްޓިންއާ މެދު އެއްޗެއް ބުނަން އެންމެ ރަނގަޅު ފަރާތަކީ އޭނާ ނޫންކަމަށް ބުނަމުން ރިޝީ ބުނީ ރަންބީރު ކުޅޭ އެއްވެސް ފިލްމެއް އޭނާއަށް ކަމުނުދާކަމަށެވެ.

"ރަންބީރުގެ ފިލްމުތައް އަހަންނަށް ކަމުނުދާތީ އޭނާ ފިލްމުތައް ނުވެސް ދައްކާނެ،" ރިޝީ ބުންޏެވެ.

މީގެއިތުރުން ރިޝީ ބުނީ އޭނާ ރަންބީރުގެ ފިލްމުތައް ކަމުނުދާ ވާހަކަ ބުނުމުން ރަންބީރު އެކަމާ ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް އޭނާ އަކީ ރަންބީރުގެ ފިލްމުތަކަށް ފާޑުކިޔުމުން ހިތްހަމަނުޖެހިދާނެތީ ނުބެނެ ހުންނާނެ މީހެއް ނޫންކަމަށެެވެ. އެފަދަ ވާހަކަތަށް ދެއްކުމުން ރަންބީރު ހިތްހަމަ ނުޖެހޭތީ އޭނާ ރުޅި އަންނަ ކަމަށް ވެސް ރިޝީ ވަނީ ބުނެފަ އެވެ.

މިހާރު މިކަމާ އިތުރަށް ވިސްނަން ބޭނުންނުވާ ކަމަށް ބުނަމުން ރިޝީ ބުނީ އޭނާ ދޭ ނަސޭހަތުގައި ރަންބީރު ހިފާ ނަމަ ރަންބީރަކީ ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ތަރި އަށް ވާނެ ކަމަށެވެ.

ރަންބީރަކީ ގިނަ ބައެއްގެ ލޯބި ލިބި އަދި ގިނަ ބަޔަކު އޭނާގެ މަސައްކަތްތަށް ބަލައިގެންފައިވާ މޮޅު އެކްޓަރެއްކަމަށް ވެސް ރިޝީ ބުންޏެވެ.

ރިޝީގެ ޓުވިޓާގެ ބަޔޮގްރަފީގައި އޭނާ ސިފަކޮށްފައިވަނީ ވެސް މަޝްހޫރު ކުއްޖެއްގެ ބައްޕައެއްގެ ގޮތުގަ އެވެ.

ރަންބީރު އާއި ލޯބިވެރިޔާ ކެޓްރީނާ މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން އެކުގައި ދިރިއުޅެން ފެށުމުންވެސް ރިޝީ އާއި ރަންބީރުގެ ގުޅުންވަނީ ވަރަށް ގޯސްވެފަ އެވެ. އެހެންކަމުން މިހާރު ރިޝީ އާއި ނީތޫ އަންނަނީ އެމީހުން ދިރިއުޅޭ ގޭގެ އެއްފަޅީގައި ރަންބީރުއަށް ވަކިން ދިރިއުޅޭވޭނެ ގޮތަށް ގެއެއް އިމާރާތްކުރަމުންނެވެ.

ރަންބީރު ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ރޯއި" އިންނެވެ. މިފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިނުވާ އިރު، ރަންބީރު ލީޑްރޯލުން ފެނިގެންދާ "ބޮމްބޭ ވެލްވެޓް" އަންނަ މަހުގައި ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޑައިރެކްޓަރު އިމްތިޔާޒް އަލީގެ "ތަމަޝާ"ގެ މަންޒަރުތައް މިހާރު ޝޫޓްކުރަމުން އަންނަ އިރު، މިފިލްމުގައި ރަންބީރު އާއިއެކު ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އެވެ. މީގެއިތުރުން ރަންބިރު އާއި ލޯބިވެރިޔާ ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ "ޖައްގާ ޖާސޫސް" މިއަހަރުގެ ނޮވެމްބަރު ފަހުކޮޅުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިފިލްމު ޕްރޮޑިއުސްކޮަށްފައިވަނީ ރަންބީރު ކަޕޫރު އާއި ޑައިރެކްޓަރު އަނޫރާގް ބާސޫގެ ޕްރޮޑަކްޝަން ހައުސްކަމަށްވާ ޝޫރޫ ޕްރޮޑަކްޝަންގެ ފަރާތުންނެވެ.