އިޓާލިއަން ސެރިއާގައި މިލާންއާއި އިންޓާ ބައްދަލުކުރި މިލާން ޑާބީ އިންޓާއިން ކާމިޔާބުކޮށްފިއެވެ. މިމޮޅާއެކު އިންޓާ މިވަނީ ލީގުގެ އެއްވަނައިގައި އޮތް ނަޕޮލީއާއި ދެޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. މިލާން މިރޭގެ މެޗުން ބަލަިވުމާއެކު މިވަނީ ލީގުގެ 10 ވަނަ މާގާމަށް ވެއްޓިފައެވެ. މިލާންއަށް 12 ޕޮއިންޓް ލިބިފައިވާއިރު އިންޓާއަށް އޮތީ 22 ޕޮއިންޓް ލިބިފަ އެވެ.
މެޗު ކޮންޓްރޯލްކޮށްގެން މިލާންއިން ކުޅުނުނަމަވެސް އިންޓާއިންވަނީ ކައުންޓާ އެޓޭކުގައި މިލާންގެ ގޯލަށް ނުރައްކާކޮށްފައެވެ. އިންޓާގެ ކެޕްޓަން މައުރޯ އިކާޑި ވަނީ މިރޭގެ މެޗުގައި ހެޓްރިކް ހަދައި އިންޓާ ސަޕޯޓަރުންގެ ލޯބި އަލުން ހޯދާފައެވެ. އިންޓާގެ ކެޕްޓަން އިކާޑިއާއި ސަޕޯޓަރުންނާއި މެދު ފަހަކަށްއައިސް އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ 28 ވަނަ މިނިޓުގަ އިކާޑިގެ ފަރާތުންނެވެ. މިގޯލަކީ އިންޓަގެ ވިންގަރު އެންޓޯނިއޯ ކަންޑްރޭވާ ދިން ބޯޅަ އަކުން އިކާޑި ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ނަތީޖާ ނޫން ހުރިހާ ގޮތަކުން ކުރީގައި އުޅުން މިލާންއިން މެޗުގެ ނަތީޖާ އެއްވަރުކުރީ 56 ވަނަ މިނިތުގައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޯށްދިނީ ފޯވާޑް ސޫސޯއެވެ. ސޫސޯ އޭރިއާ ބޭރުން އިންޓާގެ ގޯލްގެ ދުރުކަނަށް ފޮނުވާލައިފައިވަނީ ހިތްގައިމު ބޯޅައެކެވެ.
މިލާންއިން މެޗުގެ ނަތީޖާ އެއްވަރުކުރިތާ 7 މިނިޓުފަހުން އިންޓާއިން އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. މިގޯވެސް އިކާޑީ ކާމިޔާބުކުރީ މިޑްފިލްޑަރު އިވާން ޕެރިސިޗް ދިން ބޯލާއަކުންނެވެ.
އިންޓާއިން ލީޑު ނެގުމާއެކު މިލާއިން އިތުރަށް ކުރިއަށް ޖައްސައިގެން ކުޅެ ނަތީޖާ ހަމަހަމަ ކުރިއެވެ. ފަބިއަން ބޮރީނީ ނަގައިދިން ހުރަހެއް ބޮނަވެންޓޫރާ ވެއްޓިގެން ފައިން ގޯލްގެ ދަނޑިއާއި ކީޕަރާއި ދޭތެރެއަށް ފޮނުވާލައިގެންނެވެ. އިންޓާގެ ކީޕަރު ހަންޑަނޮވިޗް ބޯޅަ އަތުން ޖައްސައި ބޭރުކޮށްލި ނަމަވެސް ބޯޅަ އޮތީ ގޯލް ރޮންގު ހުރަސްކޯށްފަ އެވެ.
މެޗުގެ 90 ވަނަ މިނިޓުގައި އިންޓާއިން ނެގި ކޯނަރެއްގައި އިންޓާގެ ކުޅުންތެރިއެއް ގައިގައި ހިފެހެއްޓިކަމަށް ބަލައި ރެފްރީވަނީ މިލާންގެ ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒްއަށް ރީދޫ ކާޑު ދައްކައި އިންޓާއަށް ޕެނެލްޓީއެއް ދީފަ އެވެ.
ޕެނެލްޓީގައި ކެޕްޓަން އިކާޑީވަނީ ކީޕަރު ޑޮނަރޫމާ ނުބައި ފަޅިއަށް ފޮނުވާލުމަށްފަހު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. ރެފްރީ މެޗު ނިންމާލުމުން މިލާންގެ ބައެއް ކުޅުންތެރިންވަނީ ރެފްރީ ކާރިއަށްގޮސް އޭނާގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.