ހޮލީވުޑް

ޖޯކާގެ ގޮތުގައި ޖޭރެޑް ލެޓޯ ދައްކާލައިފި

ނަމަވެސް މިއީ ބޮޑުސްކްރީނުން ޑީސީ ކޮމިކްސްގެ މި ނުބައިނުލަފާ ކެރެކްޓާއާ ދަންނަ ފަރާތްތަކަށް އެހާ ފަރިތަ ޖޯކާ އަކަށް ނުވެދާނެ އެވެ. އެހެންވީމަ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ސުޕަހީރޯ ފިލްމު "ސުއިސައިޑް ސްކޮޑް" އިން ބެލުންތެރިންނާ ބައްދަލުކުރާނީ މީގެ ކުރިން ބޮޑު ސްކްރީނަށް ނާންނަ ސިފައެއްގެ ޖޯކާ އެކެވެ.

"ސުއިސައިޑް ސްކޮޑް" އަށް އަންނަ ޖޯކާގެ ތަފާތު ސިފައާ އެކު އެކްޓަރު ޖޭރެޑް ލެޓޯ ދައްކާލާފައި މި ވަނީ މި އާދަޔާހިލާފު ކެރެކްޓާގެ 75 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. ޖޯކާގެ މި ސިފައާ އެކު ފިލްމު ބެލުންތެރިންނަށް ބޮޑު ސިހުމެއް ލިބިގެން ދިޔަ ނަމަވެސް ޑީސީ ކޮމިކް ފޮތްތަކާ ރައްޓެހި ފަރާތްތަކަށް މި ޖޯކާގެ ސިފަ ބީރައްޓެއްސެއް ނޫނެވެ.

ބޮޑު ސްކްރީނަށް މިފަހަރު ތައްޔާރުކޮށްފައި އެ ވަނީ ކޮމިކް ފޮތްތަކުން އާންމުކޮށް ފެންނަ ވައްތަރުގެ އަދި އެ ފޮތްތަކުން ފެންނަ ޖޯކާގެ ސިފަ ޖެހިފައިވާ ޖޯކާ އެކެވެ.

ދެން އޮތް ސުވާލަކީ ޖޯކާގެ ގޮތުގައި ޖޭރެޑް ލެޓޯ އަށް ބެލުންތެރިން ހެއްވާލެވިދާނެތޯ ނުވަތަ ބިރުގަންނުވާލެވިދާނެތޯއާ މެދު ކުރެވޭ ސުވާލެވެ. ސަބަބަކީ ޑީސީ ކޮމިކްސްގެ މި ކެރެކްޓާ، ސިނަމާގެ ދުނިޔެއާ ރައްޓެހި ބެލުންތެރިންގެ ފެވަރިޓަކަށް ވެފައި އެންމެފަހުން މި ކެރެކްޓާ ކުޅުނު އެކްޓަރު ނިކަށް މޮޅަށް މި ރޯލު ކުޅެ އޮސްކާއެއް ވެސް ހާސިލުކޮށްފައިވާތީ އެވެ.

އެހެންވީމަ "ދަ ޑާކް ނައިޓް" ގައި ހީތު ލެޖާގެ އާދަޔާހިލާފު ހުނަރުން ދިރުން ގެނުވި ފެންވަރުގެ ޖޯކާއަކަށް ލެޓޯއާ އެކު "ސުއިސައިޑް ސްކޮޑް" ގެ ޖޯކާ ވެދާނެތޯ މިއީ ކުރެވޭ ސުވާލެކެވެ.

ލެޓޯގެ ވާހަކަ ދައްކާއިރު އޭނާ ވެސް ވަނީ ހީތު ލެޖާ ކާމިޔާބުކުރި ކެޓަގަރީން އޮސްކާއެއް ކާމިޔާބުކޮށްފަ އެވެ. އެއީ މި ރޯލެއް އޭނާ އަށް ލިބުމުގެ ކުރިން ކުޅުނު ފިލްމު "ޑަލަސް ބަޔާސް ކްލަބް" ގައި އަންހެން-ފިރިހެނެއްގެ ރޯލު ކުޅެގެންނެވެ. އޭނާ ޖޯކާގެ ރޯލަށް ތައްޔާރުވާން ފެށީ އެ ފިލްމުން ހާސިލުކުރި އޮސްކާ އެވޯޑްގެ ހޫނުކަންމަތީގަ އެވެ.

އެހެންވީމަ ހީތު ލެޖާ އަށް ފަހު ޖޯކާގެ ރޯލަށް ލެޓޯ ހަމަޖެއްސުމުގެ ބޭނުމެއް ވެސް އެބައޮތެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް ޖޯކާގެ ރޯލު ކުޅޭނީ ލެޓޯކަން އިއުލާނުކުރި ހިސާބުން ވެސް މި ކެރެކްޓާގެ ފޭނުން ތިބީ އެކްސައިޓްވެފަ އެވެ. ބެން އެފްލެކަށް ބެޓްމޭންގެ ރޯލު ދީގެން މީހުންތައް ރުޅިއަރައިގަނެގެން އުޅުނު ގޮތަކަށް އެއްވެސް ބަޔަކު ވައްތަރެއް ނުޖައްސަ އެވެ.

ފަހަރެއްގައި ލެޓޯ ސަލާމަތްކުރީ އޭނާ އަށް ލިބުނު އޮސްކާ އެވެ. ނުވަތަ "ފައިޓް ކްލަބް" އާއި "ރިކްއިއެމް ފޯ އަ ޑްރީމް" އާއި "ޗެޕްޓާ 27" އަދި "ލޯޑް އޮފް ވޯ" ކަހަލަ ފިލްމުތަކުގައި ދައްކުވައިދީފައިވާ ހުނަރެވެ.

އެންމެން ވެސް ބުނަނީ ޖޯކާގެ ރޯލަށް ލެޓޯ ކަމުދާ ކަމަށެވެ. އެހެންވީމަ ޖޯކާގެ ގޮތުގައި ލެޓޯ އެހެރީ ބެލުންތެރިންގެ ކުރިމައްޗަށް ނުކުމެ އެވެ. އިންސާފުކުރައްވާށެވެ.

ނަމަވެސް އާންމުކޮށްފައިވާ ފޮޓޯއިން ލެޓޯ ފެންނަން ހުރި ގޮތަކީ ކުރިއަށް އޮތް ފިލްމުގައި ޖޯކާ އެންމެފަހުން ފެނިގެންދާނެ ފައިނަލް މޭކަޕްކަން އަދި ޔަގީނެއް ނުވެ އެވެ.

އެހެންނަމަވެސް "ސުއިސައިޑް ސްކޮޑް" އަކީ އިންތިޒާރުނުކޮށް ދޫކޮށްލާވަރުގެ ފިލްމެއް ނޫނެވެ. ފިލްމުގައި ޑެޑްޝޮޓްގެ ރޯލުން ފެނިގެންދާނީ ވިލް ސްމިތެވެ.

ފިލްމުގެ ޑައިރެކްޓަރަކީ "އެންޑް އޮފް ވޮޗު" އާއި "ފިއުރީ" ފަދަ އާދަޔާހިލާފު ފިލްމުތައް ގެނެސްދީފައިވާ ޑޭވިޑް އަޔާ އެވެ. އޭނާގެ މި ފިލްމު ސިނަމާތަކަށް ނުކުންނާނީ އަންނަ އަހަރުގެ އޯގަސްޓް މަހު އެވެ.