ކުޅިވަރު

މޮރީނިއޯ ބާސާއާ ހަވާލުނުވި ސަބަބު އަދި ހާމަ ކުރާނެ

Oct 16, 2017
1

އެފްސީ ބާސެލޯނާގެ ހެޑް ކޯޗް ކަމާ ހަވާލުނުވި ސަބަބު މިވަގުތު ހާމަ ކުރަން އެ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް އަދި މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯ ދެކޮޅު ހަދައިފި އެވެ.

ފްރާންސްގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުނީ، ބާސާއާ ހަވާލު ނުވި ސަބަބު އަދި ކޮންމެވެސް ދުވަހަކުން އޭނާ ހާމަ ކުރާނެ ކަމަށެވެ.

މޮރީނިއޯ ވަނީ، ބާސާއަށް ކޯޗް ކޮށްދިން އިނގިރޭސި، ކޯޗް ބޮބީ ރޮބްސަން އެޓީމަށް ކޯޗް ކޮށްދިންއިރު، އޭނާގެ އެސިސްޓޭންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި ބާސެލޯނާގެ ކުރީގެ ކޯޗް ހޮލެންޑްގެ ފްރޭންކް ރައިކާޑްގެ ޓީމު ދޫކޮށްލުމުން ބާސެލޯނާގެ ކޯޗަކަށް ގެނައުމަށް އެ ޓީމުގެ ބޯޑުން ޝޯޓްލިސްޓް ކުރީ މޮރީނިއޯގެ ނަމެވެ. ނަމަވެސް މޮރީނިއޯ ގެންނަން ދެކޮޅު ހެދީ، ބާސާގެ އޭރުގެ ރައީސް ހުއާން ލަޕޯޓާ އެވެ. ލަޕޯޓާ ބޭނުންވީ، ސީނިއާ ޓީމެއްގެ ކޯޗިން ތަޖުރިބާއެއް ނެތަސް ބާސާގެ ކޯޗް ކަމަށް ބާސާގެ އެކެޑެމީ ޓީމުގެ އޭރުގެ ކޯޗް ޕެޕް ގާޑިއޯލާ ގެންނާށެވެ.

"މިއީ އަހަރެންގެ ކެރިއާ ގުޅުން ހުރި ކަންކަން އަހަރެން އިހްތިޔާރު ކުރަނީ އެކަން އަހަންނާ ހަމައިގައި އެކަނި ބާއްވާން،" ބާސާގެ ކޯޗް ކަމާ ހަވާލުވާން އުޅޭ ކަމުގެ ވާހަކަ ދެކެވި ހަވާލު ނުވީ ކީއްވެތޯ ސުވާލު ކުރުމުން، މޮރީނިއޯ ބުންޏެވެ. "ފަހަރެއްގައި އެކަން އަހަރެން ހާމަ ކޮށްފާނަން ފަހުން، އަހަރެން ވަރަށް މުސްކުޅި ވީމަ."

"ސްޕެޝަލަ ވަން" ގެ ގޮތުގައި އިނގިރޭސި މީޑިއާއިން ސިފަ ކުރާ، މޮރީނިއޯ ބުނީ ޔުނައިޓަޑާއި ހަމައިން އޭނާގެ ކޯޗިން ކެރިއާ ނުނިމޭނެ ކަމަށެވެ. ޕީއެސްޖީއާ ހަވާލު ވެދާނަންތޯ ސުވާލު ކުރުމުން މޮރީނިއޯ ސީދާ އެ ސުވާލަށް ޖަވާބެއް ނުދެ އެވެ.

"އަހަންނަށް ހަމައެކަނި ބުނެވެން އޮތް އެއްޗަކީ އަހަރެންނަކީ އުންމިދެއް އޮވެގެން އަދި އާ ކަންކަން ކުރަން ބޭނުންވާ ކޯޗެކޭ،" އޭނާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އަހަންނަށް ޔަގީން މެންޗެސްޓާ ޔުނައިޓަޑާ ހަމައިން އަހަރެންގެ ކެރިއާ އަހަރެން ނިންމާ ނުލާނެކަން."

އޭނާ ބުނީ ލަންޑަންގައި ދިރިއުޅެމުންދާ އޭނާގެ ދަރިފުޅުން އެންމެ ފަހުން ވެސް މެޗު ބަލަން ދިޔައީ ޕެރިސް އަށް ކަަމަށާއި މެންޗެސްޓާ އަށް ނޫން ކަމަށެވެ. އެކަމާ ގުޅުވައި އަދި އޭނާ ވަނީ ޕީއެސްޖީ އަށް ތައުރީފް ކޮށްފަ އެވެ.

"ކީއްވެ ޕީއެސްޖީ މެޗު ބަލަން ޕެރިހަށް، ސަބަބަކީ އެ ޓީމުގައި ހާއްސަ ކަމެއް ހިމެނޭތީ، ޖާދޫ އާއި ކޮލިޓީ ޒުވާނުން ހިމެނޭތީ އޭތި ވަރަށް ފުރިހަމަ ކަމުން."

ޕޯޓޯ އާއި ބާސެލޯނާ އަދި ބެންފީކާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، މޮރީނިއޯގެ ސީނިއާ ކެރިއާ ފެށިގެން އަންނަނީ ބެންފީކާގެ ހެޑް ކޯޗްގެ ގޮތުގަ އެވެ. ނަމަވެސް ކޯޗެއްގެ އޭނާގެ ކާމިޔާބު ފެށިގެން އަންނަނީ ޕޯޓޯއިން ނެވެ. ޕޯޓޯ އަށް 2004 ވަނަ އަހަރު ޕޯޗްގަލްގެ ލީގް ހޯދައިދީ، ޗެމްޕިއަންސް ލީގްވެސް ކާމިޔާބު ކޮށް ދިނެވެ.