ދުނިޔެ

ނޭޕާލް: ބިންހެލުމުގެ ނުރައްކާ ބޮޑު، އިމާރާތްތައް ނިކަމެތި

ނޭޕާލަށް 7.8 މެގްނިޓިއުޑްގައި އިއްޔެ އައި ވަރުގަދަ ބިންހެލުމުގެ ސަބަބުން ދޮޅު ހާހެއްހާ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. ގިނަ މީހުން މަރުވެފައި ވަނީ ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ސަބަބުންނެވެ. ބިންހެލުން އައި ހިސާބުގެ އިމާރާތްތައް ބިމާ ހަމަވެފައި ވާއިރު މިއީ ބިންހެލުމުގެ ނުރައްކާ އޮތް ނޭޕާލަށް ތަޖުރިބާކުރަންޖެހިދާނެ ހާލަތެއް ކަމަށް ތަޖުރިބާކާރުން ކުރިން ވެސް އިންޒާރު ދީފައިވެ އެވެ. އިމާރާތްކުރުމުގައި ފެންވަރު ދަށްވުމުން، ބިންހެލުންތަކުން ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށް ބުނަމުން ދިޔަ އެވެ.

ބިންހެލުންތައް ދިރާސާކުރާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ އިއްޔެގެ ބިންހެލުމުގައި އެހާ ގެއްލުން ބޮޑުވީ ބިންހެލުން އުފެދުނު ދިމާލަކީ ގިނަ އަދަދަކަށް މީހުން އުޅޭ ހިސާބަކަށްވުން ކަމަށެވެ. އެކަމަކު އެ އިދާރާ އިން ބުނީ މިއީ ނޭޕާލަށް އައި އެންމެ ބާރުގަދަ އަދި އެންމެ ގެއްލުން ބޮޑު ބިންހެލުން ވެސް ނޫން ކަމަށެވެ.

ޔޫއެސްޖީއެސް އިން ބުނީ 1934 ވަަނަ އަހަރު ނޭޕާލު ސަރަހައްދަށް އަައި ބިންހެލުމެއްގައި 10،600 މީހަކު މަރުވެފައިވާ ކަމަށް ބެލެވިފައިވާ ކަަމަށެވެ. އަދި 1988 ވަނަ އަހަރު އައި ބިންހެލުމެއްގައި ވެސް ދޮޅު ހާސް މީހުން މަރުވެފައިވެ އެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވަނީ ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ފަރުބަދަމަތީ ހިސާބެއްގައި ނޭޕާލު އޮތް ނަމަވެސް ބާރުގަދަ ބިންހެލުންތައް އެ ގައުމަށް އާންމު ކަމަަށް ބެލެވެން ނެތް ކަމަަށެވެ. މެގްނިޓިއުޑް 6 ނުވަތަ އެއަށް ވުރެ މަތިން މިދިޔަ 100 އަހަރު ތެރޭ ނޭޕާލަށް ބިންހެލުން އައިސްފައި ވަނީ އެންމެ ހަތަރު ފަހަރު އެވެ. އެކަަމަކު ކޮންމެ ބިންހެލުމެއްގައި ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

ބިންހެލުމުގެ ފުރުސަތު ބޮޑު ގައުމުތަކުގައި އިމާރާތްކުރާއިރު އެކަމަށް ސަމާލުކަން ނުދޭ ނަމަ، ބިންހެލުންތަކުގައި މީހުންނަށް ލިބޭ ގެއްލުން އެތައް ގުނަޔަކަށް ބޮޑުވެގެން ދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުންދެ އެވެ. ނޭޕާލަކީ ވެސް މިފަދަ ގައުމަކަށް ވުމުން ޔޫއެސްއެއިޑުން ކުރިންސުރެ ވެސް އަންނަނީ، ބިންހެލުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަވާ ގޮތަށް އިމާރާތްކުރުމާ ބެހޭ ބިލްޑިން ކޯޑެއް އެކުލަވާލުމުގެ މަސައްކަތް ނޭޕާލު ސަރުކާރާ ގުޅިގެން ކުރަމުންނެވެ. އަދި ބިންހެލުމުގެ ވަގުތުގައި އާންމުން އަމަލުކުރަންވީ ގޮތާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް މަސައްކަތް ކުރުމަށް ނިންމާފައިވެ އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ބިންހެލުމެއް އަތުވެދާނެ ކަމަށް ތައްޔާރުވެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން، ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޮޑު ކަމަށެވެ.

"ކަތުމަންޑޫގައި އުޅޭ ތިން މިލިއަން މީހުންގެ އާބާދީ އަށް ބަލައި، ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ އެ ސިޓީން އެކަނި ވެސް 100،000 އަށް ވުރެ ގިނަ މީހުން މަރުވެ 300،000 މީހުން ޒަހަމްވެ، 1.6 މިލިއަން މީހުން ހާލުގައި ޖެހޭނެ ކަމަށް ބެލެވެ އެވެ." ރިޕޯޓްގައި ބުނެފައިވެ އެވެ.

ޖިއޯހަޒާޑް އިންޓަނޭޝަނަލް އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކަތުމަންޑޫ ސަރަހައްދުގައި ކޮށްފައިވާ އިމާރާތްތަކުގެ ތިން ބައިކުޅަ ދެ ބަޔަކީ ބިންހެލުންތަކުން ލިބިދާނެ ގެއްލުމަކަށް ނުބަލައި، އެކަށީގެންވާ މިންގަނޑަށް ވުރެ ދަށްކޮށް ހަދާފައިވާ ތަންތަނެވެ. އަދި އާބާދީ އިތުރުވަމުން ދާއިރު، ހަރުދަނާ ޕްލޭނެއް ނެތި ވަޒަންވެރިވުން ވެފައި ވަނީ އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމުގެ މަައިގަނޑު ސަބަބަށެވެ. މި މައްސަލަތައް ފާހަގަކޮށް ޖިއޯހަޒާޑުން ވެސް ނޭޕާލު ސަރުކާރަށް ކަރުދާހެއް ހުށަހަޅާފައިވެ އެވެ.

ފޯރުންތެރިކަން ކުޑަ ނޭޕާލަށް މި މައްސަލަތައް ހައްލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކި ފަރާތްތަކުގެ އެހީތެރިކަން ލިބުނު ކަމުގައި ވިޔަސް، ހަމަޖެހޭ ސަރުކާރެއް ގާއިމު ނުކުރެވި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ގައުމު އޮވެ ސުންނާފަތިވަނީ އެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތައް ހުރީ ހުރިގޮތަށެވެ.