ކުޅިވަރު

ރެއާލް މެޑްރިޑަށް "ހަރިކޭން" ގެ އިންޒާރު

Oct 17, 2017

މޫސުން ލަފާ ކުރެވޭ ގޮތުގައި ރާއްޖޭ ގަޑިން މިރޭ 11:45 ގައި ރެއާލް މެޑްރިޑްގެ ސްޓޭޑިއަމް ސެންތިއާގޯ ބެރުނަބޭ އަށް "ހަރިކޭން" އެއް އަރާނެ ކަމަށް ބެލެވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ދުވާލަކު 0.15 ގެ ބާރު މިނުގައި އަރަމުން އަންނަ "ހަރިކޭން" އެކެވެ. .... އެ ހަރިކޭން އަކީ އަކީ ޓޮޓެންހަމްހޮސްޕާގެ ހެރީ ކޭން އެވެ.

މި އަހަރުގެ މިހާތަނަށް އޭނާ ޖަހާފައިވާ 43 ގޯލްގެ ރޭށިއޯ މުޅި އަހަރަށް ބަހަލާުމުން އެއީ މިއަހަރުގެ މިހާތަނަށް ކޮންމެ ދުވަހަކަށް 0.15 (ސުމެއް ޕޮއިންޓް އެކެއް ފަހެއް) ގޯލެވެ. މިއީ ޔޫރަޕްގެ ބޮޑެތި ލީގް ތަކުގެ ބައެއް ޓީމުތަކުން މުޅި އަހަރުގައި ގޯލް ޖަހާ މިންވަރެވެ. އަދި އެންމެ ހައިރާންވާ ކަމަކީ، ގޯލް މެށިންގެ ގޮތުގައި، ޔޫރަޕްގެ ބައެއް މީޑިއާ ތަކުން ސިފަ ކުރާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ލަނޑު ޖަހާފައި ވަނީ މި އަދަދަށެވެ.

ކޭން އިތުރަށް ސިފަ ކޮށްދޭން، މިދިޔަ ދެ އަހަރު އިންގިރޭސި ލީގްގައި ޓޮޓެންހަމްހޮސްޕާއިން ގަދަ ހަތަރެއްގެ ތެރޭގައި ދަމަހައްޓަމުން އަންނަ ލީޑުން އެކަނިވެސް ފުދެ އެވެ. އެވެ. އޭނާ އަކީ، މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ކުޅުނު 11 މެޗުގައި އޭނާ ވަނީ ޖުމުލަ 22 ލަނޑު ޖާހަފަ އެވެ.

ޓޮޓެންހަމް ކޯޗް މައުރީޝިއާ ޕޮޗެޓިނޯ ބުނީ، ދެން އަންނަން އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީ ފެންނާނީ، އިނގިރޭސި ޕްރިމިއާ ލީގުން ކަމަށެވެ. އެހެން ބުނެ އޭނާ ވަނީ ކޭން ނަން ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ލިސްޓްގައި ހިމަނާފަ އެވެ.

"މެސީ އަދި ރޮނާލްޑޯ، ރެއާލް މެޑްރިޑް އަދި ބާސެލޯނާގައި މިހާރު އެތިބީ، އެ ދެ ކުޅުންތެރިން ދެން އެހެން ބަޔަކަށް ނުގެންދެވޭނެ، ނަމަވެސް އެފެންވަރުގެ މުއްސަދި ކުލަބުތައް މިހާރު ޕްރިމިއާ ލީގްގައި ވެސް އެބައޮތް،" ކުރިން ސައުތު ހެމްޓަންއަށް ވެސް ކޯޗް ކޮށްދިން ޕޮޗެޓިނޯ ބުންޏެވެ. "ދެން އަންނަން އޮތް މެސީ އާއި ރޮނާލްޑޯ ފެނިގެންދާނީ ޕްރިމިއާ ލީގުން ހަމަޔަގީނުން މިހާރު އެކަމުގެ އަލާމާތްތައް ދަނީ ފެންނަމުން، ސަބަބަކީ ކޭން އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް."

ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް މީގެ ކުރިން ބުނެފައި ވަނީ ރޮނާލްޑޯ މެސީއާ ކޭން އަޅުވާ ނުކިޔޭނެ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމުގެ ގާބިލު ކަން ކޭންގެ ކިބައިގައި އެބަހުރި ކަމަށް ލޮރިސް ބުނެފައި ވެއެވެ.

"އަޅާ ނުކިޔޭނެ އެއްޗަކާ އެހެން އެއްޗަކާ އަޅެއް އެއް ނުކިޔޭނެ، އެގޮތުން ރޮނާލްޑޯ އާއި މެސީ އަކީ އެހެން ޕްލެނެއްޓެއްގެ ދެ ކުޅުންތެރިން އެ ކުޅުންތެރިންނާ ކޭން އަލާ ނުކިޔޭނެ ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުގެ ގާބިލު ކަން ކޭން އަށް ލިބިގެންވޭ." ލޮރިން ބުނެފައި ވެ އެވެ.

ކޭންގެ ޖާދޫ ގަދަ ވަމުން އަންނަ އިރު، އޭނާއާ ދިމާލަށް އެހެން ބޮޑެތި ކުލަބުތަކުން ދަނީ ކަޅި އަޅަމުން ނެވެ. އެ ކުލަބު ތަކުގެ އެންމެ ކުރީގައި އުޅެނީ ރެއާލް މެޑްރިޑެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނީ، ގެލެޓިކޯ ތަރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑުން ހެރީ ކޭން ގެނައުމަށް، އަންނަ ސީޒަންގައި ތައްޔާރު ވަމުން ދާ ކަމަށެވެ. ރެއާލް މެޑްރިޑްގައި މިހާރު އެންމެ އެކިއުރޭޓްކޮށް ލަނޑު ޖަހާ ސްޓައިކަރެއް ނެތެވެ. އެހެންވެ އެ ބާގަނޑު ފޫބެއްދުމަށް ރެއާލުގެ ރާޑަރު ހުއްޓިފައި ވަނީ ވެސް ކޭންއާ ދިމާލަށެވެ.

މިރޭ ރެއާލްއާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުގައި، ކޭން ހުއްޓުވުމަކީ ރެއާލްގެ ޑިފެންޑަރުންނަށް އުނދަގޫ ކުރިމަތި ވާނެ ކަމަށް ބެލެވެ އެވެ. އޭނާ މި ސީޒަންގައި ހުރީ ރަނގަޅު ފޯމެއް ގައެވެ. މި ސީޒަންގައި ހެރީ ކޭން ދަނީ ތޫފާނެއް ހެން ވަރުގަދަ ދިފާއީ ފާރުތަކާއި ތަނބުތައް ފޫއަޅުވަމުން ނެވެ.