(15 އޮކްޓޯބަރ 2017 އާ ގުޅޭ)
ނިދަން ބޭނުންވެ ދެ ލޯ މަރާލި ނަމަވެސް ޔާނާގެ ސިކުނޑީގައިވީ މިންނުގެ ޑައިރީއެވެ. އޭގައި ލިޔެފައި ހުރި ވާހަކަތަކެވެ. މިންނު ދެން ކަންތައްކުރާނީ ކިހިނެއްބާއޭ ޔާނާގެ ހިތަށް އަރަމުންދިޔައެވެ. ހައިކަލްގެ ގާތަށް މިންނު ދިޔައީ ކީއްވެތޯ ވެސް ސުވާލު އުފެދިފައި އޮތެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ޔާނާއަށް ނިދުނީ ދަންވި ފަހުންނެވެ.
މުޅިން އާ ދުވަހެއް ފެށި އިރުމެދަށް ޖެހުނުއިރު ޔާނާ އަވަދިނެތި އުޅެމުން އައީ ހޮސްޕިޓަލުގެ ޑިއުޓީގައެވެ. އޭނައަށް ދެފަހަރެއްގެ މަތީން ފޯނުކޯލެއް އައިކަން ވެސް އެނގުނީ ނަރުސްޔުނީފޯރމްގެ ޖީބުގައި އޮތް މޯބައިލް ވައިބުރޭޓު ވީމައެވެ. ނަމަވެސް ދުވާލު ޑިއުޓީއަކީ ބުރަ ޑިއުޓީއަކަށްވުމުން މަސައްކަތާއިހެދި ފޯނު ބަލާލާނެހާ ފުރުޞަތެއް ޔާނާއަކަށް ނުލިބެއެވެ.
ޒޭންގެ ޑިއުޓީ ނިމުމާއެކު ބެލީ އަވަހަށް ގެޔަށް އާދެވޭތޯއެވެ. ބަނޑުހައި ވެސް ވެފައިހުރީމައެވެ. ގެއަށް އަންނަމުން ވެސް ޔާނާއަށް ޒޭން މެސެޖެއް ކުރިއެވެ. ނަމަވެސް ޖަވާބެއް ނާންނާތީ އޭނަ ހުރީ ޔާނާގެ ޚަބަރެއްވާނޭ އިރެއްގެ އިންތިޒާރުގައެވެ.
ހަވީރު ފަހެއް ޖަހާކަން ހާއިރު މަސައްކަތްތައް ހަމައަކަށްއެޅިލުމުން ޔާނާ އެންމެ ފުރަތަމަވެސް ކުރިމަކަމަށްވީ ފޯނު ބަލާލުމެވެ. ހަތަރު ފަހަރުމަތިން ފޯންކޯލުތައް މިސްވެފައި ހުއްޓާ ފެނުނެވެ. ހަތަރު ކޯލު ވެސް އައިސްފައިވަނީ ޒޭންގެ ނަންބަރުންނެވެ. އެހެންވެ އަވަހަށް އޭނާގެ ނަންބަރަށް ޔާނާ ގުޅާލިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. ޔާނާ ހައިކަލް އޮތް ކޮޓަރިއަށް ގޮސް ވަނެވެ. އޭރު އެތަނުގައި އިނީ ލަކްޝްމީއެވެ. އޭނާ ގާތު ޒޭން ހޮސްޕިޓަލަށް އަންނާނީ ކޮންއިރަކުންތޯ ޔާނާ އަހާލިއެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. ލަކްޝްމީއަށް ވެސް ޒޭން އަންނާނެ އިރެއް ލަފާކޮށްލަން ނޭނގެނީއެވެ.
އިރުއޮއްސުނު ވަގުތެވެ. ޔާނާ ކުރާނެކަމެއްނެތި ފޫހިވެފައި ނަރުސް ކުދީން ތިބޭ ކައުންޓަރު ތެރޭގައި އިނެވެ. އެހެން އިންއިރު ވެސް އެތަނުގައި އޮތް ނޯޓުފޮތެއްގައި އޭނާއަށް ލިޔެވެނީ ޒޭންގެ ނަމެވެ. ގަނޑު ފުރުމާއެކު އެގަނޑު ފޮތުން އުފުރާލައި ބޮނޑިކޮއްފައި ޑަސްބިނަށްލައެވެ. ޔާނާ ކައުންޓަރުގައި ބޯޖަހާލިވަގުތެވެ. މީހަކު އޭނަގެ ބޮލުގައި ކޮއްޓާލުމާއިއެކު އަވަހަށް ތެދުވެ ބަލާލިއެވެ. އެ މޫނުން ކުއްލިއަކަށް ހިނިވުމެއް ފާޅުވެގެންދިޔައެވެ. ކައުންޓަރުގައި އަތްއަޅުވާލައިގެން ޔާނާއާ ކުރިމަތިވާގޮތަށް މަޑުކޮށްލައިގެން ހުރީ ޒޭނެވެ. ހިނިތުންވެލައިގެން ތިބެ ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ވާހަކަދައްކަންފެށިއެވެ. އެއާއެކު ޒޭންގެ ވާހަކަދެއްކުން ހުއްޓާލާ ޔާނާއަށް ވާހަކަދައްކަން ފުރުޞަތުދިނެވެ. ދެމީހުން ދެމީހުންނަށް ގުޅިވާހަކަދެއްކިއެވެ. ޒޭން އޭނަގެ އަތުގައި އޮތް ލެޕްޓޮޕް ދަބަހުގެ ތެރެއިން މިންނުގެ ޑައިރީ ދައްކާލިއެވެ. އަދި މިވަގުތު ހައިކަލް އޮތްރޫމަށް ޔާނާއަށް އާދެވޭނެތޯ އަހާލިއެވެ. ޔާނާ އާނއެކޭ ބުނެ ބޯޖަހާލިއެވެ. ދެމީހުންގެ ހަރަކާތް ހުރި ގޮތުން ހީވީ ސިއްރުކަމެއް ކުރާން ދެ މީހުން ވެސް އުޅެނީ ހެނެވެ.
ޔާނާ ކައުންޓަރުގައި ހުރި ފޯނުން މީހަކާ ވާހަކަދެއްކިތާ ދިހަވަރަކަށް މިނެޓުނުވަނީސް އެ ކައުންޓަރަށް ދެ ނަރުހުން އަތުވެއްޖެއެވެ. އެމީހުން ހިނިއައިސްފައި ޒޭނަށް އިޚްތިރާމް އަދާކުރިއެވެ. ޒޭން ވެސް ހިނިތުންވެލަމުން ލޮލުގެ އިޝާރާތުން ޔާނާގާތު ދާން އެދުނެވެ. އެމީހުން އަވަސްވެ ގަތީ ހައިކަލް ބާއްވާފައި އޮތް ކޮޓަރިއަށް ދިއުމަށެވެ. އޭރު ޔާނާއަށް ބަލަން ތިބި ދެ ނަރުސްކުދީން ވެސް ތިބީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ.
ހައިކަލް އޮތް ކޮޓަރިއަށް ޒޭނާއި ޔާނާ ވަނުމުން ލަކްޝްމީ ދާން ނުކުތެވެ. ޒޭން އާދައިގެ މަތިން ހައިކަލްގެ ގާތަށް ގޮސް ހުއްޓިލައި ވާހަކަދައްކައި ހެދިއެވެ. އޭރު ޔާނާ ޒޭންގެ ލެޕްޓޮޕް ލާފައިވާ ދަބަހުން ޑައިރީ ނަގާ ކިޔަން ތައްޔާރުވެލިއެވެ. އެ ޑައިރީ ކުރީން ކިޔާ ނިމުނު ހިސާބު ޒޭން އޮތީ ފާހަގަކޮށްފައެވެ. އެހެންވެ ނިކަން ފަސޭހައިން ކިޔަންވީ ހިސާބު އޮޅުން ފިލިއެވެ. ޔާނާ އެ ޑައިރީ ހުޅުވާލިތާ ގިނަ އިރެއްނުވެ ޒޭން އައިސް ޔާނާގެ ގާތުގައި އިށީނެވެ. އެހާގާތުގައި އިށީނުމުން ޔާނާއަށް ކުޑަކޮށް ދުރަށްޖެހިލެވުނެވެ. ނަމަވެސް ޒޭން އަނެއްކާ ވެސް ޔާނާއާ ގާތަށް ޖެހިލިއެވެ. އެކަމަކު މިފަހަރު ޔާނާ ދުރަށްގޮސްދާނެތީ އޭނާގެ އަތުގައި ހިފިހެއްޓިއެވެ.
"މިހާރު މިވަގުތު އަހަރެން ރޭގައި ކުރި ސުވާލުގެ ޖަވާބު ހޯދަން ބޭނުންވެއްޖެޔާ، ލިބިދާނެތަ" ޒޭން އަހާލިއެވެ. ޔާނާ ލަދުވެތި ހިނިތުންވުމަކާއެކު އިސްޖަހާލައިގެން އިނދެ ބޯޖަހާލިއެވެ. އެއާއެކު ޒޭން އަނެއްކާ ވެސް އަހާލީ އޭނައާ ރައްޓެހިވެދާނަންތޯއެވެ. މިފަހަރު ޖެހިލުމެއްނެތި ޔާނާ ބޯޖަހާލިއެވެ. އާނއެކޭ ބުނާ އުސޫލުންނެވެ. ޔާނާގެ އެ ޖަވާބުން ޒޭން އުފަލުން ހީނލިއެވެ. އަދި ގެނައި އަވަސް ހަރަކާތަކާއެކު ޔާނާގެ މޫނާ މޫނު ގާތްކޮށްލާ އޭނާގެ ކޮތާފަތުގައި ބޮސްދިނެވެ. ބޭއިޚްތިޔާރުގައި ޔާނާއަށް ދެލޯމަރާލެވުނެވެ. ޒޭން އެހާ ގާތްވެލުމުން އެ ހަށިގަނޑުން ދުވި ފިރިހެންވަންތަ މީރު ވަހުން ޔާނާ ލަމުންދިޔަ ނޭވާ އަލުން އެތެރެއަށް ދަމާލެވުނެވެ. ޖަހާފައި ހުރީ ކޮންކަހަލަ ސެންޓެއްކަން ނޭނގުނަސް އެއީ މީރު ވަސްދުވާ ހިތަށް ފިނިކަން ލިބިގެންދާފަދަ ޖާދުވީ އަސަރެއް އެކުލެވޭ ވަހެކެވެ. މަސްތުކަމެއް ހަށިގަނޑަށް ވެރިވެ ޔާނާގެ ގައިން ވަރުދޫވާހެން އޭނާއަށް ހީވިއެވެ.
"އައި ރިއަލީ މިސްޑު ޔޫ، ފެންނާނެ އިރަކަށް ވަރަށް އިންތިޒާރު ކުރެވުނު" ޔާނާއާ ދުރަށްޖެހިލަމުން ޒޭން ބުނެލިއެވެ. ޔާނާއަށް ވާހަކަދެއްކުނީ މަޑުންނެވެ. އޭނާ ވެސް ޒޭން މަތިން ހަނދާންވާ ވާހަކަ ބުންޏެވެ. ހަމައެއާއެކު ޒޭންގެ ލޯބި ވާހަކަތަކާއި އެ ހިތްއަވަސްކުރުވާ ބީހުންތަކުން ޔާނާގެ ސިކުނޑި ހަމައިން ނެއްޓިދާނޭ ހީވެ އޭނާގެ ޟަމީރު އިންޒާރު ދިނެވެ. އެހެންވެ ޔާނާ ޑައިރީ ހުޅުވާލަމުން ކިޔަންވީތޯ އަހާލިއެވެ. ޒޭން ހޫނ ލައްވާލީ އާނއެކޭ ބުނުމަށެވެ. އެއާއެކު ޔާނާ އެންމެ ފަހުން ޑައިރީ ހުއްޓާލި ހިސާބުން ކިޔަންފެށިއެވެ.
* * * * * *
މިންނުގެ ޑައިރީ:
އާދުވަހަކަށް އިރުއެރީ އަހަރެން ހޭލާ އުޅެނިކޮށެވެ. އަހަރެންގެ ބޮލުގަ ރިއްސަނީ ވަކިވަރެއް ބަލާފައެއްނޫނެވެ. ހުރިހާވެސް ކަމަކީ ހައިކަލްގެ ކަންތަކެވެ. އަހަރެން އޮފީހަށް ނުދާން ވެސް ހިތަށްއެރިއެވެ. އެކަމަކު ވެސް ހިތްވަރުކޮށްފައި ހުރިހާ ކަމެއް ކުރުމުގައި އުޅުނީމެވެ. ހެދުނު އަޒާން އަހަރެން ބަލާ އައުމުން އެހެންޏާ އުފާވާވަރަކަށް އުފަލެއް ނުވެވުނެވެ. އޮފީހާ ހަމައަށް އަހަރުމެންނަށް ދެވެންދެން ވެސް މިއަދު އަހަރެންނަށް މާގިނަ ވާހަކަތަކެއް ނުދެއްކުނެވެ. އަޒާން ކުރާ ސުވާލުތަކަށ ވެސް އާނހޫނ އަކުން ނިންމާލެވެނީއެވެ.
އޮފީހުގެ ސައިގަޑި ޖެހުމުން ވެސް އަހަރެން ކޮފީތަށްޓެއް ހިފައިގެން އައިސް އިށީނީ އަހަރެންގެ މޭޒު ކައިރީއެވެ. އަހަންނަށް ކޮންމެވެސް ކަމެއްވެއްޖެކަން އަޒާނަށް އެނގުނެވެ. އޭނާ ވެސް ކޮފީތަށި ހިފައިގެން އައިސް މަޑުކޮށްލީ އަހަރެންގެ މޭޒުގެ ކައިރީއެވެ.
އަޒާން: "މިންނު! މިއަދު ހާދަ ފާޑަކަށް ތިހުންނަނީ؟ ހުރިހާ ރަނގަޅުތަ؟ ރޭގައި ނުނިދަނީތަ؟"
އަހަންނަށް އައި އެ ބަދަލާ މެދު އަޒާން ފުންކޮށް ވިސްނާކަށް އެނގުމުން އުފާ ވެސް ވިއެވެ. އޭނާއަށް ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު އަހަރެންގެ ބޮލުގައި މަޑު ރިހުމެއް ހުރީ ކަމުގައި ބުނީމެވެ. އެވަރު ކުޑަކަމާ އަޒާން ކަންބޮޑުވިތަން ދުށީމެވެ. އޭނާގެ މޭޒު ކައިރިއަށް ގޮސް އެނބުރި އައީ ޕެނަޑޯލް ގުޅައެއް ހިފައިގެންނެވެ. އެ ބޭސްގުޅައިގައި އަހަރެން ހިފީ އުފަލުން އިނދެއެވެ. އަޒާންގެ އޯގާތެރިކަން ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ނަމަވެސް އަހަރެން އޭނާ ގާތުގައި ބުނީ ރަނގަޅަށް ނިދި ނުލިބޭތީ ބޮލުގައި ރިއްސަނީ ކަމުގައެވެ. އެހެންވީމަ އޮފީސް ނިންމާލާފައި ގެއަށް ގޮސް މިއަދު ނިދާލީމާ މީހާ ހަމައަކަށް އެޅިދާނޭ ކަމުގައެވެ.
އޮފީހުގެ ވަގުތައް އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު ދިގުހެން އަހަންނަށް ހީވިއެވެ. ފޫހިވެފައި އިނީމާ ކަމަށް ވެދާނެއެވެ. ގެއަށް ދާން ބޭނުންވީއެވެ. އެހެންވެ އޮފީސް ނިމޭނެ އިރަކަށް އިރުއިރުކޮޅާ ގަޑި ބަލާލެވެއެވެ. ވަގުތު ޖެހޭއިރަށް އަހަރެން އަވަހަށް އަޒާންގެ ގާތުގައި އަހަރެން ގެއަށް ގެންގޮސް ދިނުމަށް އެދުނީމެވެ. އޭނާއަށް އަހަރެންގެ ހާލު ކޮންމެވެސް ވަރަކަށް އެނގޭތީވެ އެއްވެސް އެއްޗެއް ނުބުނެ ނިކަން އަވަހަށް ތެދުވެގެން ހިނގައިގަތެވެ.
އަޒާން: ގެއަށް ގޮސްފައި އެއްވެސް ކަމެއް ނުކޮށް އިހަށް ނިދާނީ އިނގޭ... ޕްރޮމިސްމީ ނިދާނަންކަން"
އަހަރެން ހީނލާފައި އެއްބަސްވީމެވެ. ގެއަށް އާދެވުމާއެކު އަހަރެން އަވަސްވެލީ އަޒާން އެދުނުހެން އަވަހަށް ކޮޓަރިއަށް ދިއުމަށެވެ. ސިޓިންރޫމުން ވަދެގެން އައިއިރު ސުހައްތަގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރުމުން އެނދުގައި އޭނާ އޮތްތަން ފެނުނެވެ. ނަމަވެސް މަޑެއް ނުކުރަމެވެ. ހަލުވިކޮށް އައިސްވަނީ އަހަރެންގެ ކޮޓަރިއަށެވެ.
ފެންވަރާލައިގެން ނުކުމެ ނަމާދުކޮއްލައިގެން އައިސް އަހަރެން އެނދުގައި އޮށޯވެލީމެވެ. އަހަންނަށް ނިދޭކަށް މާގިނައިރެއްނުނެގިއެވެ. ނިދިފައި އޮވެފައި ހޭލަވުނީ މީހަކު ގޮވާލިހެން ހީވެގެންނެވެ. ލޯހުޅުވާލިއިރު މުޅިކޮޓަރިތެރެއަށްވަނީ އަނދިރިކަން ފެތުރިފައެވެ. އަހަރެން ކޮޓަރިތެރެއަށް ވައިވައްދާލުމަށް ހުޅުވާފައި ހުރި ކުޑަދޮރުގެ ބޭރަށް ބަލާލިއިރު އެތަން ވެސް ފެންނަނީ އަނދިރިކޮށެވެ. އިރުއޮއްސިއްޖެކަން އެނގުނީ އެހެންވެއެވެ. އަވަހަށް ތެދުވެގެން ގޮސް ހޮޅިބުރި ދިއްލާލީމެވެ. އަދި ކުޑަދޮރު ލައްޕާލުމަށްފަހު ގަޑިން ވީއިރު ބަލާލީމެވެ. ހަތެއްޖަހަން އުޅެނީއެވެ. ފުރަތަމަ ވެސް ހަނދާންވީ ނަމާދުގެ މަތީންނެވެ. އެހެންވެ އަވަހަށް ވުޟޫކޮށްލައިގެން އައިސް ނަމާދުކޮއްލީމެވެ. ކޮޓަރިން ބޭރަށް ނުކުތީ އިޝާ ނަމާދު ވެސް ކޮށްލައިގެންނެވެ.
އަހަރެން ނުކުތްއިރު ސިޓިންރޫމުގައި ސުހައްތައާއި ހަފިއްތަ ތިއްބެވެ. އެމީހުންގެ އަތުގައި ވަރަށް ރީތިކޮށް ހަދާފައި އޮތް ކާޑެއް އޮތެވެ. ސުހައްތަ ގާތުގައި އައިސް ހުއްޓިލުމާއެކު އަހަންނާ ވާހަކަދެއްކިއެވެ.
ސުހާ: "މިއަދު މާ ވަރުބަލި ދުވަހަކީތަ؟"
ސުހައްތަގެ ސުވާލާއެކު އަހަންނަށް ވެސް ކޮށްލެވުނީ ސުވާލެކެވެ. ހީކުރެވުނީ ކަމަކު ޖެހިގެން ސުހައްތަ އަހަރެން ހޯދީ ކަމަށެވެ.
ސުހާ: "ކަމަކުއެއްނޫން ހޯދީކީ... މިންނު ކޮބާތޯ ބަލާލަން ދިޔައިރު ކުޑަދޮރުހުޅުވާފައި ކޮޓަރީގެ ދޮރުތަޅުލައިގެން އޮތީ ގަދަ ނިދީގައި. މިންނު ނިދާ ވެސް ގަޑިއެއްނޫނެއްނު އެއީ... އެހެންވެ ހިތަށް އެރީ މިންނު ވަރަށް ވަރުބަލިވެގެންނޭ ޖައްސާލާނީ"
ސުހައްތައާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ޖައުބެ ކޮބާތޯ އަހާލީ އާދައިގެ މަތީން އަހާލާފަދަ ގޮތަކަށެވެ. ނަމަވެސް އަހަރެން އެނގެން ބޭނުންވީ ޖައުބެއާއެކު ހައިކަލް އައިތޯއެވެ.
ސުހާ: "ޖައުބެ ވެސް މިއަދު އޮފީހުން އައިގޮތަށް ނިދައިފި... ގޮވާގޮވާ ނުހޭލި... ވަރަށް ކަންނެތްވެފައި އޮތީ. މިންނު! މިތާ އިށީނދެބަލަ. މިއޮތީ ހަފިއްތަގެ ވެޑިން ކާޑު. އާދެބަލަ ބަލާލަން"
ސުހައްތަގެ އަތުގައި އޮތް ރީތި ކަޑަކީ ހަފިއްތަގެ ކައިވެނީގެ ދަޢުވަތު ކާޑުކަން އެނގުމުން ބަލާލާ ހިތްވިއެވެ. އެހެންވެ ސުހައްތަ ގާތުގައި ސޯފާގައި އިށީނދެ ސުހައްތެގެ އަތުގައި އޮތް ކާޑު ނަގާ ފަރުވާތެރިކަމާއެކު ބަލާލީމެވެ. އަހަރެންގެ ސަމާލުކަން އަތުލީ ހަފިއްތަ އިނދެފައި ސުހައްތައަށް ދިއްކޮށްލި ކާޑާއެކު ހައިކަލްގެ ނަން ކިޔާލުމުންނެވެ. އެ ކާޑަކީ ހަފިއްތަގެ ކައިވެންޏަށް ހައިކަލްއަށް ދޭ ދަޢުވަތެވެ. އެ ކާޑަށް ބަލާލާފައި ހަފިއްތައަށް ބަލާލި ވަގުތު އޭނާ އިނީ އަހަންނަށް ބަލަންކަން އެނގުނެވެ. ހަމައެވަގުތު އަނެއްކާ ވެސް ހަފިއްތަ ސުވާލުކުރީ ހައިކަލްއާ ގުޅިގެންނެވެ. މިއަދު އޭނާ މިގެއަށް ނާންނަ ދުވަހަކީތޯ ސުހައްތައާ ސުވާލުކުރީއެވެ.
ހައިފާ: "އެހެން ދުވަސްދުވަހު އޮފީސް ނިންމާގޮތަށް މިގެއަށް އަންނާނެ. މިއަދު ކިހިނެއްވީބާ... ޚަބަރެއް ވެސް ނުވޭ. ބޮޑުކަމެއް ރޭގައި ހިނގީ ކަންނޭނގެ"
ހަފިއްތަގެ ވާހަކަ ހުރި ގޮތުން އަހަންނަށް ނުތަނަވަސްކަން ލިބުނެވެ. ރޭގައި އަހަންނާއި ހައިކަލްއާ ދެމެދު ހިނގާދިޔަ ކަންތައްތަކުގެ މަންޒަރުތައް ކުލަފޮޓޯއަކަށް ދިރުން އެޅިގެން ދާފަދައިން ލޯމަތިން ސިފަކުރެވޭން ފެށިއެވެ. އަވަސްއަވަހަށް ހިންދިރުވާލެވުމާއެކު ހަފިއްތައަށް އަހަރެން ބަލާލީމެވެ. އޭނާގެ އެ ބެލުމުން އަހަންނަށް އުނދަގޫވިއެވެ. ހީވަނީ ގޭގެ އެހެންމީހުންނަށް ނޭނގޭކަމެއް އޭނާއަށް އެނގެނީ ހެންނެވެ. ޚާއްޞަކޮށް ހައިކަލްއާއި އަހަންނާ ދެމެދު ހިނގާ ކަންތައްތަކެވެ. އެކަމާ ސުވާލެއްކޮށް އެއްޗެއް ބުނާނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. އެހެންވެ ހިމޭންކަން ޚިޔާރުކުރީއެވެ. (ނުނިމޭ)