ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް އެސްޓީއޯ

މި އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބާއްވާ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް 2017) ގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ ހަމަޖައްސައިފި އެވެ.

އެމްއައިއެފް ޕްލެޓިނަމް ޕާޓްނަރުގެ އެއްބަސްވުމުގައި ސޮއި ކުރަން މިއަދު ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ އެސްޓީއޯއާއެކު އެއްބަސްވުމަކަށް ދިޔަ މައިގަނޑު ސަބަބަކީ އެ ކުންފުންޏަކީ ރާއްޖޭގެ އިގްތިސޯދުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަކަށްވުމުން ކަމަށެވެ.

މި ފޯރަމްގެ މަގުސަދަކީ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ހުރި ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް އަންގައި ދިނުމެވެ.

"ފޯރަމްގެ އެއް މަގުސަދެއް ސަރުކާރުން ރާއްޖޭގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނު ތަކަށް ގެންނަ ބަދަލުތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ހާމަ ކޮށްދިނުން. މި ފޯރަމްތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްމަންޓްތަކަށް އޮތް ނެގެޓިވް ވާހަކަތައް މިނިމައިޒް ކުރެވޭ،" އާދަމް ވިދާޅުވި އެވެ.

އެމްއައިއެފް 2017 ގެ ޕްލެޓިނަމް ޕާޓްނަރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުސްލިހު މަސީހު ވިދާޅުވީ މި ފޯރަމްގެ ސަބަބުން އެސްޓީއޯ އަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"އެސްޓީއޯ މި ފޯރަމްގައި ބައިވެރިވާތާ ހަތަރު ވަނަ އަހަރު މިއީ. މި ފޯރަމްތަކުގެ ސަބަބުން އެސްޓީއޯއިން ކުރާ މަސައްކަތްތަކަށް ވެސް ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްވެފައި،" މުސްލިހު ވިދާޅުވި އެވެ.

މި އަހަރުގެ ގެ އިންވެސްޓްމަންޓް ފޯރަމް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ގައުމުގެ ވަޒީރުން ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ ސެޝަނަކާއި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް ވިޔަފާރިތައް ތައާރަފްކުރުމަށް ގާލާ ޑިނާ އެވެ.

އެމްއައިއެފް އެންމެ ފުރަތަމަ ބާއްވާފައިވަނީ ސިންގަޕޫރުގަ އެވެ. އޭގެ ފަހުން ޗައިނާގެ ވެރިރަށް ބެއިޖިން އާއި އިންޑިއާގެ ނިއުދިއްލީގައި ވެސް ފޯރަމް ބޭއްވި އެވެ.