ވިޔަފާރި

2.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފި

ވޭތުވެދިޔަ ތިން އަހަރާ ބައިގެ ތެރޭގައި ރާއްޖޭގައި 2.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް އިންވެސްމަންޓް ފޯރަމް 2017، ގެ ޕްލެޓިނަމް ޕާޓްނަރުގެ އެއްބަސްވުމުގައި ސޮއި ކުރަން އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ގިނަ އަދަދެއްގެ އިންވެސްޓްމަންޓްތައް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަމުންދާ، ކަމަށާއި، މީގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓްތައް ގިނަ ކަމަށެވެ.

"އިންވެސްޓްމަންޓް ފޯރަމްތަކުގެ ނަތީޖާ ކަން ނޭނގެ މިއީ. ތިން އަހަރު ދުވަހުގެ ތެރޭގައި 2.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވަނީ ރަޖިސްޓްރީކޮށްފައި،" އާދަމް ވިދާޅުވި އެވެ.

ރާއްޖެ އިންވެސްޓަރުންނަށް ހުޅުވައިލުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ސަރުކާރުން ވަނީ މިހާތަނަށް ތިން އިންވެސްޓްމަންޓް ފޯރަމެއްގައި ބައިވެރިވެފަ އެވެ. މިގޮތުން ސިންގަޕޫރާއި ޗައިނާ އަދި އިންޑިޔާގައިވެސް ވަނީ ފޯރަމް ބާއްވާފަ އެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހު އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ ދުބާއީގަ އެވެ.

އިންވެސްޓްމަންޓް ފޯރަމްތަކުގައި ސަރުކާރުން ވަނީ މައިގަނޑު ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ދެމުންނެވެ. މީގެ ތެރޭގައި އައިހެވަން އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަޝްރޫއު އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ހިމެނެ އެވެ. މިގޮތުން ވީއައިއޭގެ މަޝްރޫއަށް ބިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.