ރާއްޖެ ކުޅިވަރު

ލެސްޓާ ސިޓީ ކޯޗު ޝެކްސްޕިއާ ވަކިކޮށްފި

އިންގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލެސްޓާ ސިޓީގެ ކޯޗުކަމުން ކްރެއިގް ޝެކްސްޕިއާ ވަކިކޮށްފިއެވެ. ކްލައިޑިއޯ ރަންޔޭރީ މަގާމުން ވަކިކޮށް ޝެކްސްޕިއާ އާއި ލެސްޓާ ކޯޗުގެ މަގާމު ހަވާލުކޮށްފައިވަނީ މީގެ ހަތަރުމަސް ކުރިންނެވެ.

ލެސްޓާ ސިޓީގެ ތައިލެންޑްގެ ވެރިޔާ ވަނީ މިއަދު ޝެކްސްޕިއާ އާއި ބައްދަލުކޮށް އޭނާ މަގާމުން ވަކިކޮށްފައިވާކަން އަންގާފައެވެ. ޝެކްސްޕިއާގެ ކޯޗުކަމުގައި 2015-2016 ވަނަ އަހަރުގެ ޕްރިމިާ ލީގެ ޗެމްޕިއަނުން އެންމެ ފަހުން ކުޅުން 10 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

މިވަގުތު ޕްރިމިއާ ލީގުގެ 18 ވަނަ މަގާމުގައި އޮތް ލެސްޓާ އެންމެ ފަހުން ލިގުގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އަތުން އެއްވަރުވީ އެވެ. ޝެކްސްޕިއާގެ ބަދަލުގައި ލެސްޓާގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެސިސްޓެންޓް ކޯޗު މައިކަލް އެޕަލްޓަންއެވެ.

ޝެކްސްޕިއާގެ ކޯޗުކަމުގެ ދަށުގައި އޭނާވަނީ ލެސްޓާ މިދިޔަ އަހަތުގެ ލީގުގައި ރެލިގޭޓުނުވެ ބާއްވާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއަށް އެޓީމު ގެންގޮސްދީފަ އެވެ.

އިންގިރޭސި މީޑިޔާ ރިޕޯޓުތަށް ބުނާގޮތުގައި ލެސްޓާގެ ވެރިންގެ މިނިންމުމާއި މެދު ގިނަ ކުޅުންތެރިން ތިބީ ހިތްހަމަ ނުޖެހިފައެވެ. މި ސީޒަނަށް ތައްޔާރުވުމަށް ޑިފެންޑަރު ހެރީ މެގޫރީ ހަލް ސިޓީއިން ގެނެސްފައިވާއިރު މެންޗެސްޓާ ސިޓީއިން ނައިޖީރިއާގެ ފޯވާޑް އިލެނާޗޯ ވެސްވަނީ ގެނެސްފައެވެ.

މީގެއިތުރުން ލެސްޓާއިން ޗެލްސީއަށް ވިއްކާލި މުހިންމު ކުޅުންތެރިޔާ ޑެނީ ޑްރިންކްވީޓާގެ ބަދަލުގައި އެޓީމަށް ގެނައި މިޑްފީލްޑަރު އަންދްރޭ ސިލްވާގެ ޓްރާންސްފާ ރަޖިސްޓްރޭސަން 14 ސިކުންތު ލަސްވެގެން އޭނާއަށް ޖެނުއަރީ މަހާއި ހަމައަށް ނުކުޅެވޭނެ އެވެ.

ލެސްޓާ ސިޓީގެ ގިނަ ކުޅުންތެރިން އަދި ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި އެޓީމަށް މައްސަލަތަކެއް ދިމާވެގެން މިއުޅެނީ އެޓީމުގެ ރެކްރޫޓްމަންޓް ޗީޕް ސްޓީވް ވެލްސް އެވަޓަންއަށް ބަދަލުވުމަށްފަހު އެވެ.